Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް ބަހުސް: ގިނަ ބަޔަކު ބޭނުންވަނީ މާލޭގައި ބަހައްޓަން!

ކަޅުވަކަރު މިސްކިތް ބިނާކޮށްފައިވަނީ 1789 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޑިސެމްބަރު 2018 | ބުދަ 19:51
ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކް ސަރަހައްދުގައި ހުރި އިރުގެ ފޮޓޯއެއް

ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކް ސަރަހައްދުގައި ހުރި އިރުގެ ފޮޓޯއެއް

ތާރީހުން ފެންނަން އޮތް ގޮތުގައި ކަޅުވަކަރު މިސްކިތް ބިނާ ކުރެވިފައިވަނީ އައްސުލްތާން ހަސަން ނޫރައްދީން ކައްތިރި ބަވަނަ މަހާ ރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. އެއީ މީލާދީ ގޮތުން 1789 ވަނަ އަހަރެވެ. ކަޅުވަކަރު މިސްކިތް ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެކި ތަންތަނަށް ބަދަލުކުރެވިފައެވެ. މިސްކިތް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ޗާންދަނީ މަގުގައެވެ. އެއަށްފަހު ދެން މިސްކިތް ހުރީ މަޖީދީމަގު ރަށްދެބައި މަގުގެ ކަންމަތީގައެވެ.

އޭގެ ފަހުން 1978 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު މިސްކިތް ވަނީ އުވާލާފައެވެ. އަދި މިސްކިތް އުވާލެވުމާއެކު އޭރުގެ ސަރުކާރުން ވަނީ މިސްކިތް ނީލަމަށްލާފައެވެ. ނީލަމުގައި މިސްކިތް ވަނީ ފުރަނަ ރިސޯޓަށް ނުވަ ހާސް ހަތް ސަތޭކަ ފަނަރަ ރުފިޔާ ސައްބީސް ލާރި އަށް ވިއްކާލާފައެވެ.

އޭގެ ފަހުން މިސްކިތަކީ އާސާރީ ތަނަކަށްވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން އެ މަނިކުފާނު ބޭނުންފުޅުވެގެން ފުރަނަ ރިސޯޓުން ވަނީ މިސްކިތް 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ސަރުކާރަށް ހަދިޔާ ކޮށްފައިވެއެވެ. އެއަށްފަހު މިސްކިތް އަނބުރާ މާލެ ގެނެވުނީ 1980 ވަނަ އަހަރުގައެވެ.

އެއަށްފަހު މިސްކިތް ބަހައްޓާފައިވަނީ ސަލްޓަންޕާކްގައި އެ ހުރި ސަރަހައްދުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވެސް ވަނީ ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރުގެ މެއި 8 ވަނަ ދުވަހު ރޫޅާލާފައެވެ. އެއަށްފަހު މިސްކިތް ހުރި ސަރަހައްދުގައި ރައީސް ޔާމީން ވަނީ ވިންޓަރ ތީމް ޕާކެއް ހަދާފައެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށް ވައުދުވެޑައިގެންފައެވެ. އެ ވައުދުތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތް އަލުން އަނބުރާ ބިނާ ކުރުމަށް ވަނީ ނިންމަވާފާއެވެ.

މި ވައުދުގެ ދަށުން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން ވަނީ ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާ ގުޅޭ ގޮތުން އާންމުންނަށް ހުޅުވާލައިގެން ފޯރަމެއް ބާއްވާފައެވެ. އަދި މި ފޯރަމްގައި ގިނަ ބަޔަކު ވަނީ ތަފާތު ހިޔާލުތައް ފާޅުކޮށްފައެވެ.

ބުދަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ފޯރަމް ގައި ތާރީހަށް ލޯބިކުރާ ބައެއް މީހުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ފޯރަމްގައި ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ މިސްކިތް މާލެއިން ބޭރުކޮށްގެން ނުވާނެ ކަމަށާއި އެއީ މާލޭގެ ތަރިކައެއް ކަމަށެވެ.

