ކ. މާލެ
|
11 ޑިސެންބަރ 2023 | ހޯމަ 23:17
މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީ
މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީ
ރޮއިޓަރސް
މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީ
ޣައްޒާގައި ހިންގާ ޤަތުލުޢާންމުގެ ނިވަލުގައި ހުންނަވައިގެން ސީސީއަށް 3 ވަނަ ދައުރެއް ލިބިވަޑައިގެންފާނެބާ؟
 
ރައީސް، އައްސީސީ ވެރިކަމުގެ އިތުރު ދައުރަކަށް ނުކުންނަވަނީ، ސަރަޙައްދީ ހަމަޖެހުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން
 
އޭނާ މިހާރު ތައްޔާރުވެވަޑައިގަންނަވަމުން އެ ގެންދަވަނީ ވެރިކަމުގައި އިތުރު 6 އަހަރު ދުވަސް ކަށަވަރު ކުރެއްވުމަށް

ވެރިކަމަކީ ހައިކަން ނުފިލާ ޒާތަކަށް ދެވިހިފާ ކަމެކޭ ބުނެއުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބަލައިލިނަމަވެސް، ވެރިކަމުގެ 1 ދައުރާއެކު ހިތްހަމަޖައްސާލައިގެން ހުރި ވެރިއަކު ފެނުމަށްވުރެ ގާތީ ނުފެނުމެވެ. ބައެއް ވެރިންނަށް 2 ދައުރުވެސް މަދެވެ. ޤާނޫނުތައް ގަޑުބަޑުކޮށް އެމީހާގެ ހިތް ފުރޭނެއޭ ހީވާހާ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ރާސްތާ ކޮށައި، އެތައް އަހަރެއް ވެރިކަމުގައި ހޭދަކުރި، އަދި މިހާރުވެސް ހޭދަކުރަމުންދާ ވެރިން އެބަ ތިއްބެވިއެވެ. ނަމުގެ ކުރިއަށް ޚުދުމުޚުތާރު – މި ލަފުޒު އިތުރުކޮށްފިނަމަ އަބުރުގެ ދަޢުވާކޮށް، އެހެން ބުނި މީހެއްގެ ޢުމުރުގައި ބާކީ އޮތް ދުވަސްތައް ގޮޅިއެއްގެ ތޭރިތަކުގެ ފަހަތުގައި ގުނަން ޖައްސާ ވެރިން މަދެއް ނޫނެވެ.

ސެހެރި ދިގުނުކޮށް، ސީދާ މައުޟޫޢަށް ޖެހިލާނަމެވެ. މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީ މިހާރު ތައްޔާރުވެވަޑައިގަންނަވަމުން އެ ގެންދަވަނީ ވެރިކަމުގައި އިތުރު 6 އަހަރު ދުވަސް ކަށަވަރު ކުރައްވާށެވެ. އަސްކަރިއްޔާގެ އިސްވެރިއެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތްކުރެއްވި ސީސީއަށް 2 ދައުރުން ފުދިވަޑައިނުގެންނެވީތާއެވެ. އަވަށްޓެރި ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމުން ސީސީއަށް ރިޔާސީ ރޭހުގެ ރާސްތާ ފަސޭހަވެދާނެ ކަމަށްވެސް ބުނެވިދާނެއެވެ. މިޞްރުގައި އުފެދިފައި އޮތް ނުތަނަވަސްކަމުގެ ޚަބަރުދަބަރުގެ އަޑުފަށްގަނޑު މަޑުޖެހިލާނެތީއެވެ.

ހަމަނުޖެހުންތަކާއި ތަޅާފޮޅުންތަކުގެ ސިލްސިލާއެއްގައި މެދުއިރުމަތީގެ ޤައުމުތައް ޖެހިފައި ވަނިކޮށް، މީގެ 10 ވަރަކަށް އަހަރު ކުރިން މިޞްރުގެ ވެރިކަމާ ކުރިމަތިލެއްވި ސީސީ، ވެރިކަމުގެ އިތުރު ދައުރަކަށް ނުކުންނަވަނީ، ސަރަޙައްދީ ހަމަޖެހުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. މި ދަނޑިވަޅަކީ، މިޞްރާއެކު ސަރަޙައްދީ އިން ޙިއްޞާކުރާ ސޫދާނާއި ފަލަސްޠީނުގެ ޣައްޒާގައި، މި ފަހުގެ ތާރީޚު ނުދެކޭފަދަ ލޭ އޮހުރުވުންތަކާއި ޤަތުލުޢާންމުތައް ހިންގަމުންދާ ދަނޑިވަޅެކެވެ.

