ޖެނުއަރީ މަހު އެކަނިވެސް ވައްކަމުގެ 300 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފިއެވެ.
ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ޖެނުއަރީ މަހު އެކަނިވެސް ވައްކަމުގެ 337 މައްސަލަ ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. ދެން އެންމެ ގިނައިން ހުށައަޅާފައިވަނީ ތަކެތި ގެއްލުމާއި ގުޅޭ މައްސަލަތަކެވެ. އެގޮތުން އެފަދަ 115 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި 113 މައްސަލައެއް ވަނީ ހުށައަޅާފައެވެ.
އޭގެ އިތުރުން، ޓްރެފިކް އެކްސިޑެންޓުތަކާއި ގުޅުންހުރި 96 މައްސަލައެއް ހުށައަޅާފައިވާއިރު، ފޭރުމާއި ގުޅޭ 59 މައްސަލައަކާއި، މުދަލައް ގެއްލުން ދިނުމުގެ 43 މައްސަލަ އަދި އަނިޔާ ކުރުމުގެ 34 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށައެޅިފައިވެއެވެ.
ފުލުހުންނަށް ހުށައެޅޭ މައްސަލަތަކަށް ބަލާއިރު، ކުދި ކުށްތައް ކުރާ މިންވަރު ކޮންމެ އަހަރަކުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މި ސަރުކާރުން ގެންދަނީ ކުދި ކުދި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޖަލު އަދަބު ނޫން އަދަބެއް ދީގެން އެމީހުން ފަރާތުން އޭގެ ބަދަލު ހޯދުމުގެ ނިޒާމެއް އެކުލަވާލައި އެމަގުން މަސައްކަތް ކުރަމުންނެވެ.
އޭގެ އިތުރުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކޯޓު މަރުހަލާތައް ލަސްކަމަށާއި، އެކަން އެހެން ދިމާވަނީ، ކުދި ކުދި މައްސަލަ ތަކުގައިވެސް ހެކިން ހާޒިރު ކުރުމާއެކު ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ކުރިއަށް ގެންދަން ޖެހުމުން ކަމަށް ޕީޖީ އޮފީހުންވެސް ބުނެއެވެ. އޭގެ ބަދަލުގައި ކުދިކުދި މައްސަލަތަކުގައި ކުށަށް އިއުތިރާފްވާ މީހުންގެ ބައިގައި ކޯޓު މަރުހަލާ އެއް ދުވަހުގެ ތެރޭގައި ނިންމުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެނެވިއްޖެ ނަމަ ބޮޑެތި ކުށްތަކުގައި ޝަރީއަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
އޭގެ އިތުރުން، ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓްކޮށް އެއަށްވެސް އަމަލުކުރަން މިހާރު ވަނީ ފަށާފައެވެ. މި ގަވައިދުގައިވާ ގޮތުން މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރެވޭނެ 3 ގޮތެއް ވެއެވެ. އެއް ގޮތަކީ ހަމައެކަނި މުޖުތަމައަށް ޚިދުމަތް ކޮށްގެން އަދަބު ތަންފީޒުކުރުމެވެ. ދެވަނަ ގޮތަކީ ޖަލު އަދަބާއެކު މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރުމެވެ. އަދި ތިންވަނަ ގޮތަކީ ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރުމެވެ.