ހދ. ހިރިމަރަދޫ ނެރު ތިލަވުމުގެ ސަބަބުން ލަފާ ފުރުމަށް ދަތިވެއްޖެ އެވެ.
ރާއްޖެއެމްވީ އަށް އެރަށު ކައުންސިލް މެންބަރު މުހައްމަދު އަރުޒަން ވިދާޅުވީ، މިއީ ވަރަށް ދުވަސްވީ މައްސަލަ އެއް ކަމަށާއި، ނެރު ވަރަށް ބޮޑަށް ތިލަ ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު މި މައްސަލަ ހައްލު ކޮށްދޭނެ ކަމަށް އެމްޓީސީސީން އަންގާފައިވާ ކަމަށާއި، ނަމަވެސް މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޑިދޯނި ފަހަރަށް ގެއްލުން ލިބޭކަން ފާހަގަކުރައްވައި އަރުޒަން ވިދާޅުވީ ނެރުގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
ރާއްޖެއެމްވީ އަށް އެރަށު މީހެއް ބުނީ، ވެލި އެޅުމުގެ ސަބަބުން ކަނޑިންމަ ގާތްގަނޑަކަށް އެއްކޮށް ބެދިފައިވާ ކަމަށާއި، މިހާރު ލަފާ ފުރަން ޖެހެނީ ވަކި ގަޑިތަކެއް ގައި ކަމަށެވެ. ދިޔަވަރު ހިކޭ ގަޑީގައި އެއްވެސް ދަތުރެއް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އަސާސީ ގިނަ ޚިދުމަތްތަކުން މަހުރޫމް ވެގެންދާ ކަމަށާއި، ވަރަށް ގިނަ ކަންކަމަށް ދަތިވެފައިވާ ކަމަށެވެ.
މީގެ އިތުރުން 24 އޯގަސްޓް 2025 އެރަށަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ދަތުރު ކުރެއްވި ލޯންޗު ވެސް ނެރު މައްޗަށް ބީހުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިއަދާ ހަމައަށް މި މައްސަލަ ހައްލު ކޮށްދިނުމަށް އެއްވެސް ކަމެއް ކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުން ފާޅު ކުރަމުންދާ ކަމަށް އެމީހާ ބުންޏެވެ.
ގާތްގަނޑަށް 280 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން 01 ފެބްރުއަރީ 2025 ގައި ވަނީ އިއުލާން ކޮށްފަ އެވެ. އަދި ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން ދޮޅު އަހަރު ހޭދަވާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ ރަށުން ފޭބުމުގެ މަސައްކަތް ތަންފީޒު ކުރުމުގެ ގޮތުން މިއަދާ ހަމައަށް އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ކައުންސިލުން ބުނެ އެވެ.