ކ. މާލެ
|
13 އޯގަސްޓް 2021 | ހުކުރު 18:03
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ހާރިޖީ ވުޒާރާ
އ.ދގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވުން
އާންމު މަޖިލީހުގެ ޒައާމަތާއި ރާއްޖެއިން ހަވާލުވުމަށްފަހު ޒުވާނުންނަށް ޚާއްސަ ފެލޯޝިޕެއް ފަށަނީ!
 
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބުކުރެއްވީ ޖޫން މަހުގެ 7 ވަނަ ދުވަހު
 
މިނިސްޓަރ ޝާހިދުގެ މި ނިންމުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައި
 
ކުރިމަގާއި ގުޅޭ ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތް ކުރާނެކަމަށް ޝާހިދު ވިދާޅުވި

އދގެ އާންމު މަޖިލީހުގެ ޒައާމަތާއި ރާއްޖެއިން ހަވާލުވުމަށްފަހު ޒުވާނުންނަށް ޚާއްސަ ފެލޯޝިޕެއް ފަށަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އދގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ޓުވީޓެއްގައެވެ. 12 އޯގަސްޓްގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާ މިނިސްޓަރ ޝާހިދު ވަނީ ޒުވާނުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ފޯރުކޮށްދިނުމަށް އައު މަޤާމާއިއެކު ހަވާލުވާ ހުރިހާ ޒިންމާއެއް އަދާކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ހަމަހަމަ ކާނާގެ ނިޒާމެއްގެ ޔަޤީންކަން ކަށަވަރުކުރުމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ޒުވާނުން ބާރުވެރިކޮށް ގޮތް ނިންމާ ފެންވަރަށް ޒުވާނުން ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ކުރިމަގާއި ގުޅޭ ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް އދގެ އާންމު މަޖިލީހުގެ ޒައާމަތާއި ރާއްޖެއިން ހަވާލުވުމަށްފަހު ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އާންމު މަޖިލީހުގެ ޒައާމަތާއި ރާއްޖެއިން ހަވާލުވުމަށްފަހު ޒުވާނުންނަށް ޚާއްސަ ފެލޯޝިޕެއް ފަށަން ނިންމާފައިވާކަން މިނިސްޓަރ ޝާހިދު ހާމަކުރެއްވިއެވެ.

"ޕީ.ޖީ.އޭ ޔޫތް ފެލޯޝިޕް ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތެރެއިން އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި، ޖަޒީރާ ޤައުމުތަކުގެ ޒުވާނުންގެ ތެރެއިން ސިވިލް ސާވެންޓުން އަދި ހަރުދަނާ ޑިޕްލޮމެޓުންތަކެއް އުފެދިގެންދާނެކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމް އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށް ގެންދާއިރު، 1 އަހަރު ދުވަހުގެ މި ޕްރޮގްރާމްގެ ތެރެއިން އ.ދގެ އިދާރީ ކަންކަން ތަޖުރިބާކޮށް ބައިނަލްއަޤްވާމީ ޒުވާން ލީޑަރުންތަކެއް ބިނާކުރެވޭނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ މި ނިންމުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން މިނިސްޓަރ ޝާހިދުގެ މި މަސައްކަތްޕުޅުގެ ސަބަބުން މީގެ ކުރިން ހަވާސާވެފައިވާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި، ޖަޒީރާ ޤައުމުތަކުގެ ޒުވާނުންނަށް ލިބިގެން ދިޔައީ ރަނުގެ ފުރުސަތެއްކަމަށް ސިފަކުރެއްވިއެވެ. އަދި މި ފަދަ ހަމަ ހަމަ އުސޫލަތަކެއް މިހާރުއްސުރެ ގެންގުުޅުއްވާތަން ފެންނަމުންދާތީ އެކި ޑިޕްލޮމެޓުން ވަނީ ހިތްހަމަޖެހުން ފާޅުކުރައްވާ އެމަނިކުފާނުގެ ޒައާމަތަށް ކުރެވޭ އުންމީދު ބޮޑުކަމަށް ވިދާޅުވެފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބުކުރެއްވީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ވާދަ ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ. ޝާހިދު މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އދ. ގެ އާންމު މަޖިލީހުގައި މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި ވަނީ ސިއްރު ވޯޓަކުންނެވެ.

އިންތިޚާބު ކާމިޔާބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ދައުރުގައި ހާސިލުކުރަވަން އަމާޒު ހިފާފައިވާ ކަންކަމުގެ ތަސައްވަރު ތަފުސީލުކޮށްދެއްވާފައެވެ. މިނިސްޓަރ ޝާހިދު ވަނީ ފާއިތުވި އަހަރު ތިމާވެށީގެ ގޮތުންނާއި، އިންސާނީ ކާރިސާތަކުގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑު-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށާއި، ވެކްސިނޭޝަން ޕްރޮގްރާމްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 76 ވަނަ މަޖިލީހަކީ ގިނަ ކާމިޔާބީތަކެއް ހޯދޭނެ މަޖިލީހަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މިންތީގެ ހަމަހަމަކަމާއި، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ޒިންމާދާރު، ޒިންމާ ކުރުވޭ މަޖިލީހަކަށް 76 ވަނަ މަޖިލިސް ހައްދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް