ކ. މާލެ
|
23 އޮކްޓޯބަރ 2021 | ހޮނިހިރު 07:02
ހުޅުމާލެ ދެވަނަ ފިޔަވަހި
ހުޅުމާލެ ދެވަނަ ފިޔަވަހި
މުހައްމަދު ފަޒީން
ހިޔާ ފްލެޓްގެ އޮޑިޓް ރިޕޯޓް
ހަައުސިންގ މަޝްރޫޢުތައް ފެށުމުގެ ކުރިން މަޝްރޫޢުގެ ފައިނޭންޝިއަލް ފީސިބިލިޓީ ހަދާ އެއަށް ރިޢާޔަތްކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފި
 
އެޗްޑީސީން ކަނޑައެޅި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ
 
ސިޓީ ކައުންސިލުން ހަދާފައިވާ ހިސާބު ހަދާފައިވަނީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބަލަން ގެންގުޅޭ ލައިބޯ ރޭޓް ދަށް ދުވަސްވަރެއްގައި ހުރި ވަރަށް ބަލައިގެން
 
ކުރީގެ ހައުސިންގ މިނިސްޓްރީން ހިސާބު ހަދާފައިވަނީ އީ.އެމް.އައި މެތަޑަކަށް ނޫން

ކުރިޔަށް އޮތްތަނުގައި ހައުސިންގ މަޝްރޫޢުތައް ފަދަ ލޯނު ނަގައިގެން ހިންގާ މަޝްރޫޢުތަކުގައި މަޝްރޫޢު ފެށުމުގެ ކުރިން މަޝްރޫޢުގެ ފައިނޭންޝިއަލް ފީސިބިލިޓީއެއް ހަދައި އެއަށް ރިޢާޔަތްކޮންގެން ނިންމުންތައް ނިންމުމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ލަފާދެއްވައިފިއެވެ.

އޮޑިޓަރ ޖެނެރަލް މިގޮތަށް ލަފާދެއްވާފައިވަނީ ސަރުކާރުން ހުޅުމާލެގައި ހިންގި 7000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ ހައުސިންގ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާގޮތް އޮޑިޓްކުރުމަށް ފަހު ނެރުނު އޮޑިޓް ރިޕޯޓްގައެވެ. މިއޮޑިޓްގައި ދައުލަތުގެ 4 މުއައްސަސާއަކުން ހައުސންގ ޔުނިޓްތަކުގެ ކުއްޔާ ގުޅޭގޮތުން ކަނޑައަޅާފައިވާ އަދަދުތަކަށް ވަނީ ބަލާފައެވެ. އެގޮތުން  އެޗްޑީސީން 2021 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކާއި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 2018 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ހިސާބާއި މާލެ ސިޓީ ކައުންސިލުން 2021 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ހިސާބު އަދި ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އެކުލަވާލުމުގައި ގެންގުޅެފައިވާ އަސާސްތަކަށް ބަލާފައިވެއެވެ.

އެކަންކަމަށް ބެލުމަށްފަހު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މި މަޝްރޫޢުގެ ޖުމްލަ އަގު ކަމުގައި 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ކަނޑައެޅި 8,143,022,642 (އަށް ބިލިއަން އެއް ސަތޭކަ ސާޅީސް ތިން މިލިއަން ބާވީސް ހާސް ހަ ސަތޭކަ ސާޅީސް ދޭއް) ރުފިޔާ އާއި ހައުސިންގ ޔުނިޓަކަށްޖެހޭ 1،163،289 (އެއް މިލިއަން އެއް ލައްކަ ފަސްދޮޅަސް ތިން ހާސް ދުއި ސައްތަ އަށްޑިހަ ނުވައެއް) ރުފިޔާ ކަނޑައަޅާފައިވަނީ، މަޝްރޫޢުއަށް ހިނގާފައިވާ ޚަރަދުތަކަށާއި، މި މަޝްރޫޢުއާ ގުޅިގެން އެޗް.ޑީ.ސީ އިން ކުރަންޖެހޭ އެހެން ޚަރަދުތަކުގެ އަންދާޒާތަކަށް ރިޢާޔަތްކޮށްގެންކަމަށެވެ.

