Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ޚިޔާނާތުގެ މައްސަލަ

ޔާމީންގެ ޝަރީއަތުގައި ދައުލަތް: "މިސްކިތު މުދިމު ނަމަ، ކިހިނެއް ހޯދި ފައިސާއެއްތޯ އަހާނެ"

މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2021 | އާދީއްތަ 07:11
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރ. ފުއްގިރި ހިޔާނާތާ ގުޅިގެން ދެ ދައުވާއެއް ވަނީ އުފުލާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރ. ފުއްގިރި ހިޔާނާތާ ގުޅިގެން ދެ ދައުވާއެއް ވަނީ އުފުލާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސް, ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދައުލަތާއި ދިފާޢަށް ފުރުސަތު ދީފިއެވެ.

އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާތަކާ ގުޅިގެން އާދިއްތަ ދުވަހު ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށްގެން ކުރިއަށް ގެންދިޔަ މި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އިބްތިދާއީ ގޮތުން ކުރިއަށް ގެންދިޔަ އަޑުއެހުމެކެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ އިސްގާޒީއަކީ ފަނޑިޔާރު އަހުމަދު ޝަކީލެވެ.

Advertisement - newsAdvertisement

ދައުލަތުން އެއް ހުށަހެޅުން، ދިފާއުން 4 ހުށަހެޅުމެއް:

މި މައްސަލައިގައި ދައުލަތުންނާއި ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުންތައް ޝަރީއަތަަށް ހިއްސާ ކޮށްފައިވާއިރު، ދައުލަތުން ވަނީ އެއް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެގޮތުން ދައުލަތުން ހުށަހެޅި ރިޕޯޓުގައިވާ ސީޑީއެއްގައި ހިމެނޭ މައުލޫމާތުތަކެއް ރައްކާތެރި ކުރުމުގެ އަމުރަކަށް ވަނީ އެދިވަޑައިގަންނަވާފައެވެ. ސަބަބެއްގެ ގޮތުން ފާހަގަކުރެއްވީ މިހާރު ވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ދައުލަތުގެ 3 އިދާރާއަކުން ބަލަމުންދާ މައްސަލަތަކެއްގައި ހިމެނޭ ގިނަ ބައެއްގެ ޒާތީ މައުލޫމާތު އޭގައި ހިމެނިފައިވުމާއި، އެކަމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިދާނެތީކަން ދައުލަތުން ފާހަގަކުރިއެވެ. އަދި ޒާތީ މައުލޫމާތު ރައްކާތެރި ކުރުމުގެ ހައްޤު ވެސް އޭގެ ސަބަބުން ގެއްލިގެން ހިނގައިދާނެކަން ދައުލަތުން ފާހަގަކުރިއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތުތައް ދައުވާ ލިބޭ ފަރާތަށް ލިބިއްޖެނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަން ވެސް ދައުލަތުން ފާހަގަކުރިއެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ، ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ހުށަހެޅި ސަބަބުތަކަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭ ސަބަބުތަކެއް ނޫން ކަމަށެވެ. އެގޮތުން ޒާތީ މައުލޫމާތު އުނިކޮށް ހަމައެކަނި ޝަރީއަތުގެ މަރުޙަލާގައި ބައެއް މައުލޫމާތު ހިމެނުމަކީ ހައިކޯޓުގެ ގަޒިއްޔާއެއްގައި ބަޔާންކޮށްފައިވާ އިންސާފުން ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭ ޙުކުމްތަކާ ތައާރުޒުވާ ކަމެއްކަން ވަކީލު ޝިޔާޒް ފާހަގަކުރެއްވިއެވެ.

ޝިޔާޒް ވިދާޅުވީ، ދައުވާއާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވާ ކަންކަން ނޭނގި، ދައުވާއަށް ޖަވާބުދާރީވާން ވެސް ނޭނގޭނެ ކަމަށެވެ. އަދި "މީހަކު ހިނގާ ގޮތަކުން ވެސް ތަހުގީގަށް ހުރަސް އެޅިދާނެ" ކަމަށް ދައުލަތުން ފާހަގަކުރުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫންކަން ފާހަގަކުރައްވައި ޝިޔާޒް ވިދާޅުވީ، ދައުލަތުން ހުށަހެޅި ހުށަހެޅުން ރައްދުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތަށް ޝަރީއަތުން ނިންމަވައިދެއްވުމަށް ޝިޔާޒް ވަނީ އެދިވަޑައިގެންފައެވެ.

ޖުމުލަކޮށް މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވަނީ 4 ހުށަހެޅުމެކެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެގޮތުން އަބްދުﷲ ޒިޔަތުއާއި، އަހުމަދު އަދީބުއާއި، އަހުމަދު އާމިރުއާއި، މުޙައްމަދު ޝިފާއު، އަލީ މައުރޫފު، އިބްރާހިމް ރަޝީދު، އަހުމަދު ޝާއިޤު، އަހުމަދު ޝާކިރު، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި މުޙައްމަދު ހުސައިންފުޅުގެ ހެކިބަސް ބަލައި ނުގަތުމަށް ވަނީ އެދިފައެވެ. ސަބަބެއްގެ ގޮތުން ފާހަގަކުރެއްވީ އެއީ ދައުވާގެ އެއްވެސް ވާގިއާއަކާ އެއްވެސް ގުޅުމެއް ނެތް އަދި ދައުވާލިބޭ ފަރާތާ ގުޅޭގޮތުން ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ބަޔަކަށް ވުމެވެ.

އޭގެ އިތުރުން، ފުލުހުންގެ ރިޕޯޓު ތައްޔާރުކުރި އޮފިސަރު ކަމަށްވާ އިބްރާހިމް ލިރާރުގެ ހެކިބަސް ބަލައިނުގަތުމަށް ވެސް ދިފާއުން ވަނީ އެދިފައެވެ. ސަބަބެއްގެ ގޮތުން ފާހަގަކުރެއްވީ އޭނާ ތައްޔާރު ކުރެއްވި ރިޕޯޓުގައި އޮތީ މުޅިން އެހެން ބައެއްގެ ޗެޓްލޮގްތަކެއްގެ ވާހަކަ ކަމަށް ވުމާއި، ދައުވާލިބޭ ފަރާތާ ގުޅުންހުރި ވާހަކަތަކެއް ނެތުމެވެ. މި ނޫނަސް ގިނަ ހެކިވެރިންގެ ހެކިބަސް ޤަބޫލު ނުކުރެއްވުމަށް ދިފާއުން އެދިފައިވެއެވެ.

ދެވަނަ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާ ފޯމުގައިވާ އުނިކަމެއް ހުރުމުން ދައުވާ ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެގޮތުން ހެކިންގެ ލިސްޓުގައި އިތުރު ހެކިން ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަން ބަޔާން ކުރައްވައި ވަކީލު ޝިޔާޒް ވަނީ ދައުވާ ފޯމުގައިވާ ލިސްޓަށް އިތުރު ކޮށްފައިވަނީ ޖިނާއީ އިޖުރާތައުގެ ޤާނޫނުގައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެވަނަ ފަހަރަށް ހުށަހެޅިއިރު، ހެކިންގެ ލިސްޓުގައި އިތުރު ހެކިން ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދެއްވުމަށް ދިފާއުން ވަނީ އެދިވަޑައިގެންފައެވެ.

ތިންވަނަ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާ ލިބޭ ފަރާތްތަކުގެ މެދުގައި ޤާނޫނީ ކޮންފްލިކްޓްތަކެއް ހުރުމުން އިންސާފަށް ވާސިލުވުމަށް ހުރަސް އެޅިދާނެކަމަށް ބަޔާންކޮށް، ދައުވާލިބޭ ފަރާތްތަކުގެ ބައިތައް ވަކި ކޮށްގެން ކުރިއަށް ގެންދިއުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ހަތަރުވަނަ ކަމެއްގެ ގޮތުން ހެކި ހާމަކޮށްދިނުމަށް އެދި ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ހެކި ހާމަކުރުމާބެހޭ 5 ކަމެއް ވަނީ ދިފާއުން ތަފްސީލާއެކު ހުށަހަޅާފައެވެ.

