ކ. މާލެ
|
18 ސެޕްޓެންބަރ 2021 | ހޮނިހިރު 12:39
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
އެމްއާރުއެމްގެ މަގާމުތަކަށް ކުރިމަތިލުން
އެމްއާރުއެމްގެ މަގާމުތަކަށް 73 މީހުން ކުރިމަތިލައިފި
 
މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 22 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައި
 
މަގާމުތަކަށް ކުރިމަތިލާ ޒުވާނުންގެ އަދަދު މަދު
 
ނޭޝަނަލް ކޮންވެންޝަންގައި 16 މަގާމަކަށް މީހުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައި

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ މަގާމުތަކަށް 73 މެމްބަރަކު މިހާތަނަށް ކުރިމަތިލާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރުއެމްގެ އެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. 9 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައި އޮތުމަށްފަހު މި މުއްދަތު ސެޕްޓެމްބަރު 22 ގެ ނިޔަލަށް އިތުރު ކުރުމަށް އެމްއާރުއެމްއިން ވަނީ ނިންމާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެމްއާރުއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ މިވަގުތު ހުޅުވާލާފައިވާ މަގާމުތަކަށް 73 މެމްބަރަކު މިހާތަނަށް ކުރިމަތިލާފައިވާކަމަށެވެ.

މައިގަނޑު 16 މަގާމަކަށް މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޒައީމް ކަމާއި، ޕާޓީގެ ރައީސް އަދި ނާއިބުރައީސާއި ޕާޓީގެ އަންހެން ނާއިބުރައީސްގެ މަގާމެވެ. މީގެއިތުރުން އެގްޒެކެޓިވް ކޮމިޓީއަށް ފިރިހެން 10 މެމްބަރުންނާއި އަންހެނުން 10 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންގެ ކައުންސިލްގެ ރައީސާއި ނާއިބުރައީސް އިންތިޚާބުކުރާއިރު ޒުވާނުންގެ ކައުންސިލަށް ފިރިހެން 15 މެމްބަރުންނާއި އަންހެން 15 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންހެނުންގެ ކައުންސިލްގެ ރައީސާއި ނާއިބުރައީސް އިންތިޚާބުކުރާއިރު އަންހެނުންގެ ކައުންސިލަށް 20 މެމްބަރުން އިންތިޚާބުކުރާނެއެވެ. އިންތިޚާބު ކޮމިޓީ އާއި ސުލޫކު ކޮމިޓީ އަދި އިސްތިއުނާފް ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރާއިރު މިއިން ކޮންމެ ކޮމިޓީއަކަށްވެސް 5 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހުރިހާ މަގާމަކަށްވެސް މީހުން ކުރިމަތިލާފައިވާކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. މި މަގާމުތަކަށް މީހުން ހޮވާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އޮންނަ އެޕާޓީގެ ނޭޝަނަލް ކޮންވެންޝަންގައެވެ.

އަލީމް އިތުރަށް ވިދާޅުވީ މި މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައި އޮތް މުއްދަތު އިތުރުކުރަން ނިންމީ މަގާމުތަކަށް ކުރިމަތިލާ ޒުވާނުންގެ އަދަދު އިތުރުކުރުމަށް ކަމަށެވެ. ގިނަ އަދަދެއްގެ ޒުވާނުން ޕާޓީއަށް ސޮއިކޮށްފައި ވީނަމަވެސް ޕާޓީގެ ކަންކަމުގައި އެކްޓިިވްކޮށް އުޅޭނެ ޒުވާނުން މަދުކަމަށް އަލީމް ވިދާޅުވިއެވެ.

އެމްއާރުއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ޕާޓީގެ ޒައީމްކަމުގެ މަގާމަށް ކުރީގެ ރައީސް އަދި އެމްއާރުއެމް އުފެއްދެވުމުގައި ހަރަކާތްތެރިވި މައުމޫން އަބްދުލްގައްޔޫމް ވަނީ ކުރިމަތިލައްވާފައެވެ. އަދި ޕާޓީގެ ރައީސްކަމުގެ މަގާމަށް މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިޝް މައުމޫން ވަނީ ކުރިމަތިލައްވާފައެވެ.

މަގާމުތަކަށް ކުރިމަތިލާން އެދޭ މެމްބަރުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޕާޓީ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގައި ކަނޑައަޅާފައިވަނީ ދެ ޝަރުތެކެވެ. އެއީ އެމްއާރުއެމްގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރަކަށް ވުމާއި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 30 އަހަރު ފުރިހަމަވެފައިނުވާ މީހަކަށް ވުމެވެ.

މައުމޫން އިސްވެ ހުންނަވައި އެމްއާރުއެމް އުފެއްދެވީ ޕީޕީއެމް ދެބައިވެ ޕީޕީއެމްގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ހޯއްދެވުމުންނެވެ. ޕީޕީއެމްގެ ރައީސްކަމުގައި ހުންނަވައި ފެއްޓެވި އިސްލާހީ މަސައްކަތުގެ ތެރެއިން އެމްއާރުއެމް އުފެއްދެވިއިރު ޕީޕީއެމް އުފައްދަވާފައި ވަނީވެސް މައުމޫން އިސްވެ ހުންނަވައެވެ.

ޕީޕީއެމްގެ ކުރިން މައުމޫން ވަނީ ޑީއާރުޕީ އުފައްދަވާފައެވެ. އެޕާޓީވެސް އެމަނިކުފާނަށް ގެއްލުނީ އޭރު ޑީއާރުޕީ ހިންގަވަން ތިއްބެވި ބޭފުޅުންނާއި މައުމޫނާ ދެމެދު އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް