ހުދޫދުގެ ތެރެއިން އުފާ ލިބިގަތުމަކީ ހުއްދަ ކަމެއް، ޣައިރު ދީންތަކުގެ ޝިއާރުތައް ފާޅުނުކުރޭ: ޚުތުބާ
10 ޑިސެމްބަރު 2021 | ހުކުރު 08:30ދިރިއުޅުން ބާއްޖަވެރި ދިރިއުޅުމަކަށް ވާނީ، މާތްﷲ އަށް ތަގުވާވެރި ވެގެން


އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން ދުނިޔޭގެ އުފަލާއި އަރާމު ލިބިގަތުމަކީ ހުއްދަ ކަމެއް ކަމަށާއި، ޣައިރު ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި ބައިވެރިވުމަކީ، މުސްލިމުންނަށް ހުއްދަވެގެންވާ ކަންކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ހަގީގީ ހަޔާތަކީ އުޚްރަވީ ހަޔާތް'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ދުނިޔޭގެ އެދުންތަކަށް ހެއްލި، އުޚްރަވީ ހަޔާތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އިންސާނުން ދުނިޔޭގެ އެދުން ތަކަށް ހެއްލި ދަނީ، ދުނިޔޭގައި ހިތްފަސޭހަކަމާއި ތަނަވަސްކަމުގައި އުޅުމުގެ ބޭނުމުގައި ކަމަށާއި މީހެއްގެ ދިރިއުޅުން ބާއްޖަވެރި ދިރިއުޅުމަކަށް ވާނީ، މާތްﷲ އަށް ތަގުވާވެރި ވެގެން ކަމަށާއި، އޭނާގެ ހުރިހާ ކަމެއްގައި މާތްﷲ އަށް ކިޔަމަންތެރިވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ދުނިޔެއަކީ ވާދަވެރިކަމުގެ ތަނެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިއީ ރަނގަޅު މީހުންނާއި ނުބައިމީހުން އިމްތިހާނު ކުރައްވާ ތަނެއް ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި، މުނިފޫހިފިލުވުމާއި، ދުނިޔޭގެ އުފަލާއި އަރާމު ލިބިގަތުމަކީ، އިސްލާމްދީނުގެ ނަޒަރުގައި ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް އުފާ ފާޅުކުރުމުގެ ނަމުގައި ޣައިރު ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި، އެފަދަ ކަންކަމުގައި ބައިވެރިވުމަކީ، މުސްލިމުންނަށް ހުއްދަވެގެންވާ ކަންކަމެއް ނޫން ކަމަށެވެ.
ޚުތުބާގައި ބުނީ ދުނިޔެއަކީ ވަގުތީ ނިއުމަތެއް ކަމަށްވާއިރު، އުޚުރަވީ ހަޔާތަށް އެ ނިއުމަތުން ފައިދާ ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދުނިޔޭގައި މާތް ﷲ އަށް އަޅުކަންކޮށް، ދީލަތިކަމާއެކު ހޭދަކޮށް، ބިމުގައި ފަސާދަނުކޮށް، އެކުވެރިކަމާއި، އެއްބައިވަންތަ ކަމާއެކު، ދުނިޔޭގައި އުޅުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި އިންސާނާ ކިތަންމެ މުދަލެއް ހޯދި ކަމުގައި ވިޔަސް އެއީ ވަގުތީ އެއްޗެއް ކަމަށާއި، ދާދި އަވަހަށް ފަނާވެ ހިނގައިދާނެ ކަމަށް ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ދުނިޔެއަކީ ފަނާވެދަނިވި ތަނަކަށް ވާތީ، އެއީ ފަނާވެދާ ތަނެއްކަން އެންގެވި ފަދައިން، އާޚިރަތުގެ ހަޔާތަށް ނިމުމެއް ނުވާތީ، އެއީ، ދާއިމީ ތަނެއް ކަމުގައި އެންގެވި ކަމަށެވެ. ދުނިޔެއަށް އިންސާނާ ފޮނުއްވީ، ހެޔޮ ގޮތުގައި ދުނިޔެ އިމާރާތްކޮށް، ހެޔޮ ގޮތުގައި މާތް ﷲ އަށް އީމާންވެ، ދުނިޔެއިން ފައިދާ ލިބިގަތުމާއެކު، އުޚުރަވީ ހަޔާތަށް ހެޔޮ އަމަލު ކޮށް އުޅުމަށް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އާޚިރަތުގެ އަގު ބޮޑުކަން ކޮންމެ މުސްލިމަކު ދެނެގަނެ، ތިމާގެ އުޚުރަވީ ހަޔާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލާފައިވެއެވެ.











