ދިވެހި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އަދި ޓްރެންޑެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. އެއީ ރައްޓެހިވެގެން އުޅޭ ފުރަތަމަ ދުވަސްކޮޅު އާންމުކޮށް ފެންނަ ކަމެކެވެ. މި ދައްކަނީ ރައްޓެހިވެގެން އުޅޭތާ 1 މަސް ފުރުމާއި 6 މަސް ފުރުމާއި 1 އަހަރު ފާހަގަ ކުރާ ވާހަކައެވެ. އެހެން ގޮތަކަށް ބުނާނަމަ 'ހެޕީ 0.1 އެނިވަރސަރީ" އެވެ.
މިއީ އާންމުންގެ ފާޑުކިޔުންވެސް އަމާޒުވާ ކަމެކެވެ. ގިނަ ފަހަރަށް މި ޒުވާނުން އެކަންކަން ކުރަނީ ރަށްޓެހިންނާއި ތިމާގެ މީހުންނާއި ބޭންކް ތަކުން ލޯނު ނަގައިގެންނެވެ. ކޮންމެވެސް އަގުބޮޑު ރެސްޓޯރެންޓެއްގައި ނުވަތަ ލެއްވިހާ އަގުބޮޑު ހަދިޔާ ގަނެ ތަނެއް ޒީނަތްތެރިކޮށްގެންނެވެ. ދާދި ފަހުން ދެ ލޯބިވެރިންގެ މެދުގައި ނޫން ނަމަވެސް ފުރަ މާލޭގައި އެފަދަ ކަމެއް ހިނގައިފިއެވެ.
ދައްކަން މިއުޅެނީ މާލެ ސިޓީ ކައުންސިލްގެ މި ދައުރަށް 6 މަސް ފުރިގެން އެކަން ފާހަގަކުރަން ބޭއްވި ބޮޑު ހަފްލާގެ ވާހަކައެވެ. ނުކުރާ އެއްކަމެއް ވެސް ނެތެވެ. ކުލައާއި ލޯގޯއާއި ފަރުމާއި ފަންވަރާއި ހުރިހާ އެއްޗެސް ވެސް ބަދަލުކުރިއެވެ. ބޮޑު ޚަރަދުކޮށްގެން ލޯންޗް ނުކުރާ އެކައްޗެއް ވެސް ނެތެވެ. ނުވިތާކަށް ދިވެހި ސަގާފީ ދިވެހި ވަންތަކަން ދައްކުވައިދޭ ނިޝާން ވެސް ވުޖޫދުން ފޮހެލިއެވެ. ޕާޓީގެ ކުލަތައް ހިމެނޭ ހަތަރެސްކަން އަދި މާނައެއް ދޭހަ ނުވާ ކުރެހުމަކުންނެވެ.
ހަމަ ގައިމުވެސް މިކަން ކުރެވިގެން ދިޔައީ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. މުއިއްޒަކީ ވަރަށް ވަތަނީ މީހެއް ކަމަށް އަބަދު ވެސް ދައުވާ ކުރެއެވެ. އެހެންނަމަވެސް މާ ކުރިން ތިމާއާއި ޚިޔާލު ތަފާތު ބަޔަކު ހަދާފައިވާ ނިޝާނަކަށް ވުމުން ވަތަނީއެއްވެސް ގައުމީ ވަންތަ ކަމެއް ވެސް ސަގާފަތެއް ވެސް ތަރިކައެއް ވެސް ބަހައްޓާކަށް ބޭނުންނުވިއެވެ. މީހަކަށް ވަތަނީ އަދި ގައުމީ ވެވޭނީ މިވަރަށެވެ.
ނުވިތާކަށް ރާއްޖޭގެ އިސްލާމީވަންތަކަން ދައްކުވައިދޭ އެއް ނިޝާން ކަމުގައިވާ ހުކުރު މިސްކިތުގެ މުންނާރުގެ ނިޝާން ވުޖޫދުން ގެއްލުވާލީމާ މުއިއްޒަކީ މުއިއްޒުކަމާއި މެދުވެސް ސުވާލު އުފެދެއެވެ. މުއިއްޒަކީ އަދާލާތު ޕާޓީގެ ސްލޮޓްގައި ސިޔާސީ ކަންކަމުގެ ތެރެއަށް ނުކުންނެވި ބޭފުޅެކެވެ. ދީނަށް ލޯބި ކުރާ މަޑު މައިތިރި ހަމަތަކެއް ގަބޫލުކުރެއްވި ބޭފުޅެކެވެ. ނަމަވެސް ސިޓީ ކައުންސިލުގެ މުންނާރު ޖެހި ނިޝާން ވުޖޫދުން ނައްތާލުމަކީ މިއަދު ސިޔާސީ މަގާމުތަކުގެ ދަހިވެތިކަމުގައި މުއިއްޒު ކުރައްވަފާނެ ކުޑަ ކުޑަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.
