ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 13:19
'ހޯރަފުށި ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާ
'ހޯރަފުށި ދުވަސް' ފާހަގަކުރުމުގެ ހާއްސަ ރަސްމީ ޖަލްސާ
މުންޝިދް
އިހަވަންދިއްޕޮޅު ޕޯޓު
ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް
ރަށެއް ތަރައްގީވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ކިޔަވައިގެން ނުކުންނަ ދަރީންގެ ސަބަބުން
އިހަވަންދިއްޕޮޅުގެ ޕޯޓު ތަރައްގީ ކުރުމަށް ކުރީ ސަރުކާރުގައި ފަންނީ ހުރިހާ މަސައްކަތެއް ވަނީ ކޮށްފައި
ތަރައްގީ އަށް މުހިންމީ އަޒުމާއި، އެކަންކަން ކޮށްދެއްވާނެ ހިތްވަރު ގަދަ ލީޑަރެއް

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހޯރަފުށީގައި ބޭއްވި "ހޯރަފުށީ ދުވަސް" ޖަލްސާގައި ކުރީގެ މެންބަރު ސަލީމް ވިދާޅުވީ ރަށެއް ގައުމެއް ތަރައްގީ ވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާނީ ހެޔޮ ވިސްނުން ތަކެއް ލިބިގެން ކިޔަވައިގެން ނުކުންނަ ދަރީންގެ ސަބަބުން ކަމަށެވެ. އެ ކުދިން ޚިދުމަތަށް ނުކުންނަ ދުވަހަކުން މާ ބާރަށް މާ ސްޕީޑްގައި މާ ހަލުވިކޮށް ތަރައްގީވެ ކުރިއަރާ ދާނެ ކަމަށާއި، މި ތިބީ އެ ދުވަހެއްގެ އިންތިޒާރު ގައި ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ހޯރަފުއްޓަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ އެ ދުވަހު ވެސް ޖަލްސާ ބޭއްވުމަށް ފުރާޅުން ހިޔާ ކުރި އެއްވެސް ތަނެއް ނުލިބުނު ކަމަށެވެ. ނަމަވެސް އުފާވެރި ޖަލްސާއެއް ބޭއްވުނު ކަމަށާއި، ބޮޑު އުންމީދެއް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަރައްގީ އަށް މުހިންމީ އަޒުމާއި، އެކަންކަން ކޮށްދެއްވާނެ ހިތްވަރު ގަދަ ލީޑަރެއް ކަމަށެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ އެރޭގެ ޖަލްސާގައި އެއަރޕޯޓު އަޅުއްވައި ދެއްވައި ތަރައްގީ ކޮށްދެއްވޭނެ ކަމުގެ ޔަގީންކަން ރައީސް ސާލިހު ދެއްވި ކަމަށާއި، އެކަން މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެން އަންނަ ވެރިކަމެއް ގައި ޓްރާސްޝިޕްމަންޓު ޕޯޓު ހަދައި ތަރައްގީ ކުރާނެ ކަމަށެވެ.

އެރޭ އަޅުގަނޑުމެންނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވި ޔަގީން ކަމަކީ ހޯރަފުށީ ރައްޔިތުން އަބަދާ އަބަދު އުންމީދު ކުރަމުންދިޔަ އެއަރޕޯޓު ހަގީގަތަކަށް ހައްދަވައި ދެއްވާނަމޭ. އިރާދަ ކުރެއްވިއްޔާ އޮނަވިހިމަސް ދުވަހުގެ ތެރޭގައި އެކަން ހަގީގަތަކަށް ހައްދަވާ އަދި ރިޔާސީ ދައުރު ނިންމަވާލެއްވީ އެތަން އަލި ކުރައްވާ ލައިޓް ދިއްލަވާ ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތް ހައްދަވާފައި. އެހެންވީމަ އެ ވައުދު ވެވަޑައިގެންނެވީ މި މާހައުލުގައި. އެ ވައުދު ފުއްދަވާ މިއަދު އެ އުފަލުގައި އަޅުގަނޑުމެން މި ބައިވެރިވަނީ އަޅުގަނޑު މިރޭ ކުރާ އުންމީދަކީ އިރާދަކުރެއްވިއްޔާ ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އަޅުގަނޑުމެން މިތާގައި ޓްރާސްޝިޕްމަންޓު ޕޯޓު ހަދާނަން. އަޅުގަނޑުމެން އެކަން ހަގީގަތަކަށް ހަދާނަން. ހަމަ މިގަސް ދަށުގައި އަޅުގަނޑުމެން މި އުންމީދު މިފާޅު ކުރަނީ.

ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ އަހުމަދު ސަލީމް

މީގެ އިތުރުން ސަލީމް ވިދާޅުވީ އިހަވަންދިއްޕޮޅުގެ ޕޯޓުގެ ތަރައްގީ ކުރުމުގެ ހުވަފެން ރައްޔިތުން ދެކެމުންދާތާ އެތައް ޒަމާންތަކެއް ވެފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް ސާލިހުގެ ސަރުކާރު ނިމިގެން ދިޔައިރު، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ފަންނީ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.

އަޅުގަނޑުމެން ވަރަށް ޒަމާންވެއްޖެ އިހަވަންދިއްޕޮޅު ޕޯޓުގެ އުންމީދު ދެކެމުންދާތާ. އެ އުންމީދު ހަގީގަތަކަށް ހަދަންވީ ވަގުތު މިއީ. އަޅުގަނޑަށް އެނގޭ ރައީސްގެ ވެރިކަން ދައުރު ނިމިގެން ދިޔައިރުގައި ހުރިހާ މަސައްކަތެއް ހުރީ ގާތްގަނޑަކަށް ތައްޔާރުވެ ނިމިފައި. ފަންނީ ހުރިހާ މަސައްކަތް ތަކެއް ކުރެވިފައި ހުރީ. ކުރެހުންތައް ހުންނާނެ. ފީސިބިލިޓީ ސްޓަޑީސް އޮންނާނެ. އެއަށް ހިނގާނެ ހަރަދުތައް ހިސާބު ޖެހިފައި. މަސައްކަތް ކުރާނެ ކުންފުނިތައް ވެސް ވަނީ އުފައްދާފައި. މިއީ އެ މަސައްކަތް ކުރަންވީ ވަގުތު. ކީއްވެފަ ތޯ އަޅުގަނޑުމެން މި ތިބީ.

ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ އުފަން ރަށަށް ޚިދުމަތް ކުރުމުގެ ރޫހު އެބަހުރި ކަމަށާއި، ރަށުގެ ދަރީންނަށް މިއަދަށް ވުރެ މާ ރަނގަޅު މާދަމާއެއް ހޯދައިދޭނެ ކަމަށެވެ.

- ކޮމެންޓް