ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 16:06
މިސްރުގެ ރައީސް ސީސީގެ ކެމްޕެއިން ޕޯސްޓަރެއް
މިސްރުގެ ރައީސް ސީސީގެ ކެމްޕެއިން ޕޯސްޓަރެއް
ރޮއިޓާސް
ޣައްޒާ
ޣައްޒާގައި ހިންގާ ޤަތުލުޢާންމުގެ ނިވަލުގައި ހުންނަވައިގެން ސީސީއަށް 3 ވަނަ ދަޢުރެއް ލިބިވަޑައިގެންފާނެބާ؟
މިޞްރުގެ ރިޔާސީ އިންތިޚާބުގައި 'ބަދަލަކަށް' ވޯޓު ދިނުމުގެ ފުރުޞަތު ކުޑަ

ވެރިކަމަކީ ހައިކަން ނުފިލާ ޒާތަކަށް ދެވި ހިފާ ކަމެކޭ ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލައިފި  ކަމުގައި ވީ ނަމަވެސް، ވެރިކަމުގެ 1 ދައުރާއެކު ހިތްހަމަޖައްސާލައިގެން ހުރި ވެރިއަކު ފެނުމަށް ވުރެ ގާތީ ނުފެނުމެވެ. ބައެއް ވެރިންނަށް 2 ދައުރުވެސް މަދެވެ. ޤާނޫނުތައް ގަޑުބަޑުކޮށް އެމީހާގެ ހިތް ފުރޭނެއޭ ހިވާހާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ރާސްތާ ކޮށައިގެން އެތައް އަހަރެއް ވެރިކަމުގައި ހޭދަ ކުރި، އަދި މިހާރުވެސް ހޭދަ ކުރަމުން ދާ ވެރިން އެބަ ތިއްބެވިއެވެ. ނަމުގެ ކުރިއަށް ޚުދުމުޚުތާރު – މި ލަފުޒު އިތުރުކޮށްފިނަމަ ޢަބުރުގެ ދަޢުވާކޮށް، އެހެން ބުނި މީހެއްގެ ޢުމުރުގައި ބާކީ އޮތް ދުވަސްތައް ގޮޅިއެއްގެ ތޭރިތަކުގެ ފަހަތުގައި ގުނަން ޖައްސާ ވެރިން މަދެއް ނޫނެވެ.

ސެހެރި ދިގުނުކޮށް ސީދާ މަޢުލޫއަށް ޖެހިލާނަމެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އަލް-ސީސީ މިހާރު ތައްޔާރުވެވަޑައިގަންނަވަމުން އެ ގެންދަވަނީ ވެރިކަމުގައި އިތުރު 6 އަހަރު ދުވަސް ކަށަވަރު ކުރައްވާށެވެ. އަސްކަރިއްޔާގެ އިސްވެރިއެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ކުރެއްވި ސީސީއަށް 2 ދައުރުން ފުދިވަޑައިނުގެންނެވީތާއެވެ. އަވަށްޓެރި ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުން ސީސީއަށް ރިޔާސީ ރޭހުގެ ރާސްތާ ފަސޭހަ ވެދާނެ ކަމަށްވެސް ބުނެވިދާނެއެވެ. މިޞްރުގައި އުފެދިފައި އޮތް އިޤްތިބާދީ ނުތަނަވަސްކަމުގެ ޚަބަރުދަބަރުގެ އަޑުފަށްގަނޑު މަޑުޖެހިލާނެތީއެވެ.

ހަމަނުޖެހުންތަކާއި ތަޅާފޮޅުންތަކުގެ ސިލްސިލާއެއްގައި މެދުއިރުމަތީގެ ޤައުމުތައް ޖެހިފައި ވަނިކޮށް، މީގެ 10 ވަރަކަށް އަހަރު ކުރިން މިޞްރުގެ ވެރިކަމާ ކުރިމަތިލެއްވި ސީސީ، ވެރިކަމުގެ އިތުރު ދައުރަކަށް ނުކުންނަވަނީ، ސަރަޙައްދީ ހަމަޖެހުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. މި ދަނޑިވަޅަކީ، މިޞްރާ ސަރަޙައްދީ އިން ހިއްސާކުރާ ސޫދާންއާއި ފަލަސްޠީނުގެ ޣައްޒާގައި، މި ފަހުގެ ތާރީޚު ނުދެކޭ ފަދަ ލޭ އޮހުރުވުންތަކާއި ޤަތުލުޢާންމުތައް ހިންގަމުންދާ ދަނޑިވަޅެކެވެ.

މުޙައްލިލުން ސިފަ ކުރާ ގޮތުގައި، ޑިސެމްބަރު 10 އިން 12 އަށް މިޞްރުގައި ކުރިއަށް ގެންދާ ރިޔާސީ އިންތިޚާބަކީ މާ ބޮޑު ބުރަދަނެއް ހުރި އިންތިޚާބެއް ނޫނެވެ. މިޞްރުގެ އަދުގެ ސަރުކާރާ ފިކުރު ތަފާތުވާ މީހުންނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަކީ އެއް ސަބަބެވެ. މިޞްރުގެ ވެރިއެއްގެ ހައިސިއްޔަތުން ސީސީގެ ޤާބިލިއްޔަތުކަން ހުރި ނެތް ގޮތާ މެދު ޢާންމުންގެ މެދުގައި ވަނީ ބަޙުސެއް ފެށިފައެވެ.

ކަން އެހެން އޮތް ނަމަވެސް، މިޞްރުގެ ރިޔާސީ އިންތިޚާބުގައި 'ބަދަލަކަށް' ވޯޓު ދިނުމުގެ ފުރުޞަތު ކުޑައެވެ. މެދުމިނުގެ އިދިކޮޅު ފިކުރެއް ގެންގުޅުއްވާ ކުރީގެ މަޖިލީސް މެންބަރެއް ކަމަށް ވާ މުޙައްމަދު އަންވަރު ސާދާތު ވިދާޅުވި ގޮތުގައި، ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ބޯޑަރު ހުރަސްކޮށް މިޞްރަށް ބަންޑުންވުމުގެ ބިރު އޮތުމާއި، އިޤްތިޞާދީ ތަކުލީފުތަކުގެ ސަބަބުން ތަފާތު ވެރިއަކަށް މިޞްރުގައި ވޯޓު ދިނުމުގެ ފުރުޞަތު މިވަގުތު އޮތީ ވަރަށް ހަނިކޮށެވެ.

ސީސީއަކީ މިޞްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޑިމޮކްޓްރިޓިކް ނިޒާމުގެ ތެރެއިން އިންތިޚާބު ކުރި ރައީސް، މުސްލިމް ބްރަދަހުޑް މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމާ ގުޅިގެން 2013 ވަނަ އަހަރު އެ ޤައުމުގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަސްކަރީ ލީޑަރެވެ. ސީސީގެ ވެރިކަމުގައި މިޞްރުގެ އަސްކަރިއްޔާއަށް ލިބެމުންދާ ސިޔާސީ އަދި އިޤްތިޞާދީ ނުފޫޒުގެ ނަތީޖާއެއްގެ ގޮތުން، މިޞްރުގެ އަސްކަރިއްޔާގެ ތާޢީދުވެސް ސީސީއަށް ފިސާރި ބޮޑެވެ.

މުސްލިމް ބްރަދަރހުޑްއަކީ މިޞްރުގެ ތާރީޚަށް ބަލާއިރު، އެންމެ ބާރުގަދަ އިދިކޮޅު ބާރެވެ. ނަމަވެސް ސީސީގެ ވެރިކަމުގައި އެ ޕާޓީގެ ވަސްވެސް މިޞްރުން ފޮހެލައިފި ފަދައެވެ. ބިންގަރާސް ކިއްލާތަކުގައި ނޫނީ ޤައުމުން ބޭރުގައި ނޫނީ މިޞްރުގައި މުސްލިމް ބްރަދަރހުޑްގެ ހަރަކާތްތަކެއް ނުހިނގައެވެ.

މީގެ ކުރީ 2 އިންތިޚާބުވެސް ސީސީ ކާމިޔާބު ކުރެއްވި ކަމަށް ވަނީ ވޯޓުލީ މީހުންގެ 97 ޕަސެންޓް މީހުންގެ އަޣުލަބިއްޔަތުން ކަމަށް ވާ އިރު، ޢާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވާ މި ދަނޑިވަޅުގައި އެފަދަ ނަތީޖާއަކުން ސީސީއަށް ވެރިކަން އަރުވާކަށް މިޞްރުގެ ކަމާ ބެހޭ ފަރާތްތަކުން ނޭދޭ ކަމަށް، މިޞްރުގެ ސޯޝަލިސްޓް ޕޮޕިއުލަރ އެލާޔަންސް ޕާޓީގެ އިސްވެރިޔާ މިދްހަތު އަލް-ޒާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. އެ ޕާޓީއިން ވަނީ ޑިސެމްބަރ 10 ވަނަ ދުވަހުގެ އިންތިޚާބު ބޮއިކޮޓް ކުރަން ނިންމާފައެވެ.

