"އަހަރެންގެ އަޒުމާ އުންމީދަކީ ފުޓްބޯޅައިން މުޅި ގައުމަށް ފައިދާ ކޮށްދޭނަން"
މިލަވަ ކަންފަތުގައި ޖެހުމާއެކު 2000 ވަނަ އަހަރު ކުރިޔަށްދިޔަ ފޯރިގަދަ ގޯލްޑަން ޖުބުލީގެ ހަނދާންތައް އައު ކޮށްދެއެވެ. ފަހަރުގައި މިހާރު ބޮޑެތިވަމުން އަންނަ ކުދިންނަށް އެ ލަވަ އަދި އަޑުއިވިފައިނެތުމަކީ ވެދާނެކަމެކެވެ. ނަމަވެސް 2000 ވަނަ އަހަރު ކިރިޔާވެސް ޓީނޭޖް އޭ މިކިޔާ އުމުރުފުރައިގެ އަހަރުތަކެއް ގުނަމުން ގޮސްފައިވާ މީހަކަށް މިއީ އައު ލަވައަކަށް ނުވާނެއެވެ. މުޅި ގައުމުގައި އެއްވާނަކަށް ގޯލްޑެން ޖުބުލީގެ ފޯރި ހިފާފައި އޮތްއިރު ރޭޑިއޯ އިންނާއި ޓީވީން ގެނެސްދޭ ފުޓްބޯޅައިގެ ލަވަތަކާއެކު އެފޯރި އިތުރުކޮށްދެއެވެ. ދިވެހި ޓީމަށް ކުދި ބޮޑު އެންމެން ސަޕޯޓްކުރަމުން ދަނީ ގައުމީ ލޯތްބާއެކުއެވެ.
ފުޓްބޯޅައާ ދިވެހިންނާ ގުޅިފައި އޮންނަވަރު ވަޒަންކޮށްލެވޭ މިފަދަ އެތައް ލަވައެއް އޭގެ ފަހުންވެސް އިވިއްޖެއެވެ. ސަރަހައްދުގައި ދިވެހިން ވާދަކުރަމުން އަންނަ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށްވެސް ފުޓްބޯޅައިގެ ޖޯޝް ގެނުވާ ލޭ ކައްކުވާލާ ލަވަތައް ހަދައެވެ. މީގެއިތުރުން ދިވެހިރާއްޖެ ކުޅޭ އޭއެފްސީ ޗެލެންޖްކަޕާއި ދިމާކޮށްވެސް ފުޓްބޯޅައިގެ ފޯރިގަދަ ލަވަތައް ހަދައެވެ. އެލަވަތައް އަޑުއިވުމާއެކު އެދުވަސްވަރުގެ ހަނދާންތައް އައުކޮށްދެއެވެ.
ސާފް ޗެމްޕިއަންޝިޕް ތިން ވަނަ ފަހަރަށް ކާމިޔާބުކުރުމުގެ އަޒުމާއި ހިތްވަރާއެކު ދިވެހިން މިފަހަރު ތިބިއިރު ފުޓް ބޯޅައިގެ ޖޯޝް މިވަނީ އަނެއްކާވެސް ގަދަވެފައެވެ. މައިގަނޑު ސަބަބަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ގައުމީ ޓީމު ކުޅޭތަން ބަލާލުމުގެ ފުރުސަތު ލިބިގެންދާތީއެވެ. އެހެންކަމުން ގައުމުން ބޭރުގައި ކުޅޭ ފަހަރުތަކާއި ޚިލާފަށް އެފޯރި ގަދަވެއެވެ. އެކަން 2008 ވަނަ އަހަރު ދިވެހިން ވަނީ ނިކަން ރަނގަޅަށް ސާބިތުކޮށްދީފައެވެ. "މިއީ އަހަރުމެންގެ ފަހަރޭ" ކިޔާ ތަށި ހޯދައިގެން ދިވެހި ޓީމު މާލެ އައިއިރު މުޅި މާލެ ހެވިފައި އޮތީ ގައުމީ ޓީމަށް މަރުހަބާ ކިޔުމުގައެވެ.
މަގުތައްމަތީގައި ނެގި ފޯރި އާއި ޖެހި ސަކަރާތް އަދިވެސް ހަނދާން ހުންނާނެ އެތައް ބަޔަކު ތިބޭނެއެވެ. ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް އެތައް ޕިކަޕް ބުރެއް ޖަހަމުންދިޔައިރު ނެގި ފޯރިތައް އަދިވެސް އިއްޔެވީ ކަމެއްހެން ހަނދާނުގައި ހުންނާނެއެވެ. މޫނުގައި ގައުމީ ދިދައިގެ ކުލަ ހާކައިގެން އުޅުނު ހަނދާންތައް އަދިވެސް ހުންނާނެއެވެ. އެހަނދާންތައް އިތުރަށް އައުކޮށްދެނީ އެފަހަރުގެ މުބާރާތާ ދިމާކޮށް ގެނެސްދިން ފުޓްބޯޅައިގެ އެތައް ލަވައަކުންނެވެ. އެލަވަތައް މިހާރު ބަލާލުމުންވެސް ޖޯޝެއް ގެނުވައެވެ.
"ހިނގާ އެންމެން އަތުގުޅާލައިގެން" ، "ޖޯޝާ ހިތްވަރު ނެރޭށޭ"، "ފުޓްބޯޅައިން މުޅި ދުނިޔޭގައި" މިފަދަ އެތައް ލަވައަކާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ހަނދާންތައް އައުކޮށްދެއެވެ. މިއީ އަދި ގައުމީ ޓީމަށް ސާބަސް ދިނުމަށް ހަދާފައިވާ ލަވަތަކުގެ ތެރެއިން މަދު ލަވަތަކެކެވެ. އެލަވަތައް އަޑުއަހަމުން އަދި ބަލަމުންދާއިރުވެސް ގައުމީ ޓީމަށް ސަޕޯޓްކުރެވޭ ފަދަ އިހުސާސްތައް ގެނުވައެވެ.
އަނެއްކާވެސް މިވަނީ ފުޓްބޯޅައިގެ އީދެއް އައިސްފައެވެ. އަމިއްލަ ގައުމުގައި ތިބެގެން ގައުމީ ޓީމަށް ސަޕޯޓްކުރުމުގެ ފުރުސަތު ލިބިފައެވެ. މިއާއެކު މުބާރާތާ ދިމާކޮށް ސިމްބޮލިކް ރިކޯޑްސް އިން ރިލީޒްކޮށްލި "މީ އެފަހަރޭ" އާއެކު ސަޕޯޓަރުންގެ އަތްތައް މިހާރުއްސުރެވެސް ގައުމީ ޓީމަށް ސަޕޯޓްކުރަން ޖަހަންފަށައިފިއެވެ. ލަވަ ރިލީޒްކޮށްލުމާއެކު އަނެއްކާވެސް އެއްކަލަ ހަނދާންތައް އައުކޮށްދީފިއެވެ. ތަނެއް ފަޅާފައިނަމަވެސް ގައުމީ ޓީމު ކުޅޭ މެޗް ބަލަން ދަނޑަށް ވަންނަން ބޭނުންވެއްޖެއެވެ. ނުވަތަ ރައްޓެހިންނާއެކު ފޯރިނަގަމުން މެޗް ބެލުމުގެ "ކިކު" ގެނުވައިފިއެވެ. އެހާވެސް ލަވަ ފޯރިގަދައެވެ. އެކަން ސޯޝަލް މީޑިޔާއަށް ބަލާލުމުންވެސް އެނގިގެންދެއެވެ. އެތައް ބަޔަކު ލަވަ ޝެއަރ ކުރަމުންދަނީ ފުޓްބޯޅައިގެ ފޯރި ގެނުވައިފިކަމަށް ބުނެއެވެ.
"ގައުމީ ލޯބީގަ، ޖޯޝާއި ފޯރީގަ، އުތުރުން ފަށައިގެން މުޅި ރާއްޖެ ދެކުނަށް ދިވެހިން ތިބީ ގައުމީ ޓީމާ އެކުގަ "މީ އެފަހަރޭ" އާއެކު ގައުމީ ޓީމަށް ސަޕޯޓްކުރުމުގެ ޖޯޝް ހަމަ ރަނގަޅަށްވެސް ގެނުވައިފިއެވެ.
ފުޓްބޯޅައަކީ ޚިޔާލު ތަފާތުވެ ބައިބައިވެފައި އޮންނަ ދުވަސްވަރުވެސް އެންމެން އެއްގަލަކަށް ގެނެސްދޭ ދިވެހިންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެވެ. ގައުމީ ޓީމަށް ސަޕޯޓްކުރުމުގައި ދިވެހިންގެ ފަރާތުން އަބަދުވެސް ފެންނަމުންދަނީ އާދަޔާ ޚިލާފު ފޯރިއެކެވެ. މިފަހަރުގެ މުބާރާތްވެސް ރާއްޖޭގައި ކުރިޔަށްދާއިރު މިހާރުވެސް ފޯރި އޮތީ ވައިގައި ހިއްޕާލާފައެވެ. މުބާރާތް ފެށި ކުރިއަށްދާ ވަރަކަށް އެފޯރި އިތުރަށް ގަދަވެގެންދާނެއެވެ. 2008 ގެ ހަނދާންތަކުގެ ވާހަކަތައް ދައްކަމުން އަނެއްކާވެސް އެފޯރީގައި ބައިވެރިވަމާ ހިނގާށެވެ. މިއީ އެފަހަރޭ ކިޔާ އެކަން ކާމިޔާބުކުރުމާ ބަހީއެވެ. 12 ވަނަ ކުޅުންތެރިޔާ ކަމުގައިވާ ސަޕޯޓަރުންގެ ދައުރު ނިކަން ރަނގަޅަށް އަދާކުރަމާ ބަހީއެވެ.