ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 14:07
ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ލިބިފައިނުވާ ގިނަ ދޫނިތަކެއް މަރާލާފައި
ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ލިބިފައިނުވާ ގިނަ ދޫނިތަކެއް މަރާލާފައި
ސޯޝަލްމީޑިއާ
ރާއްޖެއަށް އެތެރެކުރި ދޫނިތައް މެރުން
ދޫނިތަކާއެކު، ކިނބުލާއި ކުކުޅާއި، ކާޅާއި ވެލާ މަރާ ވާހަކަތަކުގެ އަޑުވެސް ގަދަވެއްޖެ
 
ސަރުކާރުގެ އިދިކޮޅު މެމްބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެ، އެކަމާ ގުޅުންހުރި ވަޒީރުންގެ އިސްތިއުފާއަށް ގޮވާލާފައި
 
ލާއިންސާނީ ގޮތެއްގައި ދޫނިތައް މަރާލުން އެއްވެސް ބަޔަކު ބަލައެއް ނުގަނޭ
 
މި މައްސަލައަކީ މިހާތަނަށްވެސް އެއްވެސް ސަރުކާރަކަށް މުޅިން ޙައްލު ނުކުރެވިވާ މައްސަލައެއް

ރަށު ޑިންގީގައި އާދަނާއި ދޮން މޮހަނު އެއޮއްގެން އަންނަނީ ވެލާ ނަގައިގެންނެވެ. ރަށު ފަޅުތެރެއިން ޑިންގީ ވަދެގެންދާއިރު، ޑިންގީ ތެރޭގައި އެކި ވަރުވަރުގެ ބާލިދީތައް ނިކަން ބާރަށް މަތި ޖަހާފައި ހުރެއެވެ. ބަނދަރު މަތީ ހޭލަމޭލައަށް އުޅޭ މީހުންނަށްވެސް އެމީހުން ރަށަށް އަރައިގެންދާތަން ފެނެއެވެ. ބަނދަރު ޖޯލީގައި ހަވީރު ފިންޏަށް އަރާމުކޮށްލަން އޮންނެވި އެރަށު ގާޒީއަށްވެސް މި މަންޒަރު ފެނެއެވެ.

ދެން ފެންނަނީ ގާޒީ ގޮސް އެ ގެއަށް ވަދެވަޑައިގެންނެވި މަންޒަރެވެ. ބަލާ ބެލުމަށް މިފަހަރު އެމީހުންނަށް ސަލާމަތެއް ނެތެވެ. ގާޒީ ބަރު ހިންގެވުމުގައި އެހެރަގޮސް އެ ގެޔަށް ވަންނަނީއެވެ. ނަމަވެސް ގާޒީ ނުކުމެގެން އަންނަނީ އެހާ ހަރު ހިނގުމެއްގައެއް ނޫނެވެ. ޒާތަކަށް ކޮޅު ކޮޅު ބަލަމުން އެހެރަގެން ދަނީއެވެ. އަތްޕުޅުގައި އާދައިގެ ވަރެއްގެ ކޮތަޅެއް އޮވެއެވެ.

އޭރު އެމަގުން މާ ދުރުން ކައުންސިލުގެ ރައީސްވެސް ދުރުވާތަން ފެނެއެވެ. ހީވަނީ ރަށު ކޮންމެވެސް މީހެއްގެ ފަރާތުން ޚަބަރު ލިބިގެން ވެލާ ނެގި މީހުންނަށް ފިޔަވަޅު އެޅުމަށް ދުރުވަނީ ހެންނެވެ. އެކަމަކު ގެއަށް ވަންނަމުން ކައުންސިލުގެ ރައީސްގެ ޖީބުންވެސް ނެގީ އާދައިގެ ޕްލާސްޓިކް ކޮތަޅެކެވެ. ކޮތަޅު ނިއުޅާލައްވަމުން އެގޭތެރެއަށް ވަދެވަޑައިގެންނެވީ ދެފަރާތް ނިކަން ރަނގަޅަށް ބައްލަވަމުންނެވެ.

އެ ދުވަހުގެ މެންދުރެއްހާއިރެވެ. އެ ގެއިން ވެލާ ތެޔޮކުނޑި ހަދާ ވަސްގަނޑު މާ ގަދަވެގެން އަވައްޓެރި ބައެއް މީހުން ނިކަން ރަނގަޅު ލަނޑެއް ދޭނަމޭ ހިތައި ފުލުހުންނަށް ރިޕޯޓު ކުރިއެވެ. އިސާހިތަކު ރަށު ޕޮލިސް ސްޓޭޝަންގެ އިންޖާރޗު އެގެއަށް ވަޑައިގެންފިއެވެ. ސައިކަލުގެ ފުރޮޅު ކަހާލައްވާފައި އެއޮއް ވަޑައިގެންނެވި ގޮތް ބޮޑަށް ސިފަވަނީވެސް ބޮލީވުޑްގެ ފިލްމުތަކުގައި ފެންނަ "ސިންހަމް"، "ދަބަންގް" ގެ މަންޒަރަކާއެކެވެ. ނަމަވެސް ފުލުސް އޮފިސަރު ނުކުމެގެންދާއިރު ދަނީ ހަމައެއްކަލަ ގޮތަށް ދެފަރާތް ބަލަމުންނެވެ. ޖީބުގައި އޮތް ރުމާކޮޅެއް ނަގައި ތުން ފުހެލާތަންވެސް ފެނެއެވެ. ސައިކަލަށް އަރައިގެން އެއޮއް ދުއްވާލީ ހިނިތުންވެ އިނދެއެވެ.

