Advertisement
ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 19:50
ފެނަކަ މުވައްޒަފުން އައުމަށް އަންގަފައިވާ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ
ފެނަކަ މުވައްޒަފުން އައުމަށް އަންގަފައިވާ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ
ރާއްޖެއެމްވީ
ފެނަކަ ކޯޕަރޭޝަން
ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި
ފެނަކަ ކޯޕަރޭޝަނުން ނޮވެމްބަރު 13 އަދި 14 ގައި މަހާސިންތާއެއް ބާއްވަން ހަމަޖައްސާ، ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމާ ހަވާލުވެ ތިބި މުވައްޒަފުން މާލެ ގެނައުމަށް ނިންމައިފި
ޕީއެންސީ އިން ނޮވެމްބަރު 14 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް، އެސްއޯއީތަކުން އެދަނީ ތަފާތު ހަރަކާތްތަކުގެ ނަމުގައި މާލެއަށް މީހުން ގެނައުމުގެ މަސައްކަތް ކުރަމުން

އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ޖަލްސާއާ ދިމާކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނަކަ ކޯޕަރޭޝަންގެ ހިންގުމާ ހަވާލުވެ ތިބޭ ފަރާތްތައް މާލެ އައުމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޮކްޓޯބަރު 6 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓްގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އާދަމް ތައުފީގް ސޮއިކުރައްވާ ފެނަކައިގެ ހުރިހާ ބްރާންޗް ތަކަކަށް ފޮނުވި މެމޯއެއްގައި ވަނީ، ބްރާންޗްތަކުގެ ހިންގުމާ ހަވާލުވެ ތިބި މުވައްޒަފުންނަށް މަހާސިންތާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އަދި މި މަހާސިންތާ ބާއްވާނީ ނޮވެމްބަރު 13 އަދި 14 ވަނަ ދުވަހު މާލޭގައި ކަމަށް މެމޯގައި ބުނެފައިވެއެވެ.

އެހެންކަމުން އެ މުއްދަތުގައި ބްރާންޗްތައް ހިންގުމާ ހަވާލުވެ ތިބޭ މުވައްޒަފުންގެ ތަފްސީލު، ލިޔުމުން ފެނަކައިގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓަށް ފޮނުވުމަށް ވެސް މެމޯގައި އަންގާފައިވެއެވެ. މި މަހާސިންތާގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ފެނަކަގެ މުވައްޒަފުން މާލެ ގެނައުމަކީ، ޕީއެންސީގެ ޖަލްސާއަށް މީހުން ގެނައުމުގެ ގޮތުން ކުރާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 2 އަހަރު ވާން ކައިރިވެފައިވާއިރު، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ އެތައް ތުހުމަތުތަކެއް ސަރުކާރަށް ކުރެވެމުން އަންނަކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ނުފޫޒުގެ ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތްތައް ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެގޮތުން އެމްޑީޕީ އިން އޮކްޓޯބަރު 3 ވަނަ ދުވަހު ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވުމަށް ހުރަސްއެޅުމުގެ ގޮތުން އެސްއޯއީތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އެކި ކަހަލަ ހަރަކާތްތައް ހިންގާފައިވެއެވެ. އަނެއްކޮޅުން ޕީއެންސީ އިން ނޮވެމްބަރު 14 ވަނަ ދުވަހު ބާއްވާ ޖަލްސާއަށް، އެސްއޯއީތަކުން އެދަނީ ތަފާތު ހަރަކާތްތަކުގެ ނަމުގައި މާލެއަށް މީހުން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ދައުލަތުގެ ވަސީލަތްތައް ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމަކީ ކޮރަޕްޝަންގެ ސިފައެއް ކަމަށާއި، މިފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ރޯމާދުވާލު ޖެހިލުމެއްނެތި އަމިއްލަ ފައިދާއަށް މުޅި ދައުލަތް ބޭނުންކޮށް، ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރެއެވެ.

ބުރާސްފަތި ދުވަހު ވާދަވެރި ބީލަމަކާ ނުލާ ރައީސް މުއިއްޒުގެ އަރިސް ފަރާތްތަކަށް ބަހާލި 2.7 ބިލިއަން ރުފިޔާގެ އަގުހުރި 206 ޕްރޮޖެކްޓް މިކަމުގެ ހެއްކަކަށް ފުދޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ބިޑަކާ ނުލާ ހަވާލުކުރެވުނު މި މަޝްރޫޢުތަކުގެ ތެރެއިން ބިލިއަނެއްހާ ރުފިޔާގެ މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ މަޖިލީހުގެ ޕީއެންސީ މެމްބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކާ ކަމަށް ފާހަގަކުރެވެއެވެ.

- ކޮމެންޓް