ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 06:25
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، އެމެރިކާގެ ރައީސް ޖޯ ބައިޑަން
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރިޕަބްލިކް ވޯލްޑް
ޔޫކްރެއިން- ރަޝިޔާ މަސްރަހު
ރަޝިޔާއިން ޔޫކްރެއިނަށް އަރާފާނެތަ؟ ޕޫޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
ރަޝިޔާއިން ތަކުރާރުކޮށް ބުނަމުން އަންނަނީ ޔޫކްރެއިން އަށް އެރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް
އެމެރިކާ އާއި ހުޅަނގުން ބުނަނީ ރަޝިޔާ އޮތީ ކޮންމެ ގަޑިއެއްގައިވެސް ޔޫކްރެއިންއަށް އެރުމަށް ތައްޔާރަށް ކަމަށް
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޯމަ ދުވަހުގެ ރޭ ވަނީ ރަޝިޔާއިން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޔޫކްރެއިން އަށް ހަމަލާދޭނެކަމަށް ވިދާޅުވެފަ

މިވަގުތު ދުނިޔޭގެ ނަޒަރު އެކަމަކަށް ހުއްޓިފައިވާ އެންމެ ބޮޑު އެއް ކަމަކީ ރަޝިޔާއާއި ޔޫކްރެއިންގެ މަސްރަހެވެ. ރަޝިޔާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުގައި ރަޝިޔާގެ އެއްލައްކަތިރީސް ހާސް ސިފައިން ރުކުރުވާލާފާއި ވާއިރު ރަޝިޔާއިން އަންނަނީ އެސަރަހައްދުގެ ސަލާމަތީ ކަންކަމުގެ ޔަގީންކަން ހުޅަނގުން ދިނުމަށް އެދެމުންނެވެ. އަނެއްކޮޅުން އެމެރިކާ އިން ބުނެފައިވަނީ އެގައުމަށް ލިބިފައިވާ އިންޓެލިޖަންސް މައުލޫމާތަށް ބަލާއިރު ރަޝިޔާ އޮތީ ކޮންމެ ގަޑިއެއްގައިވެސް ޔޫކްރެއިން އަށް ހަމަލާދިނުމަށް ތައްޔާރަށް ކަމަށެވެ.

އެއާކު މަޝްރަހު ކުރިޔަށްވުރެ ހޫނުވެފައިވާއިރު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޯމަ ދުވަހުގެ ރޭ ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ހަމަލާދޭނެކަމަށް ވިދާޅުވެ އެދުވަހަކީ އެގައުމުގެ އެއްބައިވަންތަކަމުގެ ދުވަސްކަމުގައި ކަނޑައަޅުއްވާފައެވެ.

މަސްރަހު މިވަގުތު އޮތީ ކޮންމެ ގޮތަކަށްވެސް ބަދަލުވުމުގެ ހިސާބުގައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް އެރުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށް؟

ރަޝިޔާއިން ތަކުރާރުކޮށް ބުނަމުން އަންނަނީ އެގައުމުން ޔޫކްރެއިން އަށް ހަމަލާދީ އެގައުމަށް އެރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ. ރަޝިޔާގެ ފޮރިން އިންޓެލިޖެންސް ޗީފް ސަރްގީ ނަރްޝްކިން ވަނީ އެފަދަ ވާހަކަތަކަކީ އެމެރިކާ އާއި ހުޅަނގުން ފަތުރަމުންދާ ނުރައްކާތެރި ދޮގެއްކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިކަން ސީރިއަސްކަމެއްގެ ގޮތުގައި ނަގަނީ 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއަން އަށް އަރައިގަނެ ޔޫކްރެއިންގެ ބައެއް ހިސާރުކޮށްފައިވާތީއެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ވަނީ ހަނގުރާމައެއް ފެށުމަކީ ވަރަށް ގާތްކަމެއްކަމަށް ވިދާޅުވެފައެވެ. އެމެރިކާއިން ބުނަމުން އަންނަނީ ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭނެކަމަށާއި ދޭނެ ދުވަހެއް ކަނޑައަޅުއްވާނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވީއެންމެ އަވަހަކަށް ޔޫކްރެއިން އިން ފޭބުމަށް އަންގާފައެވެ. ބައެއް ގައުމުތަކުން ވަނީ މިހާރުވެސް ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން އެގައުމުން ބޭލުވުމުގެ މަސައްކަތް ފަށާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިސް މިލިޓަރީ އޮފިސަރ ޖެން މާކް މިލޭ ވަނީ ރަޝިޔާގެ އަސްކަރިއްޔާ އެސަރަހައްދުގައި ހަރަކާތްތެރިވާ މިންވަރަށް ބަލާއިރު އެސަރަހައްދުގައި ހިނގާނީ ވަރަށް ވަރުގަދަ ހަނގުރާމައެއް ކަމަށް ވިދާޅުވެ އެކަމުގެ އިންޒާރު ދެއްވާފައެވެ.

އަނެއްކޮޅުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ހުޅަނގުގެ ގައުމުތަކަށް ބިރުވެރިކަން ނުއުފެއްދުމަށް ގޮވާލައްވާފައެވެ.

ހުޅަނގުން އަންނަނީ ރަޝިޔާއަށް ޔޫކްރެއިންއަށް އަރައިފަނަމަ އެކަމުގެ ނަތީޖާ ހިތިވާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ. އެކަމާއި ގުޅިގެން ރަޝިޔާގެ ރައީސް ޕުޓިން ވަނީ ހުޅަނގުން މިމައްސަލައިގައި ގަދަބާރުން ކަންކަން ކުރާނަމަ އެކަމުގެ ރައްދު ރަޝިޔާއިން ދޭނީ އަސްކަރީ ގޮތުންކަމަށް ވިދާޅުވެފައެވެ.

އެއްލައްކަ ސިފައިން ރަޝިޔާ އާއި ޔޫކްރެއިން ގުޅޭ ސަރަހައްދީ އިމުގައި ރުކުރުވާލާފައިވާއިރު އިތުރު 30،000 ސިފައިން ގެންދަނީ އަސްކަރީ ހަރަކާތްތައް ބެލަރޫސް ގައި ހިންގަމުންނެވެ. އެއީ ޔޫކްރެއިންގެ ބޯޑަރާއި 674 މޭލު ދުރުގައި އޮންނަ ސަރަހައްދެކެވެ.

ރަޝިޔާގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރ ދާދިފަހުން މިހާރުގެ ހާލަތު ސިފަކުރެއްވީ 1962 ވަނަ އަހަރުގެ ކިޔުބާގެ މިސައިލް މައްސަލަ އާއެވެ. އެފަހަރު އެމެރިކާ އާއި އޭރުގެ ސޯވިއެޓް ޔޫނިއަން އަދި މިހާރުގެ ރަޝިޔާ އާ ދެމެދު ނިޔުކުލިއަރ ބޮޑު ދެބަސްވުމަކަށް ދިޔައެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އިންޒާރުދެނީ ކީއްވެ؟

ރަޝިޔާއިން ކަންބޮޑުވަނީ ނޯރތު އެތްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ޔޫކްރެއިން މާ ގުޅުން ބޮޑުވާތީއެވެ. ރަޝިޔާއިން މިހާރު އެންމެ ބޮޑަށް އެދެމުން އަންނަ ކަމަކީ ޔޫކްރެއިން ދުވަހަކުވެސް ނޭޓޯ އާ ނުގުޅޭނެކަމުގެ ޔަގީންކަން ޔޫރަޕާއި ޔޫކްރެއިން އިން ދިނުމެވެ.

ޔޫކްރެއިން އަކީ އީޔޫ އާއި ރަޝިޔާ އާއި ބޯޑަރު ހިއްސާކުރާ ގައުމެކެވެ. ނަމަވެސް ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނޭ ޔޫކްރެއިންގެ އިޖުތިމާއީ ، ސަގާފީ ގިނަ ކަންކަން ގުޅެނީ ރަޝިޔާއާއެވެ. ޔޫކްރެއިންގެ ގިނަ ބަޔަކު ވާހަކަދައްކަނީވެސް ރަޝިޔާ ބަހުންނެވެ.

