ޓެކްސް ދެއްކުމަށް މަކަރުހަދައި، ޓެކްސް ދެއްކުމަށް އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި މެމްބަރު ގައުމުތަކުގެ މެދުގައި ބަދަލުކުރަންޖެހޭ މައުލޫމާތު ބަދަލުކުރުމާއި ޓެކުހާ ގުޅޭ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ތިން މުއާހަދާއެއްގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ވަނީ މި މުއާހަދާތަކުގައި ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ. މިސިޓީފުޅުގައި ބަޔާންކޮށްފައިވަނީ ޓެކްސް ދެއްކުމަށް މަކަރުހަދައި، ޓެކްސް ދެއްކުމަށް އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި މެމްބަރު ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި ޓެކުހާ ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އޯއައިޑީސީ އާއި ކައުންސިލް އޮފް ޔޫރަޕާ ގުޅިގެން އެކުލަވާލާފައިވާ މުއާހަދާއެއް ކަމުގައިވާ ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓަރސް (އެމްއޭއޭސީ) އާއި މި މުއާހަދާގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅާ ވަކި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް މައުލޫމާތު ބަދަލުކުރުމަށާއި ސިއްރު ހިފެހެއްޓުމުގެގޮތުން ޓެކުހާގުޅޭ މައުލޫމާތު ހިފެހެއްޓުމަށާއި އެއިދާރާތަކުގެ މެދުގައި ވެވޭ އެއްބަސްވުމެއް ކަމުގައިވާ މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރިމަންޓް އޮން އޮޓަމެޓިކް އެކްސްޗޭންޖް އޮފް ފައިނޭޝަލް އެކައުންޓް އިންފޮރމޭޝަން (އެމްސީއޭއޭ-ސީއާރުއެސް) އަދި މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރިމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ ބައި ކަންޓްރީ ރިޕޯޓްސް (އެމްސީއޭއޭ-ސީބީސީ)ގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާކަމަށެވެ.
އެގޮތުން ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އޮތް ވަޒީރުންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު މިތިން މުއާހަދާގައި ބައިވެރިވުމަށް ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސްގެ ސިޓީފުޅުގައިވެއެވެ.