ހައުސިންގ ޔުނި ޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2021 ވަނަ އަހަރު އެޗް.ޑީ.ސީ އިން ހުށަހަޅާފައިވާ މެއިންޓަނެންސް ޚަރަދުގެ ގޮތުގައި އެއް ހާސް ރުފިޔާ ހިމަނައިގެން 11،000 ރުފިޔާއަކީ، %8 ގެ އިންޓަރެސްޓާއިއެކު 20 އަހަރު ގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ބޭނުންކޮށްގެން ހިސާބުކޮށްފައިވާ އަދަދެކެވެ. ޔުނިޓަކަށް މަހަކަށް ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށް، އެޗް.ޑީ.ސީ އިން ގެންގުޅެފައިވާ އީ.އެމް.އައި މެތަޑަކީ، މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑުކަމަށް ބުނެފައިވެއެވެ. އަދި އެޗް.ޑީ.ސީ އިން ތައްޔާރުކޮށްފައިވާ ކޭޝްފްލޯ ފޯކާސްޓަށް ރިޢާޔަތްކޮށް، ހުރިހާ ފައިނޭންސް ކޮސްޓެއް ހިމަނައިގެން، ވެއިޑެޓް އެވްރެޖް ފައިނޭންސިންގ ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ %8 އަކީ އެކަށީގެންވާ ރޭޓެއްކަމުގައި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ 6600 ރުފިޔާއަކީ، އީ.އެމް.އައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، މި އަދަދަކީ މަޝްރޫޢު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިޢާޔަތް ކޮށް ކަނޑައެޅިފައިވާ އަދަދެއް ނޫންކަން ފާހަގަކުރެވޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް މަހަކަށް 6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދަނީ 99،647 ރުފިޔާއެވެ. ނަމަވެސް އީއެމްއައި މެތަޑަށް ހިސާބު ހަދައިފިނަމަ ފައިނޭންސް ކޮންސްޓްގެ ގޮތުގައި ޔުނިޓަކަށް 1،254،879 (އެއް މިލިއަން ދެ ލައްކަ ފަންސާސް ހަތަރު ހާސް އަށް ސަތޭކަ ހަތްދިހަ ނުވަ) ރުފިޔާ ޖެހޭނެއެވެ. މާނައަކީ 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،15555،231 (އެއް މިލިއަން އެއް ލައްކަ ފަންސާސް ފަސް ހާސް ދުއިސައްތަ ތިރީސް އެއް) ރުފިޔާގެ ގެއްލުންވުންކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ހައުސިންގ ޔުނިޓެއް 5548 ރުފިޔާއަށް ދެވޭނެކަމަށް މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ހިސާބު ހަދާފައިވަނީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބަލަން ގެންގުޅޭ ބައިނަަލްއަގްވާމީ މިންގަނޑެެއް ކަމަށްވާ ލައިބޯ ކޮވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރުގައި ހުރި ރޭޓް ބޭނުންކޮށްގެންނެވެ. އެގޮތުން ސިޓީ ކައުންސިލުން ހުށަހެޅި 5548 ރުފިޔާއަކީ 3.36ގެ އިންޓަރެސްޓާއެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަށް ބިނާކޮށް އީއެމްއައި މެތަޑް ބޭނުންކޮށްގެން ހަދާފައިވާ ހިސާބެވެ. ނަމަވެސް ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ 3.3 އިންސައްތަ ލައިބޯ ކަމުގައިވާއިރު ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ ލައިބޯގެ އަންދާޒާކަމުގައިވާ 0.06 އިންސައްތައަކީ 2020 ވަނަ އަހަރުގެ ޖުލައި އަދި ސެޕްޓެމްބަރ ގައި ކޮވިޑާއި ގުޅިގެން ވަރަށް ބޮޑަށް ލައިބޯ ދަށްވެފައި ހުރި ދުވަސްވަރެއްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ލޯނު ދައްކަމުން އައިއިރު ހުރި އެވްރެޖް ލައިބޯ އަށް ރިޢާޔަތްކޮށް ހޯދާފައިވާ ރޭޓެއް ނޫންކަމަށާއި 2021 ވަނަ އަހަރުގެ ޖެނުއަރީ ގެ ނިޔަލަށް ދައްކާފައިވާ ލޯނު ޕޭމަންޓްތަކުގެ އެވްރެޖް ލައިބޯ އަކީ 1.74 އިންސައްތަކަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަން 2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ނިންމަފައިވާ 6600 ރުފިޔާ އާއި ސިޓީ ކައުންސިލުން މިއަހަރު ނިންމާފައިވާ 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮ ތުގައި ގާތްގަނޑަކަށް 9،209،971،532 ( ނުވަ ބިލިއަން ދުއި ސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދޭއް) ރުފިޔާ ގެ ޑެފިސިޓެއް ވާނެކަމަށް އަންދާޒާކުރެވޭކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެޗް.ޑީ.ސީ އިން ކޮށްފައިވާ ހިސާބަކީ ކުންފުނިން މި މަޝްރޫޢުއަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢުއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމާއި، މި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ލަފާކުރެވޭކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

