ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 19:10
ކޮވިޑް-19 އާއެކު މާލެ ސަރަަހައްދުގައި އިއުލާނުކުރެވުނު ލޮކްޑައުންގެ ތެރޭގައި މަގުމަތި
ކޮވިޑް-19 އާއެކު މާލެ ސަރަަހައްދުގައި އިއުލާނުކުރެވުނު ލޮކްޑައުންގެ ތެރޭގައި މަގުމަތި
ރާއްޖެއެމްވީ
ކޮވިޑް-19 ކޮންޓްރޯލްކުރުން
ލުއިތަކެއް ދީފި، ކޭސްތައް މެކުހަށްނުޖަހައި ހިފާއްޓާލެވޭނެބާ!
ކޭސްތައް ކޮންޓްރޯލުކުރުމުގެ ބާރު މިހާރު އޮތީ ރައްޔިތުންގެ އަތުގައި
ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް ފުރިހަމަކުރުން މުހިންމު
ލުއިތައް ދިން ނަމަވެސް ބަލީގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނަން ފެށުމުން ސަރުކާރުން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމުން ކަރަންޓީނުވުމަކާ ނުލާ ދަތުރުކުރެވޭނެ ހުއްދައާއި މާލެ ސަރަަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލުމާއި ވިޔަފާރިތައް ހިންގުމުގައި ދެވުނު ލުއިތައް ފާހަގަކުރެވެއެވެ. މި ލުއިތަކާއެކުވެސް މާލެ ސަރަަހައްދުގެ ކޭސްތައް އަތްނުފޯރާފަށަށް ނުގޮސް ކޮންޓްރޯލުކުރެވޭ މަންޒަރު ފެންނަމުން ދިއުމާއެކު ސަރުކާރުން ވަނީ ލުއި ނުދެވި ބާކީ ހުރި މަދު ކަންކަމަށް ވެސް އިތުރު ލުއިތަކެއް ދީފައެވެ.

އެގޮތުން އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ދޭން ނިންމި ލުއިތަކުގެ ތެރޭގައި ކެފޭ ރެސްޓޯރަންޓުތައް ހުޅުވާ ގަޑިތައް, ކުރިންވެސް އާންމުކޮށް ހުޅުވާ ގަޑިތަކަށް ބަދަލުކުރުމުގެ ހުއްދަ އާއި މީހުންގެ އަދަދު ކަނޑައެޅުމެއް ނެތި, ހަފުލާތަކާއި ޕާޓީތައް ބޭއްވުމުގެ ހުއްދަ ދިނުމާއި އޮފީސްތަކަށް މީހުން ހާޒިރުވެ މަސައްކަތް ކުރުމުގެ ހުއްދަ ދިނުން ފާހަގަކޮށްލެވެއެވެ. އަދި ސްކޫލުތަކެކޭ އެއްގޮތަށް ޔުނިވާސިޓީތަކަށްވެސް ކުދިން ހާޒިރުވެ ކިޔެވުން ކުރިއަށް ގެންދިއުމުގެ ހުއްދަވެސް މިހާރު ވަނީ ދީފައެވެ.

ލުއިތައް ދެވިގެންދިޔަ އިރުވެސް އިލްތިމާސްކުރީ މީގެ ކުރިން ލުއިތައް ދިންއިރު އިލްތިމާސްކުރި ކަންކަމަށެވެ. ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން ހަދާނުގައި ބެހެއްޓުމަށެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު ގައިދުރުކަން ބަހައްޓަން ހަދާންކުރުމެވެ. ހަފުލާތައް ބާއްވާއިރު އޯޕެން އެއަރ ސަރަހައްދުތަކުގައި ހަފުލާތައް ބޭއްވުމެވެ. އަދި މިއިން ކޮންމެ ކަމެއް ކުރިއަސް ކޮވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ތަކުރާރުކޮށް ދަނީ އިލްތިމާސްކުރަމުންނެވެ.

އައު އާންމު ހާލަތަކަށް އާދެވިފައި ވީނަމަވެސް އަދި ބަލި ކޮންޓްރޯލުކުރެވުނީ ކަމަށް ހީކޮށްގެން ނުވާނެއެވެ. ސަރުކާރުން ވަނީ ރައްޔިތުންނަށް ފަސޭހަވާނެހެން ބަލިން ރައްކާތެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ. ކޭސްތައް މެކުހަށް ޖެހިޔަނުދީ ކޮންޓްރޯލުކުރުމުގެ ބާރު މިހާރު މިއޮތީ ރައްޔިތުންގެ އަތުގައެވެ. ބޭރަށް ގޮސް އުޅޭއިރު، މިހާރު ދިރިއުޅެމުން މިދަނީ ބަލިމަޑުކަމެއްގެ ތެރޭގައިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިލިބުނު ހުރިހާ ލުއިތަކާއެކު ބަލީގެ މަތިން ހަނދާން ނައްތާލައިފިނަމަ ދެން ފެންނާނެ މަންޒަރު ދިވެހިންނަށް ވަރަށް ރަނގަޅަށް މިހާރު އެނގޭނެއެވެ.

ލުއިތައް ލިބޭ ކޮންމެ ފަހަރަކު ހެދޭ ކުޑަ ގޯހަކުން އެތައް މަސް ދުވަހުގެ ގޭ ބަންދަކަށް ދިއުމަކީ ހަގީގަތުގައި އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. ލޮލަށް ނުފެންނަ ވައިރަހެއްގެ ސަބަބުން މުޅި ދިރިއުޅުން ހުއްޓުމަކަށް އައުމަކީ ބަލައިގަންނަން ފަސޭހަކަމެއް ނޫނެވެ. ފުރަތަމަ ބަލިމަޑުކަމާއި ކުރިމަތިލިއިރު، ބަލިން ރައްކާތެރިވުމަށް އެޅެން އޮތް ފިޔަވަޅަކީ ބައްޔަށް ފިލައިގެން އުޅުން ކަމަށް ވިޔަސް މިހާރު މިވަނީ ބައްޔާ ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ރާއްޖެއަށް ލިބިފައެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރާ ވެކްސިންގެ ޑޯޒްތައް މިހާރު ލިބިފައިވާއިރު، ގައުމީ ވެކްސިނޭޝަން ކެންޕޭނުގެ ދަށުން ވެކްސިން ޖެހޭ އެންމެން ލަސްނުކޮށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކަމާ ގުޅޭ ހުރިހާ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. މިކަމަށް ބީރު ކަންފަތެއް ނުދީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ބަލިން ރައްކާތެރިވުމަކީ މިހާރު ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައި އޮތް ފަރުދީ ޒިންމާއެކެވެ.

ކޮވިޑްގެ ހާލަތު ކޮންޓްރޯލުކޮށް އައު އާންމު ހާލަތުގައި ހަމަޖެހިލައިގެން ދިރިއުޅުމުގެ ބާރު މިހާރު އޮތީ ރައްޔިތުންގެ އަތުގައެވެ. ބޭނުންވަނީ މާސްކު ރަނގަޅަށް އަޅައި ގައިދުރުކަން ބެހެއްޓުމެވެ. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ކޭސްތައް އިތުރުވިޔަ ނުދީ ހިފާއްޓާލުމެވެ. މިއީ އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ ހާސިލުކުރަން މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް