ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެ ސަރުކާރުން ފުވައްމުލަކު ސިޓީގައި ފައްޓަވައިދެއްވި ފެނަކައިގެ އައު އިމާރާތުގެ ބޮޑު ބައެއް ނިންމައިދިން ނަމަވެސް މި ސަރުކާރު އައިސް މި ޕްރޮޖެކްޓް މުޅިން ހުއްޓާލައިފައިވާ ކަމަށާއި މިހާރު އިމާރާތުގައި އޮތީ ހުސް ހޮޅި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިހްގެ ސަރުކާރުން ފެށި މަޝްރޫއުތައް ވަނީ ބައްލަވާލައްވާފަ އެވެ.
އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލަކުގައި ތަރައްގީ ކުރަން ފަށާފައިވާ ފެނަކަ އިމާރާތް ވަނީ ބައްލަވާލައްވާފަ އެވެ. ރައީސް ސާލިހް ގެ ސަރުކާރު ނިމި މި ސަރުކާރު އައިފަހުން އެ އިމާރާތް އެއްކޮށް ހުއްޓިފައި ހުރުމުން ކަންބޮޑުވުން ފާޅުކުރައްވާ ހުސައިން ވިދާޅުވީ ފުވައްމުލަކުގައި ފެނަކައިގެ އިމާރާތް އަޅަން ޖެހުނު ސަބަބަކީ 2018 ގައި އެމްޑީޕީ ވެރިކަމަށް އާއިރު ފުވައްމުލަކުގައި ކަރަންޓު ކެނޑުމަކީ ކޮންމެ ދުވަހަކު ހިންގަންޖެހޭ ހަރަކާތެއް ގޮތައް ފެނަކައިެ ކަންކަން ހުރުމުން ކަމަށެވެ. އަދި އެކަން އެހެން އޮއްވާ ޖަނަރޭޓަރު ތަކާއި ކޭބަލްތައް ފީވެފައި އޮތުމުގެ ސަބަބުން ގޭގެއަށް ރަނގަޅަށް ކަރަންޓު ނުލިބޭ ކަމަށާއި ކަރަންޓަށް އޭރު ދިމާވަމުން ދިޔަ މައްސަލަތަކުގެ ސަބަބުން އާމުން ގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުން ލިބި އެކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑުވެގެން ދިޔަކަމަށް ހުސައިން ވިދާޅުވި އެވެ.
އެހެންވެ އޭރު އެމްޑިޕީން ފެށި މަސައްކަތަކީ ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުން ކަމަށާއި އަދި ރަށުގެ މެދުގައި އިންޖީނުގެ ހުރުމުގެ ސަބަބުން ރައްޔިތުންގެ ގެ އެދުމުގެ މަތިން އިންޖީނުގެ ހުރިތަން ބަދަލުކޮށް އައު އިމާރާތް އެޅުމުގެ މަސައްކަތް ފަށާއި ބޮޑު ބައި ނިންމާފައިވާކަން ހުސައިން ފާހަގަ ކުރެއްވި އެވެ.
އަޅުގަނޑުމެންނަށް އެބަފެނޭ މިހާރުވެސް އޭރުގަ ވެސް ހުރި ޖަހާފަ ހުރި ހޮޅިތައް. އެ ހޮޅިތައް ހަމަ އެހުރި ގޮތައް އެހުރީ. މިތާކު މިހާރު ހޮޅި ނޫން އެއްޗެއް ނެތް. މިތާގަ ހުސް ހޮޅި މިހުރީ މި އިމާރާތް ދެން މިހުރީ ހޮޅި އިމާރާތަކަށް ވެފަ. އިތުރަކަށް މި އިމާރާތުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ، އޭރުގަ މިތާ އަޅާފަހުރި ފިލާތަކާ އެއްޗެހި ހަމަ އެ ހުރި ގޮތައް އެހެރީ. މުޅިތަން އަނެއްހެން ބުނަންޏާ ފަނާ ކޮށްލަން މިއުޅެނީ. މިއީ ރައްޔިތުންގެ ފައިސާ، މީކީ އެމްޑީޕީގެ ފައިސާއެއްވެސް ނޫން އަދި އެހެން ބައެއްގެ ފައިސާއެއްވެސް ނޫން. މިއީ ރައްޔިތުންނަށް ޖެއްސުން ކުރުމަށް ނުވަތަ ފުރައްސާރަ ކުރުމަށް މިސަރުކާރުން ކުރާ ކަމެއް ނަމަ ތިކަން ހުއްޓާލަން ޖެހޭ.
ކުރީގެ މެންބަރު ހުސައިން މުހައްމަދު![]()
މީގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕް އިން އަދި ފުވައްމުލަކު ސިޓީގެ މޭޔަރު ރަފީޤް ގެ އިތުރުން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ވަނީ ފެނަކަ އަށް ގޮސް މައުލުމާތު އޮޅުން ފިލުވާ އެތަނުގެ ވެރިންނާއި ބައްދަލު ކުރެއްވުމަށް ގޮސްފަ އެވެ. ނަމަވެސް ފެނަކައިން ވަނީ ބައްދަލު ނުކުރެވޭނެ ކަމަށް ބުނެ އެ މައުލުމާތުތައް ހިއްސާ ކުރުމަށް ދެކޮޅު ހަދާފަ އެވެ.
އެގޮތުން ފުވައްމުލަކު ސިޓިގެ މޭޔަރު ރަފީޤު ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ، އެބޭފުޅުން ފެނަކަ އަށް ކުރި ޒިޔާރަތަކީ ރަށުގެ ކަރަންޓާއި ފެނާއި އަދި ނަރުދަމާ އާއި ގުޅޭގޮތުން ފެނަކައިގެ މެނޭޖްމަންޓް ޓީމް އާއި ވާހަކަ ދައްކާލުމަށް ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުން އެކަމަށް ދެކޮޅު ހައްދަވާ ބައްދަލުކުރެވޭނީ ހެޑް އޮފީހުން އެބޭފުޅުންނަށް ބައްދަލުކުރައްވަން ހުއްދަ ލިބިގެން ކަމަށް ވިދާޅުވި ކަމަށް މޭޔަރު ރަފީޤް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި މައިގަނޑު އެއް ކަންބޮޑުވުމަކީ ފުވައްމުލަކުގައި ދާދި ފަހުން ދިމާވި ފެނުގެ ހާދިސާގައިވެސް ދާއީމީ ހައްލު ނުލިބުން ކަމަށާއި ކުރަންޖެހޭ މުހިންމު ކަންކަން ނުކޮށް ހުރުން ކަމަށެވެ. އަދި ކަރަންޓަށް ބެލިޔަސް އައު އިންޖީނުގެ މިހާރު ހުރީ ހިޔާކުރަން ވެފައި ކަމަށާއި ކުދިކުދި ކަންކަން ކޮށްލައިގެން ބޭނުން ކުރަން ފެށޭވަރުގައި ހުރި ތަނެއް ކަން ފާހަގަ ކުރައްވާ ރަފީޤް ވިދާޅުވީ އެ އިމާރާތް މިހާރު ވީރާނާ ވެގެން އެދަނީ އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓިފައި އޮތުމުގެ ސަބަބުން ކަމަށެވެ.
ޖުމުލަކޮށް ފެނަކައިން މިދޭ ހިދުމަތް ތަކާމެދު ކަންބޮޑުވުންތައް އެބަހުރި ކަރަންޓައް ބެލިޔަސް ފެނަށް ބެލިޔަސް ނަރުދަމާ އަށް ބެލިޔަސް. ދެން ހަމަ އަލަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ވެސް އަދި މިހާރު ރައްޔިތުން ބޭނުންވާ މިންވަރަށް އެހިދުމަތް ދިނުމުގައިވެސް މައްސަލަތައް އެބަހުރި. އެހްވީމާ މިކަންތައްތަކުގައި ފެނަކަ އާއި ފެނަކައިގެ މެނޭޖްމަންޓާއި ވާހަކަ ދެކެވޭނެ އެރޭންޖްމަންޓެއް ނެތުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް.
މޭޔަރު އިސްމާޢީލް ރަފީޤް![]()
މީގެ އިތުރުން ފިރާގު ވިދާޅުވި މަސައްކަތް މިކުރަނީ ފެނަކަ އާއި ގުޅިގެން ކަންކަން ރަނގަޅު ކުރެވޭތޯ ކަމަށެވެ. އެގޮތުން ފެނުގެ ހިދުމަތުގައި ޔޫއާރްއޭ އިން 7 ކަމެއް ރަނގަޅު ކުރަން ބުނެފައިވާ ކަމަށާއި އެއިން އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށް ރަފީޤް ވިދާޅުވި އެވެ. ރަނގަޅު ކުރަން އަންގާފައިވާ ކަންކަމުގެ ތެރޭގައި ބޯހޯލް މަރާމާތު ކުރުމާއި ފެން ޕްލާންޓް މަރާމާތު ކުރުން އަދި ލީކް ތައް ހައްލުކުރުން ހިމެނެ އެވެ. ފިރާގު ވިދާޅުވި މިކަމުގެ ވެސް ވާނުވާ އެއް ނޭންގޭ ކަމަށާއި މައުލޫމާތު ހޯދަން ލިޔުމަކުން ވެސް އެދިފައިވާނެ ކަމަށެވެ. އަދި އަލަށް މީހުން ބަދަލުވާ ގޭތަކުގައި ފެނުގެ ކަނެކްޝަން ލުމުގައި ވެސް ވަރަށް ބޮޑެތި ދަތިކަތަކެއް ހުރިކަން ރަފީޤް ފާހަގަ ކުރެއްވި އެވެ.
ކުރިއަށް އޮތީ ރޯދަމަސް ކަމުން ލޯޑް ބޮޑުވާނެތީވެ އެމައްސަލަ ހައްލުކޮށް ކެޕޭސިޓި އިތުރުވާނެ ގޮޮތަކީ ކޮބައިތޯ ބަލަން ބޭނުންވާކަމަށް މޭޔަރު ރަފީޤް ވިދާޅުވި އެވެ. އަދި އިތުރު އިންޖީނެއް ގެންނަ މައުލުމާތު ލިބިފައިވާކަން ފާހަގަ ކުރައްވާ ފރަފީޤް ވިދާޅުވީ އެވެސް ވީ ކިހާ ހިސާބެއްގައި ކަމެއް ނޭންގޭ ކަމަށާއި އެކަހަލަ ކަންކަމުގެ އަޕްޑޭޓް ފެނަކައިން ނުދޭ ކަމަށެވެ.
ދެންހަމަ މި އައު އިންޖީނު ގޭގެ އެއްވެސް ކަމެއް ކުރިއަކަށް ނުދޭ މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގަ. އެހެންވީމަ ދާއިމީ ހައްލެއް ގޮތައް ވިސްނާފަ އޮތް މި އިންޖީނުގެ ނޭޅި ދިއުމަކީ ވެސް ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކުން ދިމާވެދާނެ ހާލަތެއް މެދުވެރިވެދާނެ ކަމެއް އެހެންވީމަ އެކަން ވެސް ކުރިއަށް ނުދާކަމީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް.
މޭޔަރު އިސްމާޢީލް ރަފީޤް![]()
އޭގެ އިތުރުން ނަރުދަމާގެ ވެސް އެތައް މައްސަލައެއް ކުރިމަތި ވާކަން ފާހަގަ ކުރައްވާާ ރަފީޤް ވިދާޅުވި ޕަމްޕް ސްޓޭޝަންތައް ހުރީ މައްސަލަ ޖެހިފައި ކަމަށާއި އޭކަން ހައްލުކުރަން ސްޕެއަރ ނުލިބޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ލީކުވެގެން ޖަންގްޝަން ތަކުން ނަޖިސް އަރާނި ކޮން ވަގުތެއްގައި ކަމެއް ނޭންގޭ ކަމަށް ރަފީޤް ވިދާޅުވި އެވެ.
ރަފީޤް ވިދާޅުވީ މިކަންކަން ހައްލުކުރެވޭނީ ފެނަކަ އާއި ކައުންސިލް ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް މިފަހަކަށް އައިސް ފެނަކައިގެ އެއްބާރުލުން ނުލިބުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ރަފީޤް ވިދާޅުވި އެވެ.