މުޙައްލިލުން ސިފަކުރައްވާގޮތުގައި، ޑިސެމްބަރު 10ން 12އަށް މިޞްރުގައި ކުރިއަށްގެންދާ ރިޔާސީ އިންތިޚާބަކީ މާ ބޮޑު ބުރަދަނެއްހުރި އިންތިޚާބެއް ނޫނެވެ. މިޞްރުގެ އަދުގެ ސަރުކާރާ ފިކުރު ތަފާތުވާ މީހުންނާ ދެކޮޅަށް ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަކީ އެއް ސަބަބެވެ. މިޞްރުގެ ވެރިއެއްގެ ހައިސިއްޔަތުން ސީސީގެ ޤާބިލިއްޔަތުކަން ހުރި ނެތް ގޮތާމެދު އާންމުންގެ މެދުގައި ވަނީ ބަޙުޘެއް ފެށިފައެވެ.

ކަން އެހެން އޮތްނަމަވެސް، މިޞްރުގެ ރިޔާސީ އިންތިޚާބުގައި 'ބަދަލަކަށް' ވޯޓު ދިނުމުގެ ފުރުޞަތު ކުޑައެވެ. މެދުމިނުގެ އިދިކޮޅު ފިކުރެއް ގެންގުޅުއްވާ ކުރީގެ މަޖިލިސް މެންބަރެއް ކަމަށްވާ މުޙައްމަދު އަންވަރު ސާދާތު ވިދާޅުވިގޮތުގައި، ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ބޯޑަރު ހުރަސްކޮށް މިޞްރަށް ބަންޑުންވުމުގެ ބިރު އޮތުމާއި، އިޤްތިޞާދީ ތަކުލީފުތަކުގެ ސަބަބުން ތަފާތު ވެރިއަކަށް މިޞްރުގައި ވޯޓު ދިނުމުގެ ފުރުޞަތު މިވަގުތު އޮތީ ވަރަށް ހަނިކޮށެވެ.

ސީސީއަކީ މިޞްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިޚާބުކުރި ރައީސް، މުސްލިމް ބްރަދަހުޑްގެ މުޙައްމަދު މޫރްސީގެ ވެރިކަން ވައްޓާލުމާ ގުޅިގެން 2013 ވަނަ އަހަރު އެ ޤައުމުގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަސްކަރީ ލީޑަރެވެ. ސީސީގެ ވެރިކަމުގައި މިޞްރުގެ އަސްކަރިއްޔާއަށް ލިބެމުންދާ ސިޔާސީ އަދި އިޤްތިޞާދީ ނުފޫޒުގެ ނަތީޖާއެއްގެ ގޮތުން، މިޞްރުގެ އަސްކަރިއްޔާގެ ތާއީދުވެސް ސީސީއަށް ފިސާރި ބޮޑެވެ.

މުސްލިމް ބްރަދަރހުޑަކީ މިޞްރުގެ ތާރީޚަށް ބަލާއިރު، އެންމެ ބާރުގަދަ އިދިކޮޅު ބާރެވެ. ނަމަވެސް ސީސީގެ ވެރިކަމުގައި އެ ޕާޓީގެ ވަސްވެސް މިޞްރުން ފޮހެލާފައިވާފަދައެވެ. ބިންގަރާސް ކިއްލާތަކުގައި ނުވަތަ ޤައުމުން ބޭރުގައި ނޫނީ މިޞްރުގައި މުސްލިމް ބްރަދަރހުޑްގެ ހަރަކާތްތަކެއް ނުހިނގައެވެ.

މީގެ ކުރީގެ 2 އިންތިޚާބުވެސް ސީސީ ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 97 ޕަސެންޓް މީހުންގެ އަޣުލަބިއްޔަތުން ކަމަށްވާއިރު، ޢާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެފަދަ ނަތީޖާއަކުން ސީސީއަށް ވެރިކަން އަރުވާކަށް މިޞްރުގެ ކަމާބެހޭ ފަރާތްތަކުން ނޭދޭކަމަށް، މިޞްރުގެ ސޯޝަލިސްޓް ޕޮޕިއުލަރ އެލަޔަންސް ޕާޓީގެ އިސްވެރިޔާ މިދްހަތު އައްޒާހިދު ވަނީ ފާހަގަކުރައްވާފައެވެ. އެ ޕާޓީން ވަނީ ޑިސެމްބަރ 10 ވަނަ ދުވަހުގެ އިންތިޚާބު ބޮއިކޮޓްކުރަން ނިންމާފައެވެ.