ޔޫކްރެއިންގައި އޮތް ރަޝިޔާއަށް ތާއީދު ކުރާ ސަރުކާރު ވައްޓާލިފަހުން ރަޝިޔާއިން ވަނީ ޔޫކްރެއިން އަށް އަރާ ޔޫކްރެއިންގެ ދެކުނުން އޮންނަ ކްރައިމިއާ ހިފާފައެވެ. އަދި ޔޫކްރެއިންގެ އިރުމަތީގެ ބޮޑު ބައެއްވެސް ވަނީ ހިފާފައެވެ. އެސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ ރަޝިޔާއަށް ތާއީދުކުރާ އަސްކަރީ ފައުގްތަކެވެ. މިހަމަނުޖެހުމަށް ފަހު އެސަރަަހައްދުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގްރޫޕްތަކުން އަންނަނީ ޔޫކްރެއިންގެ އަސްކަރިއްޔާ އާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ.

ރަޝިޔާއިން ނޭޓޯގެ ފަރާތުން ބޭނުންވަނީ ކޮންކަމެއް؟

ރަޝިޔާއިން ވަނީ މިމައްސަލައިގައި ރަޝިޔާއިން ބޭނުންވާ ގޮތް ވަރަށް ރަނގަޅަށް ސާފުކޮށްދީފައެވެ. އެގޮތުން ރަޝިޔާއިން ބޭނުންވަނީ ދުވަހަކުވެސް ޔޫކްރެއިން ނޭޓޯގެ މެމްބަރު ގައުމަކަށް ނުވާނެކަމުގެ ޔަގީންކަން ހޯދުންކަމަށް ވަނީ ބުނެފައެވެ.

އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ ޔޫކްރެއިން ނޭޓޯ އާ ގުޅިއްޖެނަމަ ނޭޓޯއިން ކްރައިމިއާ ހިފުމަށް މަސައްކަތްކޮށްފާނެކަމަށެވެ.

މިމައްސަލައިގައި ރަޝިޔާއިން ތުހުމަތުކުރަނީ ނޭޓޯގެ ގައުމުތަކުން ޔޫކްރެއިން އަށް ހަތިޔާރު ފޯރުކޮށްދޭކަމަށެވެ. އަދި އެމެރިކާ އިން ގެންދަނީ ރަޝިޔާގެ ސަލާމަތަށް ނުރައްކާކުރަމުން ކަމަށެވެ.

އެހެން ގޮތަކަށް ބުނާނަމަ ރަޝިޔާއިން ބޭނުންވަނީ ނޭޓޯ އިން 1997 ވަނަ އަހަރު އޮތް ހިސާބުގައި އޮންނާށެވެ. އޭރު ނޭޓޯގެ ބާރު ހިނގަމުންދިޔަ ސަރަހައްދުގައި އެކަނި ނޭޓޯގެ ބާރު ހިންގާށެވެ. އެހިސާބަށް އަލުން ރުޖޫއަވާށެވެ.

ރަޝިޔާއިން އެދެމުން އަންނަނީ އިރުމަތީގައި ނޭޓޯގެ ހަރަކާތްތައް ފުޅާ ނުކުރުމަށާއި އިރުމަތީ ޔޫރަޕްގައި ނޭޓޯއިން ހިންގަމުން އަންނަ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށެވެ. އޭގެ މާނައަކީ އެސަރަހައްދުގައި އޮތް ޕޮލެންޑް، އެސްޓޯނިއާ، ލެޓްވިއާ އަދި ލިތުއޭނިއާގައި އޮތް އަސްކަރީ ބޭސްތަކާއި އަސްކަރީ ހަރަކާތްތައް ނިމުމަކަށް ގެނެސް އެތަންތަނުން ފޭބުމެވެ.

ޕޫޓިން ގަބޫލުފުޅުކުރައްވާ ގޮތުގައި ހުޅަނގުން 1990 ވަނަ އަހަރު ވަނީ ނޭޓޯއިން އިރުމަތީ ސަރަހައްދުގެ އެންމެ އިންޗިއެއްވެސް ނޭޓޯގެ ބާރުގެ ދަށަށް ނުގެންދާނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް އެއީ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރުއެވެ.