މިހުރިހާ ކަންތައްތަކަށް ރިޢާޔަތްކޮށް އޮޑިޓަރ ޖެނެރަލް ވަނީ 4 ކަމެއް އިސްލާހު ކުރުމަށް ހުށަހަޅުއްވާފައެވެ. އެކަންކަމަކީ:

  • ލޯނު ނަގައިގެން ހިންގާ ހައުސިންގ މަޝްރޫޢުތަކުގައި، ލޯނުގެ ފައިނޭންސް ކޮސްޓް ދެއްކޭނެ ކޮސްޓް އޮފް ކެޕިޓަލަށް ރިޢާޔަތްކޮށް، އީ.އެމް.އައި މެތަޑު ބޭނުންކޮށްގެން ޔުނިޓުތައް ވިއްކާ އަގު ކަނޑައެޅުމަށް
  • ލޯނުގެ އެގްރިމެންޓްތަކުގައި އިންޓަރެސްޓް ކަނޑައަޅާފައިވަނީ ލައިބޯ ނުވަތަ އެފަދަ އެހެން ބެންޗްމާކެއް ބޭނުން ކޮށްގެން ކަމަށްވާނަމަ، އެލޯނެއްގެ މުއްދަތުގައި ލައިބޯ ނުވަތަ އެފަދަ ބެންޗްމާރކްގެ އެވްރެޖް އިންޓަރެސްޓް ރޭޓް އަންދާޒާ ކުރުމަށާއި، ކޮސްޓް އޮފް ކެޕިޓަލްގެ ގޮތުގައި ބޭނުންކުރާ ރޭޓް ކަނޑައެޅުމުގައި އެވްރެޖް ލައިބޯ ނުވަތަ ބެންޗްމާކް އިންޓަރެސްޓް ރޭޓަށް ރިޢާޔަތް ކުރުމަށް
  • މި މަޝްރޫޢުގެ ދަށުން، މަޝްރޫޢުގެ އަގުގެ ތެރޭގައި ހިމަނާފައިނުވާ އެހެނިހެން ޚަރަދުތައް ސަބްސިޑައިޒްކޮށް، ހައުސިން ޔުނިޓްތައް ވިއްކުމުން، އެޗް.ޑީ.ސީ އަށް މާލީގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ލަފާކުރެވެއެވެ. މި މާލީ ގެއްލުން ފޫބެއްދުމަށްޓަކައި، ދައުލަތުގެ ބަޖެޓުން، އެޗް.ޑީ.ސީ އަށް ސަބްސިޑީއެއް ދޭންޖެހޭނެކަމަށް ފެންނާތީ، މިއީ ދައުލަތު ގެ ބަޖެޓުގެ ފުދުންތެރިކަން ހުރި މިންވަރަށް ރިޢާޔަތްކޮށްގެން ދެވިދާނެ ސަބްސިޑީއެއްތޯ ބެލުމަށް
  • މި ގޮތަށް ސަބްސިޑައިޒް ކުރެވިގެން ހިންގާ މަޝްރޫ ޢުތަކުން ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ސަބްސިޑައިޒްކުރެވޭނެ ނިސްބަތަށް ބަލައި، މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭންސްކޮށްގެން ހިންގޭނެގޮތަށް މަޝްރޫޢުތައް ރާވާ ހިންގުމަށާއި މިފަދަ މަޝްރޫޢުތައް ފެށުމުގެ ކުރިން މަޝްރޫޢުގެ ފައިނޭންޝިއަލް ފީސިބިލިޓީއެއް ހަދައި، އެއަށް ރިޢާޔަތްކޮށްގެން ނިންމުންތައް ނިންމުމަށް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
100%
0%
0%
ކޮމެންޓް