ބޮޑު ޚަރަދުކޮށްފައި އެތައް ސަތޭކަ ބަޔަކަށް ދައުވަތު ދީގެން މީރު ކާއެއްޗެއްސާއި ބުއިމާއި ދުފުން ދީގެން ބޭއްވި މި ހަފްލާފައި ދެން ދެއްކީ އެންމެ ހެއްވާ އެއް ވާހަކައެވެ. ޓެލެތޯނެއްގެ ވާހަކައެވެ. ރަނގަޅެވެ. ކަންކަން ކުރަން ޓެލެތޯން ބޭއްވުމަކީ އާންމުކޮށް ވެސް ކޮށްއުޅޭ ކަމެކެވެ. ޓެލެތޯނެއް ބޭއްވުމުން ވެސް މައްސަލައެއް ނެތެވެ. ހަމަ ބާއްވަންވީއެވެ.
މިސްކިތްތައް މަރާމާތު ކުރަން ޓެލެތޯނެއް ބާއްވަން އިއުލާން ކުރި ހަފްލާގައި ވެސް ބޭކާރު އެތައް ޚަރަދެއް ފެނުނެވެ. ފުރަތަމަ ކަމަކީ ދެ ލޯބިވެރިންހެން 'ހެޕީ 0.6 އެނިވަރސަރީ ބޭބީ' އޭ ކިޔާ ބީދައިން ސިޓީކައުންސިލަށް 6 މަސްވުން ފާހަގަކުރުމެވެ. ދެވަނަ ކަމަކީ އެ ހަފްލާއަށް ލައްކައިން ކުރި ޚަރަދެވެ. މިއީ ހަމަ މިސްކިތް މަރާމާތު ކުރަން ކުރެވޭނެ ޚަރަދެވެ. ނަމަވެސް ބޭކާރު ޚަރަދުކޮށްފައި ފައިސާ ނެތޭ ކިޔައިގެން ހޭވި ހަޑި ނިކަން މޮޅެވެ. ގޭމް ޕްލޭން ވީ ފެއިލްއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުތަކަށް 26.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިސްކިތްތަކާއި ބެހޭ ވަގުފު ފަންޑަށް އަންނަ އަހަރަށް 3.1 މިލިއަން ރުފިޔާ ލުމަށް ވަނީ ނިންމާފައެވެ. ދީނީ ޚިދުމަތްތަކުގެ ޓްރަސްޓް ފަންޑަށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހިމަނާފައެވެ. މިސްކިތްތައް މަރާމާތުކުރުމާއި ބަލަހައްޓަމުން އައި އިސްލާމިކް މިނިސްޓްރީގެ ބަޖެޓަށް 66 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ މިސްކިތްތައް މަރާމާތުކުރާނެ ޚަރަދުތައް ވެސް ހިމެނޭ ގޮތަށެވެ.
މީގެ އިތުރުން ޕްރޮގްރާމް ބަޖެޓުގެ ބައިގައި މިސްކިތާއި ބެހޭ ކަންކަމަށް 152.55 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މީގެ ތެރެއިން މިސްކިތް މެނޭޖްކުރުމަށް އެކަނި ވެސް 119.5 މިލިއަން ރުރިޔާ ވަނީ ކަނޑައަޅާފައެވެ. އަވްގާފް އަދި އިންފްރާސްޓްރަކްޗަރ އަށް 26.4 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި 30 ވަރަކަށް މިސްކިތް އިމާރާތް ކުރުމަށް ވަނީ ހިމަނާފައެވެ. ބަޖެޓުގައި ދީނީ ޚިދުމަތްތަކަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މިސްކިތްތައް ބިނާކުރުމާއި މިސްކިތްތަކަށް ކުރާ އެހެނިހެން ޚަރަދުތަކަށެވެ.
މުއިއްޒުގެ ގޮނޑިކޮޅު ބަދަލުވުމުން ފަހަރުގައި މިސްކިތްތަކާއި ދޭތެރޭގައި އަމަލުކުރެއްވި ގޮތް ހަނދުމަނެތީ ކަމުގައި ވެސް ވެދާނެއެވެ. ސަލްޓަންޕާކުގައި ހުރި ރާއްޖޭގެ އެންމެ ދުވަސްވީ އެއް އިސްލާމީ ރަމްޒުކަމުގައިވާ ކަޅުވަކަރު މިސްކިތް ނަގާލާ އެތަނުގައި ޕާކެއް ހެދުމަށް މުއިއްޒު ހޭވި ހަޑީގެ މަތިން ފަހަރެއްގައި މިހާރު ހަނދާން ނެތިދާނެއެވެ. އެއިރު މިނިސްޓަރު ކަމުގައި ހުންނަވައި މިހާރު މޭޔަރުކަމުގައި ހުންނެވީމަ މަސްއޫލިއްޔަތު ބަދަލުވުމުން ކަމަށް ވެސް ވެދާނެއެވެ.
މިސްކިތްތައް މަރާމާތުކުރަން ފައިސާ އެބަހުއްޓެވެ. ފަހަރުގައި އައު ކުކުޅަކަށް ގައު ބިހެއް އެޅުނީމާ ވީގޮތަށް މޭޔަރަށްވީ ކަމަށް ވެދާނެއެވެ. ދެންވެސް ވާހަކައެއް ދެއްކުމުގެ ކުރިން ހަލާދަނޑީގެ ދެކޮޅު ބަލާށެވެ.