ކ. މާލެ
|
17 ޑިސެންބަރ 2021 | ހުކުރު 23:23
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން
ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗެއްގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޓީ20 ކްރިކެޓް ޕްރިމިއާ ލީގު
މާލޭ ވެޓެރަންސް އާއި މިލާން ކްރިކެޓް އެކެޑަމީއަށް މޮޅެއް
 
ކޮމެޓްސް އަތުން މާލޭ ވެޓެރަންސް މޮޅުވީ 69 ލަނޑުން
 
އޮއްފު އެފްސީ އަތުން މިލާން އެކެޑަމީ މޮޅުވީ 92 ލަނޑުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން މާލޭ ވެޓެރަންސް ކުލަބާއި މިލާން ކްރިކެޓް އެކެޑަމީ މޮޅުވެއްޖެއެވެ.

އަށް ޓީމު ވާދަކުރާ މި މުބާރާތުގައި ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ކޮމެޓްސް ކްރިކެޓް ކުލަބާ ބައްދަލުކޮށް މާލޭ ވެޓެރަންސް މޮޅުވީ 69 ލަނޑުންނެވެ. އަދި ދެވަނަ މެޗުގައި އޮއްފު އެފްސީ އަތުން މިލާން ކްރިކެޓް އެކެޑަމީ މޮޅުވީ 92 ލަނޑުންނެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ޓޮސް ދިމާވުމުން ކޮމެޓްސް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު މާލޭ ވެޓެރަންސް ކުޅެން އެރިއިރު، 14.2 އޯވަރުގައި ވިއްސާރަވެގެން ހުއްޓާލުމަށްފަހު އަމްޕަޔަރުން ނިންމީ ކޮންމެ ޓީމެއް 16 އޯވަރު އުކުމަށެވެ. 16 އޯވަރު ހަމަވިއިރު 3 ކުޅުންތެރިން ނުބައިވެގެން މާލޭ ވެޓެރަންސް ވަނީ 115 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 24 ބޯޅައިން 39 ލަނޑު ހެދި ސަވިންދަ މަންޖޫއެވެ.

މި މެޗުގައި ޑަކްވަތު ލުއިސްއަށް ބެލުމަށްފަހު އަމްޕަޔަރުން ނިންމީ މި މެޗުން މޮޅުވުމަށްޓަކައި 16 އޯވަރުގެ ތެރޭގައި ކޮމެޓްސްއިން 130 ލަނޑު ހެދުމަށެވެ. އެކަމަކު ދެވަނަ އިނިންގްސްގައި ވިއްސާރަވެގެން ހުއްޓާލިއިރު ކޮމެޓްސްއަށް ހެދިފައިވަނީ 8.5 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 19 ލަނޑެވެ.

މީގެ އިތުރުން ހުކުރު ދުވަހު ކުޅުނު ދެވަނަ މެޗުގައި މިލާން ފުރަތަމަ ކުޅެން އަރައި 12 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 150 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ބޯޅައިން 80 ލަނޑު ހެދި އާދަމް ނާސިފާއި 36 ބޯޅައިން 59 ލަނޑު ހަމަކުރި ޔޫސުފް އަޒިޔާނެވެ.

ޖަވާބުގައި އޮއްފު އެފްސީ ކުޅެން އަރައި 12 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 58 ލަނޑުއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 19 ބޯޅައިން 26 ލަނޑު ހެދި އައްސަދު މުނީރެވެ. މި އިނިންގްސްގައި މިލާނުގެ އާދަމް ނާސިފް ވަނީ ތިން އޯވަރުން 10 ލަނޑަށް ފަސް ވިކެޓު ނަގާފައެވެ.

މި މުބާރާތުގެ ފުރަތަމަ ކުޅޭ ޕްރިމިއާ ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ވާދަކުރާއިރު، އެ މެޗުތަކަށްފަހު ރޭންކިން އެއްވަނައަށް ދާ ޓީމަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އަދި އެއަށްފަހު ފައިނަލް ބުރުގައި ކުޅޭނީ މުބާރާތުގެ ރޭންކިންގެ ގަދަ ހަތަރު ޓީމެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުވެސް ދެ މެޗެއް ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއު ސްޓާ އާއި މާލޭ ސްޕޯޓްސް ކުލަބެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ކޮމެޓްސް އާއި ކުލަބު ވިޔަންސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް