Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 15:04
މި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ރާއްޖެ އިން ގޭންގްތައް ނައްތާލެވިއްޖެ ކަމަށް އިއުލާން ކުރައްވާފަ
މި ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ރާއްޖެ އިން ގޭންގްތައް ނައްތާލެވިއްޖެ ކަމަށް އިއުލާން ކުރައްވާފަ
ރައީސް އޮފީސް
އޭސީސީ
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
މައްސަލައިގައި ބުނެފައި ވަނީ އެއްވެސް ބިމެއް އަދި ޢިމާރާތެއް ވެސް ކައުންސިލުން ފާސްނުކޮށް އެއްވެސް ފަރާތަކަށް ދޫނުކުރެވޭނެ ކަމަށް ނިންމާފައިވާ ކަމަށް
މޭޔަރުގެ މަގާމުން ރައީސް މުޢިއްޒު އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް، އިމާރާތްތަކާއި ބިންތައް އުސޫލާއި އަދި ހެދިފައިބާ ޤަވާއިދުތަކާ ޚިލާފަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ބުނެފައިވޭ
ބިންތައް ކުއްޔަށް ދިން ފަރާތާއި، މާލޭ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ ވެސް، ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ ދެ ދުވަސް ކުރިން ކަމަށް ފާހަގަ ކޮށްފައިވޭ

މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމުގައި މިިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހުންނެވިއިރު، މާލޭ ސިޓީ ކައުންސިލް އިން ފާސް ނުކޮށް އަދި އެއްވެސް އާންމު އިއުލާނެއް ކުރުމެއް ނެތި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މާލެ އާއި ވިލިމާލެ އިން ބިންތަކާއި އަދި ބައެއް ޢިމާރާތްތައް އަމިއްލަ ފަރާތްތަކަށާއި ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި އެވެ.

ބުރާސްފަތި ދުވަހު އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަޙުމަދު ސަލީމް (މާޒް ސަލީމް) އެވެ.

މާޒް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެއްވެސް ބިމެއް އަދި ޢިމާރާތެއް ވެސް ކައުންސިލުން ފާސްނުކޮށް އެއްވެސް ފަރާތަކަށް ދޫނުކުރެވޭނެ ކަމަށް، 2023 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ކައުންސިލްގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ އިސްލާޙަށް ވެސް ބެލުމެއް ނެތި، މޭޔަރުގެ މަގާމުން ރައީސް މުޢިއްޒު އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް، އިމާރާތްތަކާއި ބިންތައް އުސޫލާއި އަދި ހެދިފައިބާ ޤަވާއިދުތަކާ ޚިލާފަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް، މާާލޭގެ ކާނިވާ ސަރަހައްދުން އެތައް ބިމެއް ދޫކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެއީ ތިން ލައްކަ ރުފިޔާ އާއި، ފަސް ލައްކަ ރުފިޔާ ނެގުމަށް ފަހު ދޫކޮށްފައިވާ ބިން ތަކެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

އެ ފައިސާ ނަގާފައިވާކަން ސިޓީ ކައުންސިލް އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުން އެނގެން އޮންނަ ކަމަށް ވެސް މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ. ނަމަވެސް، އެއީ ކޮން ކަމަކަށް ނެގި ފައިސާއެއް ކަމެއް، އަދި އެ ފައިސާ ބޭނުން ކޮށްފައި ވަނީ ކޮން ގޮތަކަށް ކަމެއް އެނގެން ނެތް ކަމަށް ބުނެފައިވެ އެވެ.

ހަމަ އެހެންމެ، ވިޔަފާރީގެ އުސޫލުން މާާލެ އިން ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާ އަގަށް ވުރެ އެތައް ގުނަ ހެޔޮ އަގެއްގައި 20 އަހަރުގެ ދިގު މުއްދަތަކަށް ބިންތައް ދޫކޮށްފައި އޮތުމަކީ، ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ބިންތައް ކުއްޔަށް ދިން ފަރާތާއި، މާލޭ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ ވެސް، ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ ދެ ދުވަސް ކުރިން ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮތީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށްވާއިރު، އެއްބަސްވުން ތަކުގައި ސޮއި ކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހާއި، 28 ވަނަ ދުވަހު ކަމަށް މާޒް ހުށަހެޅި މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ.

މާޒްގެ މައްސަލައިގައި ބުނެފައި ވަނީ، މާލޭ ސިޓީ ކައުންސިލް އިން އާންމު ކޮށްފައިވާ ބިންތައް ދޫކޮށްފައިވާ ތަފްސީލު ރިޕޯޓުން އެނގޭ ގޮތުގައި، ރައީސް މުޢިއްޒުގެ މޭޔަރު ކަމުގައި 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ބިންތައް ދޫކޮށްފައިވާ ސަރަހައްދު ތަކަކީ، މާލޭގެ ކާނިވާ ސަރަހައްދާއި، އާޓިފިޝަލް ބީޗުގެ ބައެއް ބިންތަކާއި، ރަސްފަންނު ސަރަހައްދުގައި ހުންނަ ޓަކްޝޮޕް އާއި، އަދި ރެސްޓޯރެންޓު ހިންގުމަށް ދޫކޮށްފައިވާ ބިން ބިމެވެ.

މީގެ އިތުރުން ދާރުލް އާސާރުގެ ކުރިމަތީގައި އޮންނަ ހިއްތަން މައިޒާން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރެސްޓޯރެންޓެއް ހެދުމަށް ބަޔަކަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް ބުނެފައުވެ އެވެ.

މާޒްގެ މައްސަލައިގައި ބުނެފައި ވަނީ އެ ބިން ތަކުގެ އިތުރުން ވެސް، މާލޭގެ މަގު ތަކުން ޕާކިން ޖާގައިގެ ގޮތުގައި ވެސް އެތައް ސަތޭކަ ޖާގައެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށާއި، އެކަމުން އެތައް މިލިއަން ރުފިޔާގެ ފައިސާގެ މުއާމަލާތް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށެވެ. އަދި އެ ޕާކިން ޖާގަތައް ކުއްޔަށް ދޫކޮށްފައި ވަނިކޮށް، އެއީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމާ ގުޅިގެން އެ ޖާގަތައް އިތުރަށް ކުއްޔަށް ނުދިނުމަށް މިހާރު ނިންމާފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން އެ މައްސަލައިގައި މާޒް އެދިފައި ވަނީ، މާލޭގެ މޭޔަރު ކަމުގެ މަގާމުގައި ރައީސް މުޢިއްޒު ހުންނެވިއިރު ބިންތައް ދޫކުރުމުގައި ކޮރަޕްޝަންގެ މައްސަލައެއް ހިނގާފައިވޭތޯ ބަލައި ދިނުމަށެވެ. އަދި ވެހިކަލް ޕާކު ކުރުމަށް މާލޭގެ މަގު ތަކުން ކުއްޔަށް ޖާގަތައް ދޫކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވާތީވެ، އެ މައްސަލަ ވެސް އޭސީސީ އިން އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ވަނީ އެދިފަ އެވެ.

މީގެ ކުރިން ވެސް ވަނީ ރައީސް މުޢިއްޒުއާ ގުޅުން ހުރި ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފަ އެވެ.

- ކޮމެންޓް