ކ. މާލެ
|
19 ސެޕްޓެންބަރ 2021 | އާދީއްތަ 19:45
ކްރިކެޓް ބޯޑުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ކްރިކެޓް ބޯޑުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް ބޯޑުގެ އަހަރީ އާންމު ޖަލްސާ
ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން ދުރުރާސްތާ ޕްލޭނެއް
 
ދުރުރާސްތާ ޕްލޭނެއް ފަރުމާކުރާނީ 2030 ވަނަ އަހަރަށް
 
އަހަރީ އާންމު ޖަލްސާގައި ވަނީ ބަޖެޓުވެސް ފާސްކޮށްފައި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން 2030 ވަނަ އަހަރަށް އަމާޒުކޮށް ދުރުރާސްތާ ޕްލޭނެއް ހަދާނެ ކަމަށް އެ ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ކްރިކެޓް ބޯޑުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ހޮނިހިރު ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގެ ސެމީނާ ރޫމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ކްރިކެޓް ބޯޑުގެ އައު ހިންގާ ކޮމިޓީގެ އަމާޒަކީ އެ ބޯޑަކީ ދެމެހެއްޓެނިވިގޮތަކަށް ހިންގޭނެ، މެންބަރުންނަށާ ކްރިކެޓުގައި ހަރަކާތްތެރިވާ އެންމެންނަށް ފައިދާ ކުރާނެ ތަނަކަށް ހެދުން ކަމަށެވެ.

އެގޮތުން މި ވަގުތު ބައެއް ކަހަލަ ދަތި އަދި އުނދަގޫ ކަންކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް، މެންބަރުންނާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް، 2030 ވަނަ އަހަރަށް ދުރުރާސްތާ ޕްލޭނެއް ފަރުމާކުރަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމުގައި ހުރިހާ މެންބަރުންގެ އެއްބާރުލުމާ މަޝްވަރާ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި، މަގުސަދަކީ ކުރިއަށް އަންނަ ދައުރުތަކުގައި ބޯޑު ހިންގުމަށް ކޮންމެ ބަޔަކު ތިބި ކަމުގައި ވިޔަސް، ކްރިކެޓުގެ އެންމެން ބަލައިގަނެ އެއްބަސް ވެފައި އޮތް ޕްލޭނަކާއެކު ކްރިކެޓް ކުރިއަރުވާ ފުޅާކުރުމުގެ މަސައްކަތް އެއް މިސްރާބަކަށް ކުރުން ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މެންބަރުންނަށް ހުރި ފުރުސަތުތަކާއި، ކުލަބުތަކަށް ލިބޭ ޚިދުމަތްތައް ފުޅާކުރުމަށްވެސް މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ކުލަބުތަކަށް ދިނުމަށް 59،000 (ފަންސާސް ނުވަ ހާސް) ރުފިޔާގެ ފައިސާގެ އެހީ ކަނޑައެޅިފައިވާނެ ކަމަށާއި، އެކަމަކު އެ އަދަދު 200،000 (ދެ ލައްކަ) ރުފިޔާއަށްވުރެ މައްޗަށް އަންނަ އަހަރު ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ކުލަބު ކްރިކެޓާ މުބާރަތްތައް އައު އަމާޒަކަށް ފަރުމާކުރުމަށް ހުރިހާ ކުލަބުތައް ހިމެނޭ ގޮތަށް، އެޑް ހޮކް ކޮމިޓީއެއް ނަގައި، މަސައްކަތްތަކެއް މި މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކްރިކެޓް ބޯޑުގެ ރައީސަކަށް ފައިސަލް އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހުއެވެ. މީގެ ކުރިން އެ ބޯޑުގެ ނައިބު ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަންވެސް ކުރެއްވި ފައިސަލް އެ އިދާރާއާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީން ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް "ޕްލޭން 120" ގެ ނަމުގައި ކުރު މުއްދަތުގެ ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

ފައިސަލް ވިދާޅުވީ "ޕްލޭން 120" ގެ ދަށުން ކުރެވުނު ބައެއް މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެ ބޯޑުގެ ހިނގުން ހަރުދަނާކުރުމަށް ހިންގުމުގެ ހުރިހާ ދާއިރާތަކަކަށް އަމާޒުކޮށް އެސްއޯޕީތަކެއް ތައްޔާރުކުރެވުނު ކަމަށާއި، އޭގެ ތެރޭގައި ފައިސާގެ ކަންކަން ކުރާނެ ގޮތާއި، ހިއުމަން ރިސޯސް މެނޭޖުކުރާނެ ގޮތާއި، އިދާރީ ކަންކަން ކުރާނެ ގޮތުގެ އިސޫލުތަކެއް ގާއިމުކުރެވުނު ކަމަށެވެ. އަދި ކްރިކެޓް ބޯޑުގެ ޚަރަދުތައް ކުޑަ ކުރެވޭނެގޮތްތައް ބަލައި، މުވައްޒަފުންގެ އެއްބަސްވުންތައް އާކޮށް، މުސާރާއިގެ އައު އޮނިގަނޑެއް ގާއިމުކޮށް އަމަލުކުރަން ފެށުނު ކަމަށާއި، ކޯޗުންނާއި، ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށް، ޖޫނިއާ، ވައިޑީޕީ ގެ އައު އޮނިގަނޑެއްވެސް ތައްޔާރުކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ކްރިކެޓް ބޯޑުގެ އަހަރީ އާންމު ޖަލްސާގައި ވަނީ މި އަހަރުގެ ބަޖެޓު ފާސްކޮށްފައެވެ. އެގޮތުން މި އަހަރަށް ފާސްކުރި ކްރިކެޓް ބޯޑުގެ ބަޖެޓަކީ 4،536،963 (ހަތަރު މިލިޔަން، ފަސްލައްކަ ތިރީސް ހަހާސް، ނުވަސަތޭކަ ފަސްދޮޅަސް ތިނެއް) ރުފިޔާ އެވެ. އަދި މި އަހަރު ލިބޭނެ ކަމަށް ލަފާކޮށް ބަޖެޓުގައި ހިމަނާފައިވަނީ 4،314،900 (ހަތަރު މިލިޔަން، ތިންލައްކަ ސާދަހާސް، ނުވަސަތޭކަ) ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް