ބިޑު ކުރުމެއް ނެތި އަޑި ނޭނގޭ ގޮތަށް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ބުރާސްފަތި ދުވަހު ގިނަ އަަދެއްގެ މަޝްރޫޢުތައް ބަހާލާފައި ވާތީ، އެކަމަށް މަގުފަހިކުރުމަށް މާލިއްޔަތު ޤަވައިދަށް ގެނައި ބަދަލު ބާތިލްކުރުމަށާއި، މަޝްރޫޢުތަކަށް ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީ އިން ކޯޓަށް ދާން ނިންމައިފި އެވެ.
އެ ގޮތަށް ހުށަހަޅާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އޮތް އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ހޯރަފުށީ ދާއިރާގެ ކުރިީގެ މެމްބަރު އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރެއްގަ އެވެ.
ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. ސަލީމް ވިދާޅުވީ ބިޑަކާއި ނުލާ ވާދަވެރި ފަރާތްތަކަށް ފުރުސަތު ނުލިބޭ ގޮތަށް ސަރުކާރުގެ މަޝްރޫޢުތައް ބަހާލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި މަޝްރޫޢުތައް ބަހާލީ މާލިއްޔަތު ޤަވައިދަށް އިސްލާހު ގެނައުމަށް ފަހުގައިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ބަދަލު ގެނެސްފައި ވަނީ މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.
ސަލީމް މިފަދައިން ވިދާޅުވެފައި ވަނީ މާލިއްޔަތު ގަވައިދަށް ގެނެސްފައިވާ 4 ވަނަ އިސްލާހަށް އިޝާރާތްކުރައްވަ އެވެ. މާލިއްޔަތު ޤަވައިދަށް މި ފަހުން ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ވަޒީރު ބޭނުން މީހަކަށް ބޭނުން ޕްރޮޖެކްޓެއް ދެވިދާނެ ކަމަށެވެ. އަދި އެވޯޑު ކުރުމުގައި އެއްވެސް އިވެލުއޭޝަނެއް، ގާބިލް ކަމަކަށް ބަލަން ނުޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ހަމައެހެންމެ ވަޒީރު ބޭނުންފުޅު ޕޮރޮޖެކުޓަކަށް އެޑުވާންސް ޕޭމަންޓް ގެރެންޓީ، ޕާފޯމެންސް ގެރެންޓީ ނެތި 15% އާއި ހަމައަށް ފައިސާ ދެވިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ސަރުކާރުން ހަވާލު ކުރި މަޝްރޫޢުތައް އިއުލާންކޮށްފައި ނުވުމާއި ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް ނިސްބަތްވާ ކުންފުނިތަކަށް ނޫން ބަޔަކަށް ބީލަމުގައި ބައިވެރި ނުވެވުމާއި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނެތް ކުންފުނިތަކަށް މަޝްރޫޢުތައް ހަވާލުކޮށްފައި ވާތީ އެކަމުގެ ކަންބޮޑުވުން އެ ގަރާރުގައި ވަނީ ފާޅުކޮށްފަ އެވެ. އުވާލުމުގެ މަރުހަލާގައި ވާ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށްފައިވާ އިރު އެ ކުންފުނިތަކުގެ ފަންނީ، މާލީ އަދި މަސައްކަތުގެ ތަޖުރިބާ އަށް ބަލާފައި ނުވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ހަމައެހެންމެ އެއް ބާވަތެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދީފައިވާ ކަން ވެސް ސަލީމް ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމަށް ވާއިރު މާލިއްޔަތު ޤަވައިދާއި ޚިލާފަށް ޤަވައިދެއް ހަދައިގެން ވަކި ބަޔަކަށް ބޮޑެތި އަގުގައި މަޝްރޫޢުތައް ދިނުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އެ ޕްރޮޖެކްޓްތައް ދިނުމަށް އެކުލަވާލި އެއްބަސްވުންތައް ވެސް ސައްހަ ނުވާނެކަން ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.
ސަލީމް ވަނީ އެކަމާއި ގުޅިގެން ބައެއް ފިޔަވަޅުތައް އެޅުމަށް ގަރާރުގައި ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ބޭނުންގޮތަކަށް ސަރުކާރުން ބަހާލި މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ދޭ ޔަޤީންކަމާއި އެކު ބީއެމްއެލްއިން ކުންފުނިތަކަށް ލޯނު ދީގެންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ. އެހެންކަމުން ބީއެމްއެލްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ވެސް ސަލީމްގެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
އެ ޤަރާރަށް ތާއީދު ކުރައްވާފައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއް ރަހްމާން އެވެ. އަދި އެ ގަރާރު ފާސްކޮށްފައި ވަނީ ގައުމީ މަޖިލީހުގެ ހޮނިހިރު ދުވަހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.