އަވަށްޓެރި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ފައިސާ ރައްކާކުރުމުގެ ގޮތުން، ކެމްޕޭން ޚަރަދުތައް ކުޑަކުރައްވާނެ ކަމަށް ސީސީ ވަނީ އިޢުލާން ކުރައްވާފައެވެ. ނަމަވެސް، މިޞްރުގެ މަގުތައް މަތިން ފެންނަނީ ތަފާތު މަންޒަރެކެވެ. އުސް ޢިމާރާތްތަކުގެ ފާރުތަކާއި، މަގުމަތީގެ އަރިއަރިމަތިން މުޅިންހެންވެސް ފެންނަނީ ސީސީގެ ތަޞްވީރު ހިމަނައިގެން ތައްޔާރުކޮށްފައިވާ މާސިންގާ ޕޯސްޓަރުތަކެވެ.

އެކަމާ ބެހޭގޮތުން އެއްޗެއް ބުނުމަށް، ސީސީގެ ކެމްޕޭން އޮފީހަށް ދިން ފުރުޞަތަށް އިޖާބަދީފައި ނުވާކަމަށް ރޮއިޓަރޒްއިން ވަނީ ބުނެފައެވެ.

ވެރިކަމަށް ވަޑައިގަތް ފުރަތަމަ ދުވަހުން ފަށައިގެންވެސް ސީސީ އިސްކުރައްވަނީ ޤައުމު އަލުން ބިނާކޮށް ނެގެހެއްޓެވުމުގެ ޒިންމާ ކަމަށާއި، ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ހުރިހާ އެންމެން އެންމެ އިސްކަންދޭ ކަންތަކަށް ނުވެދާނެކަމަށް، ބުރާސްފަތި ދުވަހު މިޞްރު ޓީވީގައި ވާހަކަދައްކަވަމުން، ސީސީގެ ކެމްޕޭން މެނޭޖަރު މަޙްމޫދު ފައުޒީ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ރޭހުގައި ސީސީއާ ވާދަކުރައްވަން ޝަރުތު ހަމަވީ 3 ކެންޑިޑޭޓެކެވެ. 3 ކެންޑިޑޭޓުންނަކީވެސް ސިޔާސީ މައިދާނުގައި މާ ބޮޑު ހައިބަތެއްހުރި ބޭފުޅުންނެއް ނޫނެވެ.

ނިމިގެން މިދާ 2023 ވަނަ އަހަރުގެ ކުރީކޮޅު ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ މަޝްވަރާތަކަކަށްފަހު، މިޞްރުގެ ސަރުކާރަށް ފާޑުކިއުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ހުޅުވިގެން ދިޔައެވެ. އަދި ބައެއް ޤައިދީން މިނިވަންކުރި މަންޒަރުވެސް ފެނިގެން ދިޔައެވެ. ނަމަވެސް، ހަމަ އެއާ އެއްވަރަށް، އިތުރު މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަންތައް ދިޔައީ ކުރިއަށެވެ. މިޞްރުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނަންގަވައިގެން ތިއްބެވީ ސީސީގެ ސަޕޯރޓަރުންނެވެ. މިޞްރު މީޑިއާގެ ބޮޑު ކޮންޓްރޯލެއް އޮންނަނީ ސީސީއަށް އެއްބާރުލުންދޭ މީހުންގެ މުށުތެރޭގައެވެ.

ސީސީއާ އެންމެ ގާތުން ވާދަކުރައްވަމުން ރިޔާސީ ރޭހަށް ނުކުންނެވި އެންމެ ވަރުގަދަ ޝަޚްޞިއްޔަތަކީ އިދިކޮޅު ފިކުރުގެ އަޙްމަދު އައްޠަންޠާވީއެވެ. ސީސީއާމެދު ހުރި ހިތްޕުޅުހަމަނުޖެހޭ ބައެއް ކަންކަން ފެންމަތިކުރެއްވި ނަމަވެސް ދެން ފެނިގެން ދިޔައީ ރިޔާސީ ރޭހުން ޠަންޠާވީ ވަކިވެވަޑައިގެންނެވި މަންޒަރެވެ. ސަބަބެއްކަމަށް ވިދާޅުވީ، ސަރުކާރަށް ތާއީދުކުރާ ބާރުތަކުގެ ޕްރެޝަރު ބޮޑުވީކަމަށެވެ.

ރިޔާސީ ރޭހުން ހަވާސާވެވަޑައިގަތް ނަމަވެސް، ޠަންޠާވީއަށް ސަލާމަތުގެ އައްސޭރިއަކަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. ކެންޑިޑެސީ ކަށަވަރު ކުރެއްވުމަށް ފޯމުތައް ބެއްސެވީ ޣައިރުޤާނޫނީ ގޮތަކަށް ކަމަށް ތުހުމަތުތަކެއްކޮށް، އޭނާއާ ދެކޮޅަށް ކޯޓަށްވެސް މިހާރު ވަނީ މައްސަލަ ވައްދާފައެވެ.

މި ފަހަރުގެ އިންތިޚާބައިގެން ކުރިއަށް ދާނީތޯ ނުވަތަ ބޮއިކޮޓް ކުރާނީތޯ ކުރެވުނު ބަޙުޘުގައި، ޚިޔާލު ތަފާތުވުން އުފެދިފައި އޮތް މިޞްރުގެ އިދިކޮޅު ސިޔާސީ އިއްތިޙާދު، ސިވިލް ޑިމޮކްރަޓިކް މޫވްމަންޓުގައި އިސްކޮށް މަސައްކަތްކުރައްވާ ޚާލިދު ދާވޫދު ފާހަގަކުރެއްވި ގޮތުގައި، ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ސީސީއަށް ލިބިވަޑައިގެންނެވި ނަސީބެކެވެ. މީހުންގެ ސަމާލުކަން މުޅިންހެން ހުސްވެފައިވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމަށް ކަމަށްވާއިރު، ރިޔާސީ އިންތިޚާބާމެދު މީހުންގެ މާބޮޑު ފަރުވާލެއް ނެތްކަމަށް ޚާލިދު ގަބޫލުކުރައްވައެވެ.

މީގެ ކުރީގެ އިންތިޚާބުތަކުގައި މިޞްރުގެ ވެރިކަމަށް ސީސީ ވަޑައިގެންނެވީ މިޞްރުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ. މިޞްރުގައި އެތައް އަހަރެއް ވަންދެން ވެރިކަންކުރެއްވި ޙުސްނީ މުބާރަކުގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލުމާއެކު، މިޞްރުގައި އުފެދުނު ސިޔާސީ ހައިޖާނުގަނޑުން ޤައުމު ސަލާމަތްކުރައްވާނެ ކަމުގެ ފޮނި ވަޢުދުފުޅާއެކުގައެވެ. އިޤްތިޞާދުވެސް ނަގަހައްޓަވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު މިޞްރުގައި ކުރިއަށްގެންދިޔަ ރިޔާސީ ރޭހުގައި ސީސީއާ ވާދަކުރެއްވީ ހަމަ އެންމެ ކެންޑިޑޭޓެކެވެ. އެއީ ރަތްލާޖެހި، ސީސީގެ ސަޕޯޓަރެކެވެ. ސީސީއާ އެންމެ ގާތުން ގޮންޖައްސަވަމުން ގެންދެވި ކެންޑިޑޭޓުން ހައްޔަރުކުރުމާއި އެނޫންވެސް އެފަދަ ގޮތްގޮތުން އެ ކެންޑިޑޭޓުންގެ އަޑު ކަނޑުވާލިއެވެ.

2019 ވަނަ އަހަރަކީ މިޞްރުގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައި އަހަރެކެވެ. އެގޮތުން މިޞްރުގެ ރިޔާސީ ވެރިކަމުގެ ދައުރު، 4 އަހަރުން 6 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރިއެވެ. އަދި 3 ވަނަ ދައުރަކަށް ސީސީއަށް ވާދަކުރެއްވޭނެ މަގުވެސް، ޤާނޫނުން ތަނަވަސް ކުރިއެވެ.

މިޞްރުގައި މިހާރު ވެރިކަންކުރަމުންދާ ޤާހިރާގެ އިރުން، ވެރިކަންކުރާ އާ ސިޓީއެއް ތަރައްޤީކުރުންފަދަ ޢުމްރާނީ ބިނާވެށީގެ ބިޔަ މަޝްރޫޢޫތަކާއެކު މިޞްރުގެ ޕްރައިވެޓް އަދި ސޮވްރިން ދަރަނި ދަނީ ހައްތަހާ ބޮޑުވަމުންނެވެ. ދިރިއުޅުމުގެ ޙާލަތު ވެއްޓިފައި އޮތް އަނދިރިކަމުގެ ޝަކުވާގެ އަޑުތައް މިޞްރުން ކަނޑައިގެން ނުދެއެވެ. އެތައް ބަޔަކު ދަނީ، ބާޒާރުތަކުގައި އުފުލެމުންދާ ތަކެތީގެ އަގުތައް ކޮންޓްރޯލް ކޮށްދެއްވުމަށް ސީސީއަށް ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް