ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 18:03
މަޖިލިސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި
މެންބަރު މީކާއިލް ދެ ކަމެއް ހުށަހެޅުއްވި، ކޮމިޓީން ނިންމީ ދެ ހުށަހެޅުން ވެސް ބަލައި ނުގަތުމަށް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު، ފާޑު ކިޔުންތަކާ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ސަރުކާރުން ބޭނުންވާ ގޮތަށް އެއް ދުވަހުން މުޅި މަޖިލީހުގެ ކޮމިޓީން ފާސް ކޮށްފި އެވެ.

މި ސަރުކާރުން އެސްއީޒެޑް ގާނޫނަށް އިސްލާހު ހުށަހެޅީ، 11 ރިސޯޓާއި 22 ފިނޮޅު ޓެކްސް އިން ބަރީއަކޮށްދިނުމަށް ކަމަށް ފާހަގަކޮށް އެކަމާއި މެދު މެމްބަރުންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަންގާރަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ސަރުކާރު މެންބަރުން ބޭނުންވި ގޮތަށް މި ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި ދެ އިސްލާހު ބަލައިނުގަތުމަށް ނިންމުމަށް ފަހުގަ އެވެ.

މެންބަރު މީކާއިލް ފުރަތަމަ ހުށަހެޅުއްވީ ބިލުގެ ސުންގަނޑި ފަސްކުރުމަށެވެ. ނަމަވެސް އެ ހުށަހެޅުން ބޭރުކޮށްލީ، 53 މެންބަރުންގެ ވޯޓާއެކުގަ އެވެ. އެ ހުށަހެޅުން ބަލައިގަތުމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

މީކާއިލް ހުށަހެޅުއްވި އަނެއް ހުށަހެޅުއްވުމަކީ، ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާ ގުޅުންހުރި ބައެއް ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. އެ ހުށަހެޅުން ބޭރުކޮށްލާފައި ވަނީ 54 މެންބަރުންގެ ވޯޓާއެކުގަ އެވެ. އެ ހުށަހެޅުން ވެސް ބަލައިގަތުމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު އެވެ. އަދި ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ނިންމާ ބިލު މަޖިލީހަށް ބަލައިގަނެފައި ވަނީ 22 އޮކްޓޯބަރ ވީ ބުދަ ދުވަހު އެވެ.

ކޮމިޓީގައި ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހެޅުއްވީ، ޒޯނުގައި ހިމެނޭ ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ދިގު މުއްދަތައް ކުއްޔަށް ދެވެނީ، އޭގެ ޖުމްލަ އަގުގެ 4 އިންސައްތަ ރޭޓުން ޕްރޮޕަޓީ ޓްރާސްފާ ޓެކްސްއެއް ދައުލަތައް ދައްކާ ގޮތަށް ކަނޑައެޅުމަށެވެ.

އެ ހުށަހެޅުން ފާސްވީ، 55 މެންބަރުންގެ ވޯޓުންނެވެ. ޕީއެންސީން ހުށަހެޅި އިސްލާހާއެކު، މުޅި މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ 55 މެންބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

- ކޮމެންޓް