އަވަށްޓެރި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފައިސާ ރައްކާ ކުރުމުގެ ގޮތުން، ކެމްޕޭން ޚަރަދުތައް ކުޑަ ކުރައްވާނެ ކަމަށް ސީސީ ވަނީ ޢިއުލާން ކުރައްވާފައެވެ. ނަމަވެސް، މިޞްރުގެ މަގުތައް މަތިން ފެންނަނީ ތަފާތު މަންޒަރެކެވެ. އުސް ޢިމާރާތްތަކުގެ ފާރުތަކާއި، މަގުމަތީގެ އަރިއައިމަތިން މުޅިންހެންވެސް ފެންނަނީ ސީސީގެ ތަސްވީރު ހިމަނައިގެން ތައްޔާރުކޮށްފައި ވާ މާ ސިންގާ ޕޯސްޓަރުތަކެވެ.

އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް، ސީސީގެ ކެމްޕޭން އޮފީހަށް ދިން ފުރުޞަތަށް އިޖާބަ ދީފައި ނުވާ ކަމަށް ރޮއިޓަރޒްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ވެރިކަމަށް ވަޑައިގަތް ފުރަތަމަ ދުވަހުން ފަށައިގެންވެސް ސީސީ އިސްކުރައްވަނީ ޤައުމު އަލުން ބިނާކޮށް ނެގެހެއްޓެވުމުގެ ޒިންމާ ކަމަށާ، ސިޔާސީ ހަރަކާތެރިވުމާއި ބައިވެރިވުމަކީ ހުރިހާ އެންމެން އެންމެ އިސްކަމެއް ދޭ ކަންތަކަށް ނުވެދާނެ ކަމަށް، ބުރާސްފަތި ދުވަހު މިޞްރު ޓީވީގައި ވާހަކަދައްކަވަމުން، ސީސީގެ ކެމްޕޭން މެނޭޖަރ މަޙްމޫދު ފައުޒީ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ރޭހުގައި ސީސީއާ ވާދަކުރައްވަން ޝަރުތު ހަމަވީ 3 ކެންޑިޑޭޓެކެވެ. 3 ކެންޑިޑޭޓުންނަކީވެސް ސިޔާސީ ފަޒާގައި މާ ބޮޑު ހައިބަތެއް ހުރި ބޭފުޅުންނެއް ނޫނެވެ. ސީސީގެ ސިޔާސީ ރެކޯޑާ ބެހޭ ގޮތުން، 3 ކެންޑިޑޭޓުންވެސް ހުންނަވާއިރު، ނަތީޖާ ނުކުންނާނެ ގޮތް މިހާރުވެސް ސާފު ވާ ފަދައެވެ.

ނިމިގެން މިދާ 2023 ވަނަ އަހަރުގެ ކުރީކޮޅު، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހު، މިޞްރުގެ ސަރުކާރަށް ފާޑުކިއުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ހުޅުވިގެން ދިޔައެވެ. އަދި ބައެއް ޤައިދީން މިނިވަން ކުރި މަންޒަރުވެސް ފެނިގެން ދިޔައެވެ. ނަމަވެސް، ހަމަ އެއާ އެއްވަރަށް، އިތުރު މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަންތައް ދިޔައީ ކުރިއަށެވެ. މިޞްރުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނަންގަވައިގެން ތިއްބެވީ ސީސީގެ ސަޕޯރޓަރުންނެވެ. މިޞްރު މީޑިއާގެ ބޮޑު ކޮންޓްރޯލެއް އޮންނަނީ، ސީސީއަށް އެއްބާރުލުންދޭ މީހުންގެ މުށުތެރޭގައެވެ.

ސީސީއާ އެންމެ ގާތުން ވާދަކުރައްވަމުން ރިޔާސީ ރޭހަށް ނުކުންނެވި އެންމެ ވަރުގަދަ ޝަޚްސަކީ އިދިކޮޅު ފިކުރުގެ އަޙްމަދު އަލް-ތަންތާވީއެވެ. ސީސީއާ މެދު ހުރި ހިތް ހަމަނުޖެހޭ ބައެއް ކަންކަން ފެންމަތި ކުރެއްވިއެއް ކަމަކު ދެން ފެނިގެން ދިޔައީ، ރިޔާސީ ރޭހުން ތަންތާވީ ވަކިވެވަޑައިގެންނެވި މަންޒަރެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ސަރުކާރަށް ތާޢީދުކުރާ ބާރުތަކުގެ ޕްރެޝަރު ބޮޑުވީ ކަމަށެވެ.

ރިޔާސީ ރޭހުން ހަވާސާ ވެވަޑައިގަތެއް ކަމަކު ތަންތާވީއަށް ސަލާމަތުގެ އައްސޭރިއަކަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. ކެންޑިޑަސީ ކަށަވަރު ކުރެއްވުމަށް ފޯމުތައް ބެއްސެވީ ޣައިރު ޤާނޫނީ ގޮތަކަށް ކަމަށް ތުހުމަތުތަކެއް ކޮށް، ތަންތާވީއާ ދެކޮޅަށް ކޯޓަށްވެސް މިހާރު ވަނީ މައްސަލަ ވައްދާފައެވެ.