ރާއްޖޭގައި ވެލައި ހިފުމަކީ ގާނޫނުން މަނާ ކަމެއްނަމަވެސް، މިއީ މިކަން މިއަދުވެސް ގިނަ ރަށްރަށުގައި ހިނގަމުންދާ ގޮތެވެ.

ވެލާ މެރުމަކީ ގިނަ ރަށްރަށުގައި މިހާރުވެސް ހިނގާ ކަމެއް

ރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ލިބިފައިނުވާ ގިނަ ދޫނިތަކެއް މަރާލި މައްސަލައާއެކު، ފެންނަން އޮތް މަންޒަރަކީ މި މައްސަލައަކީ މިހާތަނަށްވެސް އެއްވެސް ސަރުކާރަކަށް މުޅިން ޙައްލު ނުކުރެވިވާ މައްސަލައެއް ކަމެވެ. ބަންޑާރަނައިބުގެ އޮފީހުން ބުނާ ގޮތުގައި އެއީ "ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު"ގައި ނުހިމެނޭ ދޫނިތަކެކެވެ. ގަވާއިދާ ޚިލާފަށް ދޫންޏެއް އެތެރެކުރާ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި, އެ ދޫންޏެއް ނައްތާނުލައި، އެތެރެކުރި ގައުމަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގައި ބުނެއެވެ.

މިނިސްޓްރީން ބުނާ ގޮތުގައި އެ ޤަވާއިދުގެ ދަށުން ދޫނިތައް ރީއެކްސްޕޯޓު ކުރުމަށް އެ ގެނައި ފަރާތަށް 4 މަހެއްހާ މުއްދަތު ދެވުނެވެ. އެ މުއްދަތުގެ ތެރޭގައި ދޫނިތައް ބެލެހެއްޓީ މިނިސްޓްރީންނެވެ. ދޫނިތައް މަރާލާފައިވަނީ އެ މުއްދަތު ފަހަނައަޅައި ގޮސް، އެ ގެނައި ފަރާތަށް އެކަން ނުކުރެވުމުންކަމަށް މިނިސްޓްރީން ބުނެއެވެ.

އެކަމަށް ވާހަކަ ދައްކާ އެއް ބަޔަކު ބުނަމުންދަނީ އޭގެ ތެރޭގައި ހިމާޔަތް ކުރެވިފައިވާ ދޫނިވެސް ހިމެނޭ ކަމަށެވެ. ކޮންމެ ޙާލަތެއްގައިވެސް ދޫންޏެއް މަރައިގެން ނުވާނެ ކަމަށެވެ. އަނެއްކޮޅުން އެކަމަށް ރައްދުދޭ މީހުން ބުނަމުންދަނީ ދޫންޏަކީ އޭގެ ސަބަބުން ބައެއް ފަހަރު އެކި ބާވަތުގެ ވައިރަސްވެސް ފަތުރާ އެއްޗެއް ކަމަށެވެ. ރާއްޖޭގައި ގެންގުޅުން މަނާ ދޫންޏެއް ބަހައްޓައިގެން އުޅޭނަމަ އެކަމަށް އެންމެ އެކަށީގެންވާ ފެސިލިޓީއާއި ވަސީލަތްތައް ހުންނަންޖެހޭނެ ކަމަށެވެ. ސިއްޙީ ގޮތުންވެސް ކަށަވަރު ކުރަންޖެހޭ މިންގަނޑުތައް ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

އެމީހުން ބުނާ އިތުރު ވާހަކައެއްވެސް އޮވެއެވެ. އެއީ ކޮންމެ ޙާލަތެއްގައިވެސް ދޫންޏެއް މަރާލައިގެން ނުވާނެކަމަށް ބުނާނަމަ، ދޭތެރެ ދޭތެރެއިން ވާލުގެ އުނދަގުލާއި ހެދި ރަށްރަށުން ވާ މެރުމަށް ކުރިއަށްގެންދާ ކަންކަމާއި، ކާޅު މެރުން ފަދަ ކަންކަމަކީވެސް ހަމަ އެއްވަރަކަށް އަޑު އުފުލަންޖެހޭ ކަންކަމެވެ. އެގޮތުން ބަލާނަމަ ހުރިހާ ދޫންޏަކަށްވެސް ދިރިއުޅުމުގެ ފުރުސަތު ދޭންޖެހޭނެކަމަށް އެމީހުން ބުނެއެވެ. ކޮންމެއަކަސް މިވާހަކަ މިހާރު ވަނީ ސިޔާސީ ބަހުސްގެ ތެރެއަށްވެސް ވަދެފައެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި މައުޟޫއަށް މެމްބަރުން ބަހުސް ކޮށްފައިވާއިރު، ސަރުކާރުގެ އިދިކޮޅު މެމްބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެ، އެކަމާ ގުޅުންހުރި ވަޒީރުންގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަނެއްކޮޅުން އެކަމަށް ރައްދު ދެއްވި މެމްބަރުން ވަނީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލެއް މަރާލި މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކިނބުލަށް ޒަހަރު ދީގެން ވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލާ ވަޅުލާފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިޅަފަޅުގެ މިސްކިތް ކައިރީގައިކަމަށް މިއީ އޭރުގެ ނައިބްރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ބައެއް ވާހަކަތަކެވެ.

ޒަހަރު ދީގެން ވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލާފައިވާކަމަށް އަދީބު ވިދާޅުވި

އެ މައުޟޫތައް ވާހަކަދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް އެކި ފަހަރުމަތިން ދޫނި ރޯގާއާއި އެފަދަ އެކި ބަލިމަޑުކަންތަކާއި ގުޅިގެން ވަނީ އެކި ބާވަތުގެ ދޫނި ގިނަ އަދަދުތަކުން މަރާފައެވެ. އެކަން ކޮށްފައިވަނީވެސް ސީދާ އެކަމާ ގުޅުންހުރި ސަރުކާރުގެ ވުޒާރާތަކުންނެވެ. އެހެންކަމަށްވުމާއެކު، ކޮންމެ ކަމެއް ސިޔާސީ ބޭނުމަށް ބޭނުންކުރާ ހަތިޔާރަކަށް ނުހެދުމަށް މެމްބަރުން ވަނީ އެދިލައްވާފައެވެ. ނަމަވެސް ލާއިންސާނީ ގޮތެއްގައި ދޫނިތައް މަރާލުން އެއްވެސް ބަޔަކު ބަލައެއް ނުގަނެއެވެ.

ދެން އޮތީ މިކަމުގެ ހަގީގީ މައްސަލައެވެ. ގަވާއިދާ ޚިލާފަށް ދޫނިތަކެއް އެތެރެކުރެވުނީ ކޮން ބައެއްގެ އިހުމާލުންތޯއެވެ؟ އެ ދޫނިތައް އެތެރެކުރި ފަރާތްތަކާމެދު އަޅާނީ ކޮން ފިޔަވަޅެއްތޯއެވެ؟ އެ ވާހަކަ ދައްކާނެ ބަޔަކު ނެތީތޯއެވެ؟

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރު ދޫނިތައް އެތެރެކޮށްފައިވަނީވެސް ސައްޙަނޫން ސެޓްފިކްޓުތަކެއް ހުށައަޅައިގެންނެވެ. އެހެންކަމަށްވުމާއެކު، އަނބުރާ އެތަކެތި ފޮނުވޭނެ ގޮތެއްވެސް އެ ގެނައި މީހުންނަށް ނެތީއެވެ. ވީއިރު، އެކަން ބަލައި އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މިވަގުތު ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތެވެ. ސައްޙަނޫން ސެޓްފިކެޓުތައް ހުށައަޅައިގެން ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެކި ބާވަތުގެ ދޫނިސޫފާސޫތްޕާއި، ޖަނަވާރު އެތެރެ ކުރެވޭނަމަ، އެކަން ހަރުދަނާ ކުރުމަށް މިހާރަށްވުރެ ހަރުކަށި އުސޫލުތަކެއް އޮންނަން ޖެހެއެވެ. އެފަދަ ކަންކަން ކުރާ މީހުން ޒިންމާދާރު ކުރުވޭނެ ގޮތްތަކެއް އޮންނަންޖެހެއެވެ.

މިހާރު އޮންނަ ޤަވާއިދުގައި އޮންނަ ގޮތަށް ބަލާއިރު، ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނިތައް ނައްތާލުމަށް ދާ ޚަރަދުގެ ޒިންމާ އުފުލަންޖެހޭނީ ދޫނި އެތެރެކުރި ފަރާތުންކަން ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ. ވީއިރު ޤާނޫނުތަކާއި ޤަވާއިދުތައް ހުރެމެ، އެކަންކަން ތަންފީޒު ނުކުރެވި ދާ ދިއުމަކީ މާބޮޑު މައްސަލައެއްކަމަށް ފެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް