ގދ. ވާދޫ ގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށާއި، މިހާރު އޮތީ ހަމައެކަނި ރަސްމީކޮށް ބަޓަން އަށް ފިއްތާލައި، ޚިދުމަތް ދިނުން ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް ގައި ކައުންސިލްގެ ރައީސް ހަސަން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފެށި ފެނާއި ނަރުދަމާގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށާއި، އެ މަސައްކަތް ނިމުނު ފަހުން ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
ނަމަވެސް އަދި ރަސްމީކޮށް ޚިދުމަތް ނުފަށާ ކަމަށާއި، މިހާރު އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގަންނަވާ ބަޓަން އަށް ފިއްތަވާލައްވައި، ޚިދުމަތް ފެށުމުގެ މަސައްކަތް އެކަނި ކަމަށެވެ. އުންމީދު ކުރަނީ ދެން އެރަށަށް މުއިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުގައި މި ޚިދުމަތް ރަސްމީ ކޮށް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް މިހާރު ދެން ދޭންވެފައި އޮތީ. ފެނާއި ނަރުދަމާ ނިމިއްޖެ. ޓެސްޓް ކޮށް ވެސް ނިމިއްޖެ. އެމްޑީޕީގެ ސަރުކާރުގައި އެކަން ގާތްގަނޑަކަށް ނިމިފައި އޮއްވާ ވެރިކަން ބަދަލު ވެގެން ދިޔައީ. އޭގެ ފަހުން މާ ބޮޑު ކަންތައްތަކެއް ނުވޭ. ދެން މި ސަރުކާރުން ފެން ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ. އެއީ އެ ޚިދުމަތް ވަރަށް އަވަހަށް ލިބޭނެ ރައީސް ވަޑައިގެންނެވީމަ.
ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ![]()
ކަރަންޓުގެ ޚިދުމަތަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ، ކަރަންޓު ބިލު ބޮޑުވާ މައްސަލަ ވަރަށް ބޮޑު ކަމަށާއި، ވާނުވާ ނޭނގޭ ކަމަށެވެ. އެކަމުގެ ޝަކުވާ ވަރަށް ގިނަ ރައްޔިތުން ކުރާ ކަމަށާއި، ލިބޭ މުސާރައިން މިހާރު ދެކޮޅު ނުޖެހޭ ކަމަށެވެ.
ނަމަވެސް މިހާރު މި މައްސަލަތަކާ ގުޅިގެން ކައުންސިލްތަކުގެ ބާރު ހަނި ކޮށްފައިވާތީ ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްތައް ކުރުމަށް ލާމަރުކަޒީ ގާނޫނުން އެ ބާރު ވެރިކަން ކައުންސިލްތަކަށް ލިބެން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް ރަށްތަކަށް ރައްޔިތުން އެދޭ ފަދަ ތަރައްގީއާއި މައްސަލަތަކަށް ހައްލު ހޯދުމަށް ދަތިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
ވާދޫ ގައި އެމްޑަބްލިޔުއެސްސީ އިން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފައިވަނީ 15 ޖޫން 2025 ގަ އެވެ. ނަމަވެސް މިއަދާ ހަމައަށް ރަސްމީ ކޮށް ޚިދުމަތް ފަށާފައި ނުވެ އެވެ.
މި މަޝްރޫއުގެ ދަށުން ގާއިމުކުރެވިފައިވާ ނަރުދަމާ ނިޒާމުގައި 8.2 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވޯކް އަކާއި، 5 ޕަންޕިންގ ސްޓޭޝަން ހިމެނެއެވެ. މީގެ އިތުރުން ދުވާލަކަށް 290 ކިލޯލީޓަރުގެ ނަރުދަމާ ފެން ސާފުކުރެވޭނެ ނަރުދަމާ ޓްރީޓްމަންޓް ޕްލާންޓެއް ވެސް ވަނީ ގާއިމުކުރެވިފަ އެވެ.
ފެނުގެ ނިޒާމަށް ބަލާއިރު، 9 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ވަނީ ގާއިމުކުރެވިފަ އެވެ. އަދި 67 ޓަނުގެ ދެ ރިވާސް އޮސްމޯސިސް (އާރްއޯ) ޕްލާންޓަކާއި، 1.8 ކިލޯމީޓަރުގެ ވާރޭފެން ނަގާ ނެޓްވޯކެއް ހިމެނެ އެވެ. ފެން ރައްކާކުރުމަށްޓަކައި އާރްއޯ ފެން ރައްކާކުރާ 532 ކިއުބިކް މީޓަރުގެ ދެ ޓޭންކާއި، ވާރޭފެން ރައްކާކުރާ 532 ކިއުބިކް މީޓަރުގެ ޓޭންކެއް ވެސް ވަނީ ބެހެއްޓިފަ އެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 60,604,084.94 (ފަސްދޮޅަސް މިލިއަން ހަސަތޭކަ ހަތަރުހާސް ބައްތީސްރުފިޔާ ނުވަދިހަ ހަތަރު ލާރި) ރުފިޔާއެވެ.
މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ސާފު ފެނާއި ރަނގަޅު ނަރުދަމާ ނިޒާމެއް ގާއިމު ކުރުމަށް ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ފެށި މުހިންމު މަޝްރޫއެކެވެ.