މި ފަހަރުގެ އިންތިޚާބައިގެން ކުރިއަށް ދާނީތޯ ނުވަތަ ބޮއިކޮޓް ކުރާނީތޯ ކުރެވުނު ބަޙުސްގައި ޚިޔާލު ތަފާތުވުން އުފެދިފައި އޮތް މިޞްރުގެ އިދިކޮޅު ސިޔާސީ އިއްތިޙާދު، ސިވިލް ޑިމޮކްރަޓިކް މޫވްމަންޓްގައި އިސްކޮށް މަސައްކަތް ކުރައްވާ ޚާލިދު ދާވޫދު ފާހަގަ ކުރެއްވި ގޮތުގައި، ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ސީސީއަށް ލިބިވަޑައިގެންނެވި ނަޞީބެކެވެ. މީހުންގެ ސަމާލުކަން މުޅިންހެން ހުސްވެފައި ވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމަށް ކަމަށް ވާ އިރު، ރިޔާސީ އިންތިޚާބާ މެދު މީހުންގެ މާބޮޑު ފަރުވާލެއް ނެތް ކަމަށް ޚާލިދު ޤަބޫލު ކުރައްވައެވެ.

މީގެ ކުރީ އިންތިޚާބުތަކުގައި މިޞްރުގެ ވެރިކަމަށް ސީސީ ވަޑައިގެންނެވީ މިޞްރުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރައްވާނެ ކަމުގެ ޔަޤީންކަން، ރައްޔިތުންނަށް ދެއްވަމުންނެވެ. މިޞްރުގައި އެތައް އަހަރެއް ވަންދެން ވެރިކަން ކުރެއްވި ހުސްނީ މުބާރަކުގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލުމާއެކު މިޞްރުގައި އުފެދުނު ސިޔާސީ ހައިޖާންގަނޑުން ޤައުމު ސަލާމަތްކުރައްވާނެ ކަމުގެ ފޮނި ވަޢުދުފުޅާއެކުގައެވެ. އިޤްތިޞާދުވެސް ނަގަހައްޓަވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު މިޞްރުގައި ކުރިއަށް ގެންދިޔަ ރިޔާސީ ރޭހުގައި ސީސީއާ ވާދަކުރެއްވީ ހަމަ އެންމެ ކެންޑިޑޭޓެކެވެ. އެއީ ރަތްލާޖެހި ސީސީ ސަޕޯރޓަރެކެވެ. ސީސީއާ އެންމެ ގާތުން ގޮންޖައްސަވަމުން ގެންދެވި ކެންޑިޑޭޓުން ހައްޔަރު ކުރުމާއި އެނޫންވެސް އެފަދަ ގޮތް ގޮތުން އެ ކެންޑިޑޭޓުންގެ އަޑުކަނޑުވާލިއެވެ.

2019 ވަނަ އަހަރަކީ މިޞްރުގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައި އަހަރެކެވެ. އެގޮތުން މިޞްރުގެ ރިޔާސީ ވެރިކަމުގެ ދަޢުރު، 4 އަހަރުން 6 އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރިއެވެ. އަދި 3 ވަނަ ދައުރަކަށް ސީސީއަށް ވާދަކުރެއްވޭނެ މަގުވެސް، ޤާނޫނުން ތަނަވަސް ކުރިއެވެ.

މިޞްރުގައި މިހާރު ވެރިކަން ކުރަމުން ދާ ޤާޚިރާގެ އިރުން، ވެރިކަން ކުރާ އާ ސިޓީއެއް ތަރައްޤީ ކުރުން ފަދަ ޢުމްރާނީ ބިނާވެށީގެ ބިޔަ މަޝްރޫޢޫތަކާއެކު މިޞްރުގެ ޕްރައިވެޓް އަދި ސޮވްރިން ދަރަނި ދަނީ ހައްތަހާ ބޮޑުވަމުންނެވެ. ދިރިއުޅުމުގެ ޙާލަތު ވެއްޓިފައި އޮތް އަނދިރިކަމުގެ ޝަކުވާގެ އަޑުތައް މިޞްރުން ކަނޑައިގެން ނުދެއެވެ. އެތައް ބަޔަކު ދަނީ، ބާޒާރުތަކުގައި އުފުލެމުންދާ ތަކެތީގެ އަގުތައް ކޮންޓްރޯލް ކޮށްދެއްވުމަށް ސީސީއަށް ގޮވާލާ، ދަންނަވަމުންނެވެ.

- ކޮމެންޓް