ރަޝިޔާއިން ޔޫކްރެއިން ފަރާތުން ބޭނުންވަނީ ކޮންކަމެއް؟

ރަޝިޔާއިން ކްރީމިއާ ހިފީ އެއީ ރަޝިޔާގެ ބައެއް ކަމަށް ބުނެއެވެ. ޔޫކްރެއިން އަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ސޯވިއެޓް ޔޫނިއަން ނިމުމަކަށް އައިސްފައިވަނީ 1991 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ޕޫޓިން ދެކެވަޑައިގަންނަވާ ގޮތުގައި ޔޫކްރެއިން އަކީ ރަޝިޔާގެ ބައެކެވެ.

އެކަން ބޮޑަށް ތިލަވެގެން އައީ މިދިޔަ އަހަރު ޕުޓިން ރަޝިޔާ އާއި ޔޫކްރެއިން އަކީ އެއް ގައުމެއްކަމަށް ވިދާޅުވި ހިސާބުންނެވެ. ޔޫކްރެއިންގައި މިހާރު ތިއްބެވި ލީޑަރުންނަކީ ރަޝިޔާ އާ ދެކޮޅު ބައެއްކަމަށް ޕޫޓިން ސިފަކުރެއްވިއެވެ.

ރަޝިޔާއިން އެންމެ ބޮޑަށް މިމައްސަލައިގައި ރުޅި އައީ 2015 ވަނަ އަހަރު އެކުލަވާލާފައިވާ މިންސްކް ސުލްގައިގެ އެއްބަސްވުމުގައި ވާ ކަންތައްތަކުގެ ތެރެއިން އިރުމަތީ ޔޫކްރެއިން އާ ގުޅުންހުރި ކަންކަން ފުރިހަމަވުން މާބޮޑަށްވެސް ލަސްވާތީއެވެ. އެ އެއްބަސްވުން އެކުލަވާލީ ޔޫކްރެއިންގެ ޑޮންބަސް ސަރަހައްދުގައި ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. 2014 ވަނަ އަހަރު އެކުލަވާލި މިއެއްބަސްވުމުގައި ބައިވެރިވަނީ ޔޫކްރެއިން އާއި ރަޝިޔާ އާއި އޯގަނައިޒޭޝަން ފޮރ ސެކިޔުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) އެވެ.

އެސަރަހައްދުގެ އެކި ހިސާބުތަކުގައި ހިނގަމުންދާ އިންތިޚާބުތައް މިނިވަންކަމާއެކު މޮނިޓަރ ކުރެވޭނެ ނިޒާމެއް އަދިވެސް ގާއިމުވެފައި ނުވެއެވެ. އެއީ ރަޝިޔާއިން އެސަރަހައްދަށް ނުފޫޒުފޯރުވަން ކުރާ ކަމެއްކަމަށް ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގުކުރެއެވެ.

ރަޝިޔާ ހުއްޓިވިދާނެތަ؟

މިހާރު އެންމެ ބޮޑަށް އުފެދޭ ސުވާލަކީ ރަޝިޔާ ހުއްޓުވިދާނެތޯ ކުރެވޭ ސުވާލެވެ. ރަޝިޔާގެ ރައީސް އާ އެތައް ފަހަރެއްގެ މަތިން އެމެރިކާގެ ރައީސް ޖޯ ބައިޑަން އިތުރުން ފްރާންސްގެ ރައީސް މެނުއަލް މެކްރޮން ވަނީ ވާހަކަދައްކަވާފައެވެ. އެންމެ ފަހުން ފްރާންސްގެ ރައީސް ޕުޓިން އާ ދެއްކެވި ވާހަކަތަކަށްފަހު ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންއަށް ނާރާނެކަމަށް ޕުޓިން ވިދާޅުވިކަމަށެވެ.

ދެން އުފެދޭ ސުވާލަކީ މިކަމުގައި ރަޝިޔާ ދާނީ ކިހާ ހިސާބަކަށްތޯއެވެ.

ވައިޓް ހައުސް އިން ތަކުރާރުކޮށް ބުނަމުން އަންނަނީ ބޯޑަރު ސަރަހައްދުގައި ރަޝިޔާއިން ހިންގާ ކޮންމެ އަމަލަކީވެސް ޔޫކްރެއިންއަށް އަރައިގަތުމަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވޭނެކަމަށެވެ. އަނެއްކޮޅުން ރަޝިޔާގައި އަތުގައި ހުރި ހަތިޔަރާރާއި، ސައިބަރ އެޓޭކް ދިނުމުގެ ގާބިލްކަން އެމެރިކާއިން އަންނަނީ ފާހަގަކުރަމުންނެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ޔޫކްރެއިން ސަރުކާރުގެ 70 ވެބްސައިޓެއް ޑައުންވިއެވެ. ޔޫކްރެއިން އިން އެކަންކުރީ ރަޝިޔާ ކަމަށް ބުނިނަމަވެސް ރަޝިޔާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ޕެންޓަގަން އިން ތުހުމަތުކުރާ ގޮތުގައި ރަޝިޔާއިން އަންނަނީ ޔޫކްރެއިން އަށް އެރުމަށް ބޭނުންވާ ސަބަބުތައް އުފައްދަމުންނެވެ. ނަމަވެސް ރަޝިޔާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

ރަޝިޔާއިން ވަނީ ޕްރޯ ރަޝިއަން ގްރޫޕްތަކުން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް ހަތް ލައްކަ ޕާސްޕޯޓް ދޫކޮށްފައެވެ. އެއީ ރަޝިޔާއިން ބޭނުންވާ ކަމެއް ނުވިނަމަވެސް ރަޝިޔާގެ ރައްޔިތުންނަށް ރައްކާތެރިކަން ދެނީ ކަމަށް ބުނުމުގެ ގޮތުންނެވެ.

ޔޫކްރެއިން ބޭނުންވަނީ ނޭޓޯ އާ ގުޅެވޭނެކަމުގެ ސާފު ޓައިމްލައިނެކެވެ. އަނެއްކޮޅުން ރަޝިޔާއިން އަންނަނީ ނޮން ނޭޓޯ ގައުމުތައް ކަމުގައިވާ ސްވިޑިން އާއި ފިންލެންޑް ފަދަ ގައުމުތަކަށް ނޭޓޯ އާ ނުގުޅުމަށް އެދެމުންނެވެ. ނަމަވެސް އެގައުމުތަކުން ވަނީ ރަޝިޔާއަށް ނޫނުކޭ ބުނެފައެވެ.

ހުޅަނގުން ޔޫކްރެއިންގެ ދިފާއުގައި ދާނީ ކިހާ މިންވަރަކަށް؟

އެމެރިކާ އާއި ނޭޓޯއިން ބުނެފައިވަނީ ޔޫކްރެއިން އަށް ހަނގުރާމަމަތީ ސިފައިން ފޮނުވުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ. ނަމަވެސް ޔޫކްރެއިންއަށް އެހީތެރިކަންދޭނެ ކަމަށެވެ.

އެމެރިކާއިން މިހާރުވެސް ވަނީ 8500 ސިފައިން ކުއްލި ހާލަތުގައި ބައިތިއްބާފައެވެ. އަދި އިތުރު 3000 ސިފައިން ޖަރމަނީ، ރޫމޭނިއާ އަދި ޕޮލެންޑަށް ފޮނުވާފައެވެ. އަަދި ނޭޓޯގެ އެހެން ގައުމުތަކުންވެސް ވަނީ އިރުމަތީ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިމައްސަލައިގައި ޔޫރަޕުން ގެންގުޅޭ މައިގަނޑު ސިޔާސަތެއްގެ ގޮތުގައި ބެލެވެނީ ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ޔޫކްރެއިން އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެއީ ހަތިޔާރާއި އެކި ގޮތްގޮތުންނެވެ.