މި ހުށަހެޅުންތަކާ ގުޅޭގޮތުން ދައުލަތުން ވަނީ ރައްދު ވެސް ހުށަހަޅާފައެވެ. އެގޮތުން އަދީބާއި ޒިޔަތަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކި ދިނުމަށް އުފައްދާފައިވާ މެޝިނެއްކަމަށް ދިފާއުން ދެއްކެވި ވާހަކައަށް ދައުލަތުން ވަނީ ރައްދު ދެއްވާފައެވެ. ދައުލަތުން ވަނީ އަދީބާއި ޒިޔަތަކީ މި މައްސަލައާ ގުޅޭ އެންމެ ތަފްސީލީ މައުލޫމާތުތައް އެނގޭނެ ދެ ފަރާތްކަން ފާހަގަކުރައްވައި، ކުށުގެ ތަބީއަތު ނިޔާކުރާ ގޮތުން މިފަދަ ބޮޑެތި ކުށްތަކުގައި ހެކިބަސް ދޭން ވެސް ތިބޭނީ އެކަމުގައި ޝާމިލުވެ އުޅުނު މީހުން ކަމަށެވެ. އެގޮތުން "މިސްކިތުގެ މުދިމުގެ އަތަށް" ފައިސާތަކެއް ލިބުމުން އެއީ ކިހިނެއް ހޯދި ފައިސާތޯ މުދިމު ސުވާލު ކޮށްފާނެކަން ފާހަގަކޮށް ދައުލަތުން ބުނީ، ކަމެއްގެ ތެރޭގައި އަމަލީ ގޮތުން އުޅޭ ބަޔަކަށް އެކަމުގެ މައުލޫމާތު ބޮޑަށް ސާފުވާނެ ކަމަށެވެ. އެގޮތުން ބްރެޒިލްގައި ހިނގާދިޔަ "އޮޕަރޭޝަން ކާރ ވޮޝް" އަކީ މި މައްސަލައާއި ދާދި އެއްގޮތް މައްސަލައެއްކަމާއި، ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނީ ނިޒާމުގައި ވެސް މި އުސޫލުތަކަށް އަމަލު ކުރާކަން ދައުލަތުން ފާހަގަކުރިއެވެ.

ޝަރީއަތުން ފާހަގަކުރި ކަންކަން:

މި މައްސަލައިގައި ދެފަރާތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ ޝަރީއަތުން ސާފު ކުރަންހުރި ކަންކަން ސާފު ކުރައްވާފައެވެ.

ގާޒީ ވިދާޅުވި ގޮތުގައި މި މައްސަލައިގައި ދެން އޮންނާނީ ދެފަރާތުގެ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެކެވެ. ގާޒީ އެހެން ވިދާޅުވުމުން ދިފާއުން ވަނީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުންތަކާ ގުޅިގެން އިތުރު އަޑުއެހުމެއް ބޭއްވުމަށް އެދިފައެވެ. ނަމަވެސް ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުންތަކަށް ރައްދު ދިނުމަށް އަޑުއެހުންތައް ތަކުރާރުކޮށް ބާއްވާނަަމަ އެއީ ނިމުމެއް ނޯންނާނެ ކަމެއްކަން ދައުލަތުން ފާހަގަކުރިއެވެ.

ޝަރީއަތުން ވަނީ ދެން އޮންނާނީ ދެފަރާތުގެ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއްކަން ފާހަގަކުރައްވާފައެވެ. މި އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ހެނދުނު 09:00 ގައި މި އަޑުއެހުން އޮންނާނެކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ކަންކަން ނިންމަވާނެކަން ގާޒީ ފާހަގަކުރެއްވިއެވެ.

މައްސަލައިގެ ޚުލާސާއެއް:

މި މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ޖަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތު ވެއްޖެނަމަ ޖަލަށް ހުކުމް ކުރެވޭނެ އެންމެ ކުރު މުއްދަތަކީ 4 އަހަރެވެ. އެންމެ ދިގު މުއްދަތަކީ 8 އަހަރެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. އާއި 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންކަމުން މި ދައުވާއާ ގުޅިގެން ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ 5،585،000 ޑޮލަރެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ރައީސް ޔާމީން މިހާރު ވެސް 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނު މިހާރު ހުންނެވީ ވަގުތީ ގޮތުން ގޭ ބަންދުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު