ކ. މާލެ
|
22 ސެޕްޓެންބަރ 2021 | ބުދަ 15:52
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ "ވަގެއް" ކަމަށް އަލީ ވަހީދު ވަނީ ސިފަ ކުރައްވާފައި
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ "ވަގެއް" ކަމަށް އަލީ ވަހީދު ވަނީ ސިފަ ކުރައްވާފައި
ރާއްޖެއެމްވީ
އަލީ ވަހީދުގެ ތުހުމަތުތައް
އަލީ ވަހީދުގެ "ބިލިއަން ވަގު"
 
އެ ދުވަހުވެސް ވާހަކަ ދެއްކެވީ އިނގިރޭސިވިލާތުގައި ހުންނަވައިގެން
 
މިއަދު ހާމަ ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނު ގެނެސްދެއްވި ތަރައްގީގެ ވާހަކަ
 
ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެ ދުވަހެއް އަދި އަންނާނެކަމަށް އަލީ ވަހީދު އޭރު ވިދާޅުވި

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި، ޓެރެރިޒަމްގެ ދައުވާ އުފުލައި، ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށްފަހު ޕާސްޕޯޓް ބާތިލްކޮށް ގައުމަށް ނޭރޭގޮތް ހެދީ ތެދު ހެދުމުން ކަމަށް އަލީ ވަޙީދު އޭރު ވިދާޅުވިއެވެ. އޭރު އަލީ ވަހީދު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ ރައީސް އަބުދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރަކީ، ރައީސް ޔާމީނަށް އެނގިވަޑައިނުގެން ނުވަތަ ބަޔަކު ގަދަކަމުން ވެއްދި ފައިސާ ކަމަށް ދެއްކުމަށް ބަޔަކު މަސައްކަތްކުރި ކަމަށެވެ. ގައުމުގައި އޭރު އޮތީ ޚާއިނުންގެ ވެރިކަމެއްކަން ފާހަގަ ކުރައްވައި އަލީ ވަހީދު ވަނީ ކިތަންމެ ވާހަކައެއް ދެއްކެވި ނަމަވެސް ރައީސް ޔާމީނަކީ "ވަގެއް" ކަމަށާއި މިއީ ބަދަލުނުވާނެ ހަގީގަތެއްކަމަށް ވިދާޅުވެފައެވެ.

އިންސާފުގެ ޒައްރެއްގެ މިންވަރު އޮތް ނަމަވެސް އެމްއެމްޕީއާރްސީ ޚިޔާނާތުގައި ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެ ދުވަހެއް އަދި އަންނާނެކަމަށް އަލީ ވަހީދު އޭރު ވިދާޅުވިއެވެ. އެދުވަހު އަލީ ވަޙީދު ވަނީ ރައީސް ޔާމީނަކީ "ބިލިއަން ޑޮލަރު ވަގެއް" ކަމަށް ސިފަ ކުރައްވައި އަދީބާއި ރައީސް ޔާމީނާއި ދެބޭފުޅުންގެ މެދުގައި ހިނގާދިޔަ މުއާމަލާތްތަކުން އެ އެއް މިލިއަން ޑޮލަރު ހޯދުމަށް ރައީސް ޔާމީން ޕްރެޝަރ ކުރައްވާކަން އެނގި ހާމަވާކަމަށް ވިދާޅުވެފައެވެ. އަދި އެ މުއާމަލާތްތައް އައިގޮތްވެސް އެނގިވަޑައިގަންނަވާކަމަށް އަލީ ވަހީދު އޭރު ވިދާޅުވިއެވެ. ރައީސް ޔާމީނުގެ ޚިޔާނާތުގެ ތަފްސީލްތަކާއި ހަގީގަތް ހާމަވެގެން ދާނީ މިނިވަން އިންސާފުވެރި ތަހުގީގެއްގެ ތެރެއިން ކަމަށް ވިދާޅުވެ އޭރު އަލީ ވަހީދު ވަނީ އެ ދުވަހަކަށް އިންތިޒާރު ކުރައްވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ދުވަހެއްގެ ކޮޅުން ވެރިކަން ބަދަލުވިޔަސް ހެއްކެއް އުފައްދަން ނުޖެހޭ މިންވަރަށް އެކަން ފަޅާއަރާފައިވާކަމަށް އަޑަށް ބާރު ލައްވާފައި އަލީ ވަހީދު އޭރު ވިދާޅުވިއެވެ. ރައީސް ޔާމީނު ވައްކަން ކުރެއްވިކަމަށް އެންމެ ފާޅުކަންބޮޑު ގޮތެއްގައި އެންމެ ޔަގީންކަމާއެކު ރައްޔިތުންނަށް ވިދާޅުވެދެއްވި އެއް ބޭފުޅަކަށްވެސް އަލީ ވަހީދު ވާނެއެވެ. އޭރު ވިދާޅުވަމުން ގެންދެވީ އެފަދަ އެތައް ބައިވަރު ޖަރީމާތަކުގެ ކަންކަން އަދި ކުރިއަށް އޮތްތަނުގައި ފަޅާއަރާނެ ކަމަށެވެ.

"މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ ހުރިހާ ތަފްސީލަކާއެކު މިއަދު ވާނީ ތަހުގީގީ އިދާރާތަކަށް ހިއްސާކޮށްފައި، އަޅުގަނޑުމެން މަނިކުފާނަށް ޗެލެންޖު ކޮށްފައި މި ދަންނަވަނީ، މަނިކުފާނަކީ ބޮޑު ވަގެކޭ، މަނިކުފާނަކީ ޚިޔާނަތްވެގެން ހުރި މީހެކޭ، މަނިކުފާނަކީ ދިވެހި ރައްޔިތުންގެ ފައިސާ ރައީސްކަމުގައި ހުންނަވައިގެން ނަންގަވައިގެން ހުރި މީހެކޭ، ރައީސް އަބްދުﷲ ޔާމީނަކީ ހަމަ ދިވެހިރާއްޖޭގެ ތާރީޚު ދުށް ބޮޑު ބިލިއަން ވަގެކޭ، ދެން ހިއެއް ނުވޭ ރާއްޖޭގެ ތާރީޚުގައި މީނަ މި ކުރިވަރަށްވުރެ ގޯސްކޮށް ވެރިކަން ކުރަން އެނގޭނެ މީހެއް އަންނާނެހެންނެއް،
އަލީ ވަހީދު

ކޮންމެއަކަސް މިއަދުވެސް އަޑުއަހަން ޖެހިފައި މިވަނީ އެއް ވާހަކަތަކެކެވެ. ކަންކަން ފަޅާއަރާނެ ވާހަކައެވެ. ދައުލަތް ސިހޭނެ ވާހަކައާއި "އޮރިޔާން" ވާނެ ވާހަކައެވެ. މިލިއަން ޑޮލަރުން ވައްކަން ކުރެއްވި ވާހަކައެވެ. ހަގީގަތް ހާމަ ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާ ވާހަކައެވެ. ވާހަކަތައް އެއްގޮތެވެ. ބަދަލުވީ ވާހަކައިގެ މިސްރާބާއި ރާގެވެ. ވާހަކައިގައި އުޅޭ "ކެރެކްޓަރ" ތަކެވެ.

މިއަދު އަލީ ވަހީދަށް ޔާމީން ސިފަ ކުރެވެނީ "ބިލިން ޑޮލަރު ވަގެއް" ގޮތުގައެއް ނޫނެވެ. މިއަދު ހާމަ ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނު ގެނެސްދެއްވި ތަރައްގީއާއި ތަމައްދުން ފެނި ހިތަށް ކުރަމުންދާ އަސަރެވެ. އެ ދުވަހު ވައްކަމުގެ ތުހުމަތު ކުރެއްވީ ވެރިކަމުގައި ހުންނެވި ރައީސް ޔާމީނަށެވެ. މިއަދު އެ ތުހުމަތު އަމާޒު ކުރައްވަމުން ގެންދަވަނީ ވެރިކަމުގައި ހުންނެވި ރައީސް ސާލިހަށެވެ. އެ ދުވަހު ވިދާޅުވީ އެއް މިލިއަން ޑޮލަރު ހޯއްދެއްވުމަށް ރައީސް ޔާމީނު ނުފޫޒު ބޭނުން ކުރައްވައި ޕްރެޝަރ ކުރައްވާ ކަމަށެވެ. އިންސާފު މަރުވެ ކުނިވުމުން ދުވާ ވަސް ރައީސް ޔާމީނުގެ ސަރުކާރުން އެބަ ދުވާ ކަމަށް އެ ދުވަހު ފާޅުގައި ވިދާޅުވިއެވެ. މިއަދު ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ދައުވާތައްވެސް ޝަމީމީ، ހިސާނީ، ހަކީމީ، ގަދީމީއަށްވެ، "ވަހީދުވެގެން" ނިމިއްޖެއެވެ. އެވިދާޅުވި ކުނިވަސް މީރު އަތަރަކަށް ބަދަލުވެއްޖެއެވެ.

އެ ދުވަހުވެސް ވާހަކަ ދެއްކެވީ އިނގިރޭސިވިލާތުގައި ހުންނަވައިގެންނެވެ. 2015 ވަނަ އަހަރުގެ "މޭޑޭ" މުޒާހަރާއާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލުމުން އިނގޭސި ވިލާތަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީނަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރައްވަމުން ގެންދެވިއެވެ. މިއަދުވެސް ހުންނެވީ އިނގިރޭސިވިލާތުގައެވެ. ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކާއެކު ވަޒީރުކަމުން ވަކި ކުރެވި، ކޯޓުގައި އެ މައްސަލަތައް ކުރިއަށްދަނިކޮށެވެ.

ކަންމިހެން ހުރުމާއެކު، އަލީ ވަހީދު ދައްކަވާ ވާހަކަތަކަށް ބަރޯސާވާން ދަތިކަމަށް ގިނަ މީހުން ދެކެއެވެ. ސިޔާސީ އޮއިވަރު ބަދަލުވެ، ސިޔާސީ ފިކުރު ބަދަލުވުމަކީ އާންމު ކަމެކެވެ. ނަމަވެސް ހަމައެކަނި ތިމާގެ ހާލަތަށް ބަލައި، ފަރުދީ މަންފާއަށް ވިސްނައިގެން ސިޔާސީ މައިދާނުގައި އުޅޭ މީހުން ރައްޔިތުން ބަލައެއް ނުގަނެއެވެ. އަލީ ވަހީދުގެ މައްޗަށް ކުރެވެނީ ސީރިއަސް ބޮޑެތި ތުހުމަތުތަކެކެވެ. ވީމާ މިވަގުތު އެ ތުހުމަތުތަކުން ބަރީއަވުން މާ ރަނގަޅުވާނެކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ބިލިއަން ޑޮލަރު ވަގުންގެ ވާހަކަ ދެއްކިދާނެއެވެ. ބިލިއަން ފަހަރު ދޮގުވެސް ހެދިދާނެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް ގެއްލިގެންދަނީ ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަމެވެ. ތިމާ ބުނާ ބަހުގެ އަގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
17%
8%
0%
0%
67%
8%
ކޮމެންޓް