ޕޮލެންޑުން ވަނީ ސަރވެއިލަންސް ޑްރޯން ތަކާއި އާއި މޯޓަރ ބޮމާއި، ޕޯރޓެބެލް އެއަރ ޑިފެންސް ސިސްޓަމެއް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އިނގިރޭސިވިލާތް، ޑެންމާކު، ކެނެޑާ، ޗެކް ރިޕަބްލިކް ފަދަގައުމުތަކުން ވެސް ވަނީ ސަލާމަތީގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެ އެކަންކަން ހުށަހަޅާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޕޫޓިން އަށް އެތައް ފަހަރު އިންޒާރުދެއްވާފައެވެ. ޔޫކްރެއިން އަށް ހަމަލާދީފިނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށާއި މީގެކުރިން ދުވަހަކުވެސް ދެކެފައިނުވާވަރުގެ ކަންތައްތަކެއް ހިނގާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އިގްތިޞާދީ ގޮތުން ކުރިމަތިކުރުވާނެ ކަމަކީ ރަޝިޔާގެ ބޭންކިންގ ސިސްޓަމް ބައިނަލްއަގްވާމީ ސްވިފްޓް ޕޭމަންޓް ސިސްޓަމުން ވަކި ކޮށްލުމެވެ. ނަމަވެސް އެކަންކުރާނީ އެންމެ ފަހުފިޔަވަޅެއްގެ ގޮތުން އެނޫން އެއްވެސް ގޮތެއް ނެތިއްޖެނަމައެވެ. އެއީ އެކަމުގެ ސަބަބުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އިގްތީޞާދަށް ބޮޑެތި އަސަރުތަކެއް ކުރާނެތީއެވެ.

ދެންއޮތީ ރަޝިޔާ އިން ޖަރުމަނަށް އަޅާފައިވާ ގޭސް ހޮޅިގެ ކަންތަކެވެ. އެކަމުގައި ގޮތެއް ނިންމުން މިހާރު އޮތީ ޖަރުމަނުގެ އެނަރޖީ ރެގިޔުލޭޓަރގެ އަތްތަމަތީގައެވެ.

އަނެއްކޮޅުން ބައިޑަން ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް އަރައިފިނަމަ ޕުުޓިން އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އިނގިރޭސިވިލާތުންވެސް ވަނީ ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތެރޭގައި ތިބި މީހުންނާއި ވަށައިގެން ތިބި މީހުންނަށް ފިލަންދެވޭނެ ތަނެއް ނެތްކަމަށް ބުނެ އިންޒާރު ދީފައެވެ.

ހައްލު ގެނެވޭނެ އެއްބަސްވުމަކީ ކޮބާ؟

މިކަމުގައި ހައްލެއް ގެނެވޭވަރުގެ އެއްބަސްވުމަކަށް ވާނީ އިރުމަތީ ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ އާއި މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެއްބަސްވެވޭ އެއްބަސްވުމެކެވެ. ހަމަދެންމެދެންމެ ހަނގުރާމައެއް ފެށިދާނެހެން ހީވާ ހިސާބުގައި މަސްރަހު އޮތްއިރު ރަޝިޔާ ، ޔޫކްރެއިން، ފްރާންސް އަދި ޖަރުމަނު ހިމެނޭހެން އަންނަނީ މިންސްކް ސުލްހައިގެ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް އަދި މިހާތަނަށް މިވާހަކަތަކުގައި ކުރިއެރުމެއް ލިބިފައެއްނުވެއެވެ.

ވާހަކަތައް ދާގޮތާމެދު ޔޫކްރެއިން އޮތީ ހިތްހަމަޖެހިގެން ނޫނެވެ. އެއީ ރަޝިޔާއިން ބޭނުންވާ ގޮތަށް މާބޮޑަށް ކަންކަން ކުރުމަށް ދާތީއެވެ.

ޖުމްލަ ގޮތެއްގައި މިކަމުގައި އޮތް ހައްލަކީ އެސަރަހައްދުގެ ސަލާމަތާއި ނޭޓޯ އާއި އެމެރިކާ އަދި ރަޝިޔާގެ ސަލާމަތާއި ގުޅޭގޮތުން މައްސަލައިގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް އެއްބަސްވުމަކާ ހަމައަށް އާދެވެމެވެ.

އެޑިޓަރުގެ ނޯޓް:
ތަންކޮޅެއް ދިގެއް ނޫންތަ؟
- ކޮމެންޓް