އެގޮތުން އެ ފޯރަމްގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ ކަޅުވަކަރު މިސްކިތް ބަހައްޓަން ފެންނަނީ މާލޭގައި ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު ކެރެފާ އަހުމަދު ނަސީމް ވިދާޅުވީ ކަޅުވަކަރު މިސްކިތް މާލޭގައި ބަހައްޓަން އޭނާއަށް ވެސް ފެންނަ ކަމަށާއި މާލޭން ބޭރުގައި މިސްކިތް ބެހެއްޓުމުން އެ މިސްކިތުގެ އަސްލު ގެއްލިގެންދާނެ ކަމަށެވެ. އަދި އެ މިސްކިތް މާލެއިން ބޭރު ކުރާނަމަ އެކަމާ ދެކޮޅަށް ނުކުންނާނެ ކަމަށް ވެސް ނަސީމު ވިދާޅުވިއެވެ.

އެބޭފުޅުންގެ ވާހަކަތަކާ ގުޅިގެން، ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ މަރުކަޒު ހިންގެވި އައްބާސް އިބްރާހިމް ވިދާޅުވީ ހުޅުމާލެ އަކީ މާލޭގެ ބައެއް ކަމަށާއި ފަރުކޮޅުފުށީގައި ނުވަތަ ހެރިޓޭޖު އައިލެންޑުގައި ވެސް އެ މިސްކިތް ބެހެއްޓިދާނެ ކަމަށެވެ.

އިބްރާހީމް ވަހީދު (އޮގަރު ވަހީދު) ވިދާޅުވީ މިސްކިތުގެ ފުރާޅު މަތިން ރައްކާތެރިކަމުގެ އެހެން ފުރާޅެއް ބަހައްޓަން ފެންނަ ކަމަށެވެ. ހިރިގަލުގެ ދިރާސާ ކުރައްވާ މައުރޫފް ޖަމީލް ވިދާޅުވީ މިސްކިތުގައި ނަމާދު ކުރެވޭ ގޮތަށް އަދި ކުރީގައި ހުރި ގޮތަށް ފަނުން އެ މިސްކިތް ބަހައްޓަން ފެންނަ ކަމަށެވެ. އޭނާ ވަނީ ހުޅުމާލޭގައި މިސްކިތް ބަހައްޓަން ތާއީދުކޮށްފައެވެ.

ފޯރަމްގައި ވާހަކަ ދެއްކި ބައެއް މީހުން މިސްކިތުގައި ނަމާދު ކުރެވޭ ގޮތަށް ހަދަން ފެންނަ ކަމަށް ހިޔާލުތައް ހުށަހަޅާފައިވާއިރު އަނެއް ބައި މީހުން ބުނެފައި ވަނީ އެ ތަނަކީ ނަމާދު ނުކުރެވޭ ގޮތަށް މީހުންނަށް ހިރިގަލުގެ ވަޑާމާ އަދި މިސްކިތާ ބެހޭ މައުލޫމާތު ލިބޭ ތަނެއްގެ ގޮތުގައި ބަހައްޓަން ފެންނަ ކަމަށެވެ.

މި ފޯރަމް ނިންމަވާލައްވަމުން މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ ޤައުމީ ތަރިކައެއް ކަމަށާއި އެ ތަނަކީ ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި އަދި ފަތުރުވެރިންނަށް ވެސް ޒިޔާރަތް ކުރެވޭނެ ގޮތެއްގައި ބަހައްޓަވާނެ ކަމަށެވެ. މީގެ އިތުރުން އިތުރަށް މަޝްވަރާތައްކޮށް މިސްކިތް ބަހައްޓާނެ ރަނގަޅު ތަނެއް ނިންމަވާނެ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތަކީ ދިވެހިންގެ ތާރިހީ ތަނެކެވެ. އަދި ގިނަ ދިވެހިން ޤަބޫލުކުރާ ގޮތުގައި ކަޅުވަކަރު މިސްކިތް ރައްކާތެރިކަމާއެކު ޤާނޫނުތައް ހެދިގެން ބެހެލެއްޓެން ޖެހޭނެއެވެ. ކުޑަ މިސްކިތެއް ނަމަވެސް ކަޅުވަކަރު މިސްކިތަކީ ރީތި އަޖައިބުކުރުވަނިވި ކަންތައްތަކެއް ހުރި މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގައި އެތައް ކަވި މަސައްކަތްތަކެއް ކޮށްފައިވާއިރު ކަޅުވަކަރު މިސްކިތުގައި ކަޅުވަކަރު ބޭނުންކޮށްފައި ހުރުމާއި ހިރިގަލުން މިސްކިތް ބިނާ ކުރެވިފައި ހުރުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
06 މެއި 2017

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!
03 މެއި 2017

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު