މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ޔޫތު މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ދާދި ފަހުން ޕީއެންސީ އަށް ސޮއިކުރެއްވި އަހުމަދު މަހުލޫފަށް ބޭރު ގައުމެއްގެ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރަން ރައީސް މުއިއްޒު ނިންމަވައިފި އެވެ.
ޕާޓީ ބަދަލުކުރުމުން ދެއްވާ ހަދިޔާއެއްގެ ގޮތުން ރައީސް މުއިއްޒު ބުދަ ދުވަހު ވަނީ، ދިވެހިރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މަހުލޫފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. ޕީއެންސީއާ ގުޅުނުއިރު ވެސް ބޭރު ގައުމެއްގެ ސަފީރުކަމަށް މަހުލޫފް އައްޔަންކުރަން އުޅޭ ވާހަކަ އޮތީ ދެކެވިފަ އެވެ.
މަހުލޫފް ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މި އަހަރުގެ 14 ނޮވެންބަރު 2025 ވަނަ ދުވަހު އެ ޕާޓީން މާލޭގައި ބޭއްވި ބޮޑު އެއްވުމުގަ އެވެ. އޭގެ ކުރިން ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރަން ކަމަށް ވިދާޅުވެ، އޭނާ ވަނީ އެމްޑީޕީން ވަކިވެފަ އެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. ޕާޓީއަށް ވަފާތެރިކަން ނެތް ކަމަށާއި، ސިޔާސީ މަންފާއަށް ޓަކައި ޕާޓީ ބަދަލުކުރައްވާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ.
މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހްލޫފް އިންތިހާބުވީ ވެސް ޑީއާރުޕީގެ ޓިކެޓުގަ އެވެ.
ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2011 ގައި އުފެއްދި ޕީޕީއެމްއާ މަހްލޫފް ގުޅުނެވެ. އެ ޕާޓީގައި އޭނާ ވަނީ މުހިންމު މަގާމުތަކެއް ފުރުއްވާފަ އެވެ. ނަމަވެސް އޭނާ ޕީޕީއެމްއާ ދުރަށް ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލުތަފާތުވުން އުފެދުމުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.
މަހުލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. އެމްޑީޕީގެ ސަރުކާރުގައި އޭނާ ވަނީ ޔޫތު މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެމްޑީޕީގެ ސަރުކާރު ނިމުމަށް ފަހު އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު ދެން މަހުލޫފް ސޮއިކުރީ ޕީއެންސީއަށެވެ. ރައީސް މުއިއްޒުގެ ޕީއެންސީ އަކީ މަހުލޫފް ގުޅުނު ހަތަރުވަނަ ސިޔާސީ ޕާޓީ އެވެ.