މުސްކުޅިން ބުނު އުޅެއެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވާނެއެވެ. ހުން އަންނާނެ ކަމަށް ރަޖާލާންވެސް ޖެހޭނެއެވެ. މިހެން ބުނެ އުޅެނީ ދުރު މުސްތަގުބަލަށް ވިސްނާފައި ކަންކަން ކުރުމަށާއި ކުރާ ކަންކަން ރަނގަޅު ގޮތުގައި ކުރުމަށެވެ. މި ބަހުގައި ބުނާ ވާހަކަތަކަކީ ހަމަ ތެދެކެވެ. މިހާރު ކުރާ ކަންކަމަކީ ފަހަށް ވެސް ހުންނާނެ ކަންކަން ދަނެގެން ފަހަށް އެކަންކަން ރަނގަޅު ކުރަން ނުޖެހޭ ގޮތަކަށް ކަންކަން ކުރަން ޖެހެއެވެ. ނޫނީ ޖަހަން ޖެހޭނީ އުނބަށެވެ.
މި ދައްކަން އުޅޭ ވާހަކަ ފަށާނީ ދުވާ ޓްރެކުން ކަމެއް ނުވަތަ ގުޅި ފަޅު ފުލެޓުން ކަމެއް ނޫނީ މާލޭގެ ހުޅަނގު ދެކުނުން ކަމެއް ނޭނގުނެވެ. ދުރުން ގާތަށް ގެންނަމާ ހިނގާށެވެ. މާލޭގެ ރައްޔިތުން ބޯހިޔާވަހިކަމަށް ފެންބޮވައިގަތުމުން އެކަމަށް ހައްލު ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ ގިނަ ކަންކަން ފެށިއެވެ. އޭގެ ތެރޭގައި މާލޭގައި ސޯޝަލް ހައުސިން ޔުނިޓްތައް އެޅުމާއި ކައިރީގައި އޮތް ގުޅި ފަޅު ހިއްކައިގެން އެކަން ކުރުން ހިމެނެއެވެ. ދެންވެސް ރައްޔިތުންނަށް ދިގު މުއްދަތަކަށް ފައިދާ ހުރި ކަންކަން ކުރުން ހިމެނެއެވެ. ނަމަވެސް އިދިކޮޅުގައި ތިބި ފަރާތްތަކެއްގެ ރޭވުމާއެކު އެއިރު ވެރިކަން ވައްޓާލިއެވެ. ދެން ގެދޮރާއި ބެހޭ ކަންކަމުގައި އަމުރު މައުރޫފް ހިންގަން ހުރީ މިހާރު މާލެ ސިޓީގެ މޭޔަރުކަން ކުރައްވަން ހުންނެވި ޑރ. މުހައްމަދު މުއިއްޒެވެ.
ހައުސިން މިނިސްޓަރުކަން ލިބިވަޑައިގަތީމާ ފުރަތަމައަށް ކުރެއްވި ކަންތައްތަކުގެ ތެރޭގައި ގުޅިފަޅުގައި މީހުން އާބާދުވުން ހުއްޓުވިއެވެ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ގުޅީފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށާއި ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ދެވޭނެ ކަމަށެވެ.
ގުޅިފަޅުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރެވެ. ނަމަވެސް 2012 ވަނަ އަހަރު އެ މަޝްރޫއު ހުއްޓުނެވެ. ގުޅިފަޅުން ފްލެޓް ލިބުނު ފަރާތްތަކަށް ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ކުރީ ސަރުކާރުން ލިޔުންތަކެއް ހަވާލުކުރިއެވެ. އެކަމަކު ދައުރު ނިމިގެން ދިޔައިރުވެސް އެކަމެއް ނުވިއެވެ.
ދެން އެ ސަރުކާރު ބަދަލުވެ އަނެއްކާވެސް މުއިއްޒު އިސްވެ ހުންނެވި ސަރުކާރެއް ވެރިކަމަށް އަޔެވެ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގެ ދައުރު ނިމި ސަރުކާރު ބަދަލުވި އިރުވެސް ގުޅިފަޅުން ފުލެޓް ގަތް ރައްޔިތުންނަށް ބަދަލެއް ނުދިންތާ ލޮލުގެ ހިމަކަޅިން ބައްލަވާވެސް ނުލެއްވިއެވެ.
މުއިއްޒުގެ ރާގާ ވާހަކަ މިއަދު ބަދަލުވެއްޖެއެވެ. މި ސަރުކާރުން އެތަނުގައި މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީކުރަން ނިންމި ހިސާބުން އެތަނުގައި މީހުން ދިރިއުޅެން ހެޔޮވާނެކަމަށް ވެސް ވިދާޅުވެއްޖެއެވެ. އަދި އެކަން ކުރައްވާނެ ކަމާއި ކުރެއްވެން ހުރި ހުރިހާކަމެއް ކުރައްވާނެކަމަށް ވިދާޅުވެ ގަދަބަސް ވެސް ވިދާޅުވިއެވެ. މުސްކުޅިން މިއަށް ކިޔަނީ އުނބަށްޖެހުމެވެ. ތިމާ ހޭވި ހަޑި ތިމާއަށް ހަމަ ކަމުދިޔައީއެވެ. ކުރިން ގޯސްވެގެން ހަނަފަސްކޮށްލި ބިޔަ ބޮޑު ޕްރޮޖެކްޓް މިހާރު ރަންގަނޑަކަށްވީއެވެ.
ދެން އޮތީ މާލޭގެ ހުޅަނގު ފަރާތުން ހެދި ފަތާ ފެންގަނޑާއި އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް އެޅި ދުވާ ޓްރެކުގެ ވާހަކައެވެ. ބަޔަކާ ހަވާލުކޮށްގެން މުއިއްޒުގެ މިނިސްޓަރުކަމުގައި އެކަންވެސް ކުރެއްވިއެވެ. ހަމަ އެފެންވަރުގައި ހުޅުމާލޭގައި ވެސް އެޗްޑީސީން އެ ބުނާ ކަހަލަ ސިންތެޓިކް ދުވާ ޓްރެކެއް އެޅިއެވެ. ތަފާތަކީ ބަޔަކަށް ލާރި ދީފައި މުއިއްޒު ހެއްދެވި ދުވާ ޓްރެކް ކޮންމެ ދުވަހަކު އެއްފަހަރު ތެރަސްލައި ސިންތެޓިކް ތަތްކުރަން ޖެހުމެވެ. އެޓްރެކް ވެގެންދިޔައީ އިބިލީހުގެ ކައިވެންޏަށެވެ.
ދެންއޮތީ އިންޑަސްޓްރިއަލް ވިލެޖާއި މޮޅު ނެރު ކެނޑުމުގެ ވާހަކައެވެ. އާންމުގޮތެއްގައި ކުރީ ޒަމާނުގައި ރަށްރަށުގައި ނެރު ކެނޑުމާއި ބަނދަރު ހެދުމުގައި މުސްކުޅިންގެ ބަހެއް ހޯދައެވެ. އެއީ ނެރު ކަނޑާގޮތަކުން ފަޅަށް ނުވަދެވިދާނެތީ އެކަމަށް ހައްލު ހޯދުމަށާއި ބަނދަރު ހަދާއިރު އެންމެ ރައްކާތެރި ތަނެއް ހޯދުމުގެ ބޭނުމުގައެވެ. ޒަމާން ބަދަލުވެ އެކަންކަން މިހާރު ކުރަނީ ތިމާވެށީގެ މާހިރުންނެވެ. ނުވަތަ އެ މާހިރުން އެކުލަވާލާ އީއައިއޭގެ މައްޗަށެވެ.
އެއިރު އީއައިއޭއަކީ ވެސް މުއިއްޒެވެ. ތިމާވެށީގެ މާހިރަކީ ވެސް މުއިއްޒެވެ. ސަރުދާރަކީ ވެސް ވެރިޔަކީ ވެސް މުއިއްޒެވެ. މުއިއްޒު ހިތުހުރި ގޮތަކަށް ކަންކަން ކުރަން ރައީސް ޔާމީނު ދޫކޮށްލެއްވީ ބަސްނާހާ ކުޑަކުއްޖަކު ރޮއިގަތީމަ ހުއްޓުވަން ވަރިހަމަ ވެގެން ކަމަށް ވެސް ވެދާނެއެވެ.
އިންޑަސްޓްރިއަލް ޒޯން ބޭނުން ނުކުރާ ވާހަކައާއި އަޅާނުލާ ވާހަކަ މުއިއްޒު ދައްކަވާއިރު، ހަޅަ ޖަހާ ކޮންމެ ފަހަރަކު މާލޭގެ އިރު ހުޅަނގު ބިތުން ނަގާ ރާޅުން މުޅި ތަނުގައި އޮންނަނީ ފެން ބޮޑުވެފައި ކަމެއް މުއިއްޒަށް ހަމަ އެނގިވަޑައި ނުގަންނަވަނީކަމަށް ވެދާނެއެވެ. 7 އަހަރު މިނިސްޓަރުކަން ކުރެއްވި އިރު ވެސް އެ މަންޒަރު ފެނިވަޑައި ނުގަންނަވަނީ ކަމަށް ވެދާނެއެވެ.
ހަޅަޖަހާޖަހާ އެތަނުގެ ހުރި ބައެއް ތާރުތައް ހަލާކުވެ ވެލި ހުރިތަނެއްވިއްޔާ މިހާރު ހުރީ ވަޅުގަނޑު ހެދިފައެވެ. މިއީ އެއްވެސް ކަހަލަ ދިރާސާއެއް ތަހުލީލެއް ހެދިގެން އީއައިއޭއެއް ހެދިގެން ހެދި ތަނެއް ނޫނެވެ. މިއީ ގަދަބަސް ވިދާޅުވެ ކުރެއްވި މަސައްކަތެކެވެ. 7 އަހަރު ފަހުން އަނެއްކާ ވެސް މި ހަޑި ސާފުކުރަން ޖެހިވަޑައިގަތީ ހަމަ މުއިއްޒަށެވެ.
ދެން ހުޅަނގު ފަރާތުން ކެނޑި ނެރުގެ ވާހަކަ ދައްކަން އަޅުގަނޑު މާހިރަކަށް ނުވެދާނެއެވެ. މާލޭގެ ވަށައިގެން ބަޖިޔާ ގައު ޖެހި ފަހުން ވެސް އެތަނުގެ މަތިން ނަގާ ރާޅު މި މާލޭގައި ދިރިއުޅޭ ރައްޔިތުން ދެކެއެވެ. އެ ދިމާލުން އުޅަނދު ވަންނަން ނެރު ކެނޑުން ހިތަށް ގެނުވި މީހަކު ވެސް ސިހޭނެއެވެ. ކުރައްވާނެކަމަށް ވިދާޅުވެ ހަމަ އެކަންވެސް ކުރެއްވީ އީއައިއޭ ނަހައްދަވާ ހިތު ހުރި ގޮތަކަށެވެ. ނަތީޖާއަކަށްވީ އެތަކެއް މުދަލަކަށް ގެއްލުންވެ ހަލާކުވެގެން ދިޔުމެވެ. ބަޔަކު މީހުން އެތަނަށް މީހެއްގެ ނަމުން ނަންދީގެން ވެސް މިއީ އެވެނި މީހެއްގެ ނެރެކޭވެސް ކިޔާ އުޅެއެވެ.
މިހެންގޮސް ލިސްޓަށް އިތުރުކޮށްލާނެ ކަންކަން މާލެ ވަށާލުމުން ފެނެއެވެ. ހުސް އުނބަށް ޖަހަން ޖެހިފަ ހުރި ކަންކަމެވެ. މިކަމުގައި އިތުރު ބަޔަކު ކުށްވެރިކޮށް ބަސްބުނާނެ ޖާގައެއްވެސް ނެތެވެ. މިކަން ކުރެއްވީ އަވަސް އަރުވާލައިގެން ބާރުގެ ބޭނުން ކުރައްވައިގެން ހަމަ މުއިއްޒެވެ. މިކަމުގެ ޒިންމާ ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނީ ހަމަ މުއިއްޒެވެ.