ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، މީރާގެ މުވައްޒަފަކު ހާމަކުރާ މައުލޫމާތުގެ ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ މަގު ފަހިކޮށްދޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހަޅުއްވާފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ.
އެ ބިލުގައި ހިމަނާފައިވާ ބަދަލުތަކުގެ ތެރޭގައި ސިއްރު ހިފެހެއްޓުމުގެ ބައި، 15 ވަނަ ބާބަށް ބައެއް ބަދަލުތައް ގެނައުން ހިމެނެއެވެ. އެގޮތުން އެ މާއްދާގެ (ކ)ގެ ފަހަތަށް ތިން އަކުރު އިތުރުކުރަން މި ބިލުގައި ވަނީ ހިމަނާފައެވެ.
އެ ބައިގައި މި ޤާނޫނުގެ ސިއްރު ހިފެހެއްޓުމާއި ގުޅޭ މާއްދާ، (15) ވަނަ މާއްދާގެ ޓެކްސް ނެގުމާއި ބެހޭ ޤާނޫނުތައް ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު އެފަދަ އެހެން މުވައްޒަފަަކަށް ވަޒީފާ އަދާކުރުމަށް ބޭނުން ކުރާ މައުލޫމާތު އެހެން ފަރާތަކާއި ހިއްސާކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ ބޭރުގެ ޤައުމެއްގައި ނުވަތަ ސަރަހައްދުގައި ހިންގާ ޤާނޫނެއްގެ ދަށުން އެ ޤައުމަކަށް ނުވަތަ ސަރަހައްދަކަށް ނަގާ ޓެކްސް އާއި މެދު އެ ސަރަހައްދެއްގައި ޓެކްސް ޤާނޫނު ހިންގުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް ރާއްޖޭގެ ޓެކްސް ދައްކަން ޖެހޭ މައުލޫމާތު ވެސް ސިއްރުކުރަން ވާނެ ކަަަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މައުލޫމާތު ނިސްބަތްވާ ފަރާތް ނޭނގޭ ގޮތަށް ތަފާސްހިސާބުގައި ހިމަނަން ހާމަކުރާ މައުލޫމާތު ވެސް ސިއްރުކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެފަދަ ހާލަތެއްގައި މީރާގެ މުވައްޒަފަކު ހާމަކުރާ މައުލޫމާތުގެ ސިއްރުކަން އެ މައުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މައުލޫމާތު ލިބޭ ފަރާތުން ތިން ވަނަ ފަރާތަކާއި އެކަން ހިއްސާކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
ހަމައެހެންމެ އެއްވެސް ފަރާތަކުން އެފަދަ މައުލޫމާތެއް ހާމަކޮށްފި ނަމަ އެކަމުގެ އަދަބަކީ 250000 ( ދެލައްކަ ފަންސާސް ހާސް) ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ކަމަށް ބިލުގައި ވަނީ ހިމަނާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ ޓެކްސް ބަޔާން ހުށަ ނާޅާ ހާލަތުގައި އެ ފަރާތަކުން ދައްކަން ޖެހޭ ޓެކްސްގެ މިންވަރު ބިނާކުރުމުގެ އިޚްތިޔާރު މީރާ އަށް ލިއްބައިދީ، އެކަމާއި ބެހޭ އުސޫލުތައް ޤާނޫނުގައި ހިމެނުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޤާނޫނުގެ ދަށުން މީރާ އިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައިމީރާ އަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް ޓެކްސް އާއި ގުޅޭ ހުށުގެ އަދަބުތައް އިސްލާހުކުރުމަކީ ވެސް މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
ހަމައެހެންމެ ޓެކްސްގެ ނިޒާމް ހިންގާ ތަންފީޒްކުރުން ހަރުދަނާކުރުމަށް އެ ޤާނޫނަށް ގެންނަން ޖެހޭ އެ ނޫން ވެސް އިސްލާހުތައް ގެނުމަށް ބިލުގައި ވަނީ ހިމަނާފައެވެ.