 
                        
                
    
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޭނުންވާ މަސައްކަތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހޯރަފުށީގައި ބޭއްވި "ހޯރަފުށީ ދުވަސް" ޖަލްސާގައި ރައީސް އިބޫ ވިދާޅުވީ، ހޯރަފުށި އުފެއްދި ބަތޮލުން ހަމައެކަނި ޚިދުމަތް ކޮށްދީފައި ހުރީ ހަމައެކަނި ރަށަށް އެކަނި ނޫން ކަމަށާއި، މުޅި ގައުމަށް ކަމަށެވެ.
އެގޮތުން، ބަހާއި އަދަބިއްޔާތާއި، ތައުލީމީ ދާއިރާގެ އިތުރުން ވެސް އެހެނިހެން ގިނަ ދާއިރާ ތަކަށް ޚިދުމަތް ކުރައްވާ ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ.
އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން. މުޅި ލިސްޓެއް އަޅުގަނޑަކަށް ވެސް ނުކިޔޭނެ. އެހެންނަމަވެސް ފާހަގަކުރާ މަދު ނަންތަކެއް އަޅުގަނޑު ހިތުން މިރޭ އަޅުގަނޑު ދަންނަވާލަން މަޖުބޫރު. އަޅުގަނޑަށް ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ދިވެހި ބަހަށާއި، އަދަބިއްޔާތަކަށް ޚާއްސަކޮށް ޅެންވެރި ކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ހޯރަފުށީ އާދަމް ސަލީމްގެ ނަން. ރާއްޖޭގެ ޅެން ވެރިކަމުގެ ދާއިރާއިން އެންމެ ކުރީ ސަފުގައި ޚިދުމަތް ކުރެއްވި ފަހުރުވެރިންގެ ތެރޭގައި އާދަމް ސަލީމްގެ ނަން ހިމެނިގެންދާނެ. އާދަމް ސަލީމް މިދުނިޔެ ދޫކުރެއްވީ އެފަދަ ޚިދުމަތްތެރި އެތައް ސަލީމުންނެއް މިދުނިޔެއަށް ދޫ ކުރައްވާފައި.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރަށް އިޝާރާތް ކުރައްވައި ރައީސް އިބޫ ވިދާޅުވީ އާމިރަކީ، ރާއްޖޭގެ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، ރާއްޖޭގައި ކަން ހިނގަމުންދާ ގޮތް ސީދާ ވަގުތުން ވަގުތަށް ރައްޔިތުންނާ ހިސާބަށް ގެނެސްދޭ ބޭފުޅެއް ކަމަށެވެ.
އަޅުގަނޑުމެންގެ ތެރޭގައި މިއިންނެވި އަހުމަދު ސަލީމާއި، އަހުމަދު ސަލީމްގެ ބޭބެ މުހައްމަދު ސަލީމް ފަދަ އަދި ރާއްޖެޓީވީގެ އެއް ޕްރޮގްރާމް ހުށަހަޅުއްވާ އާމިރު ސަލީމް ފަދަ ބޭފުޅުންނަކީ މި ރާއްޖެއަށް ބުރަ ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅުން. އާމިރު ސަލީމު ހަމަ ގައިމު ވެސް މިހާރު ކުރައްވަމުން އެގެންދަވަނީ މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައް. ރާއްޖޭގައި ކަން ހިނގަމުންދާ ގޮތް ސީދާ ވަގުތުން ވަގުތަށް ރައްޔިތުންނާ ހިސާބަށް ގެނެސް ދިނުން. ސަރުކާރުން ކުރަމުން އެގެންދާ ކަންތައްތަކުގެ މައުލޫމާތުތައް ރައްޔިތުންނާ ހިސާބަށް ގެނެސްދިނުން. މިއީ ދަތި ދަނޑިވަޅެއް. އެހެންނަމަވެސް އެކުރައްވާ މަސައްކަތް ސައްލެ އާއެކު ކުރައްވަމުން އެ ގެންދަވާ މަސައްކަތްތަކަކީ މިއަދު ފާހަގަކުރަން ޖެހޭ ކަމެއް.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އިބޫ، އަމީރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ މީގެ ކުރިން ރާއްޖޭގައި އެންމެ މަގުބޫލު ޓޯކް ޝޯ ''ފަށާއިރު ޕްރޮގްރާމް'' އަށް ވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
