ބުރާސްފަތި ދުވަހުގެރޭ ހއ. ހޯރަފުށީގައި ބޭއްވުނު ހޯރަފުށީ ދުވަަހުގެ ރަސްމީ ޖަލްސާ އަކީ، ފަހުގެ ތާރީހެއްގައި ރާއްޖޭގެ ރަށެއްގެ ކައުންސިލްގެ ފަރާތުން ބޭއްވި މިފަދަ އެންމެ ފުރިހަމަ ޖަލްސާ އެވެ. ގާތް ގަނޑަކަށް 3 ގަޑިއިރަށް ދެމިގެންދިޔަ މި ޖަލްސާ ދުރާއި ގާތުން ރާއްޖޭގެ އެތައް ރައްޔިތުންނެއް ބަލަން ތިބީ ފޫހި ކަމެއްނެތިއެވެ.
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ އަކީ ހޯރަފުއްޓައް އެކި ދާއިރާތަކުން އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކާއި ރަށަށް ރީތި ނަން ހޯދަދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެރަށު ކައުންސިލުން ބާއްވާ ހާއްސަ ޖަލްސާއެކެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަޑައިގަތުމަކީ ޖަލްސާ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ކަމެކެވެ. ރައީސް ޞާލިހް ގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވެސް މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.
19 ވަނަ މަޖިލީހުގެ ނައިބު ރައީސް ސަލީމްގެ މޭސްތިރިކަމުގެ ދަށުން، ހޯރަފުށި ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ރާޑަރަށް އަރުވައިދެއްވި ރައީސް ޞާލިހް އަށް، ހޯރަފުށިން ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ. ރައީސް ޞާލިހް އަށް ދެންނެވި ފުރިހަމަ މަރުހަބާ އިން ފެނިގެން ދިޔައީ، އެރަށުގެ ތަރައްގީ އަށް ރައީސް ޞާލިހްގެ ވެރިކަމުގައި ކުރެއްވި މަސައްކަތްތައް ރަށު ރައްޔިތުން ބަލައިގެންފިކަމެވެ.
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ ތަފާތު ދާއިރާތަކުން 92 ފަރާތަކަށް އެވޯޑްތައް ހަވާލު ކުރައްވާފައެވެ. އެގޮތުން ހިތްވަރު ދިނުމުގެ އިނާމް 55 ފަރާތަކަށް ދެއްވާފައި ވާއިރު، ޝަރަފްވެރިކަމުގެ އެވޯޑް 14 ފަރާތަކަަށް އަދި މަތީ ދަރަޖައިގެ އިނާމު 19 ފަރާތަކަށް ދެއްވާފައިވެއެވެ. މީގެ އިތުރުން ހާއްސަ ހިދުމަތުގެ އިނާމު ވަނީ މާލެ ސިޓީ ކައުންސިލް ގެ މޭޔަރ އާދަމް އާޒިމް އަދި ޗަމްޕާ ބްރާދާސްގެ، މުޙައްމަދު މޫސާ (އުއްޗު) އަށް ދެއްވާފައެވެ.
މި ޖަލްސާގައި ވަނީ 40 އަހަރަށް ވުރެ ގިނަ ދުވަހު ހޯރަފުއްޓަށް ހިދުމަތް ކޮށްދެއްވާފައިވާ މުހައްމަދު މުޚްތާރް އަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދެއްވާފައެވެ. ހޯރަފުށީ ދުވަހުގެ ޖަލްސާގައި ދެވުނު އެންމެ ހާއްސަ އެވޯޑް "ސިރީ ނަވަރަންނަ އައްޑަނަ" އަރުވާފައިވަނީ ހޯރަފުށީގެ ތަރައްގީގެ ބާނިކަމަށް އެރަށު ރައްޔިތުން އިއްތިފާގުވާ ރައީސް ޞާލިހް އަށެވެ.
އެކި ފަރާތްތަކަށް އެވޯޑް ދިނުމުގެ އިތުރުން މި ޖަލްސާގައިވަނީ ހޯރަފުށީ ކައުންސިލުން ދެމުންގެންދާ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން "ހޯރަވެހި ޕޯޓަލް" ގެ ނަމުގައި އޮންލައިން ޕޯޓަލްއެއް ލޯންޗްކޮށްފަ އެވެ. މިީގެ އިތުރުން ހޯރަފުށި ކައުންސިލްގެ ރަސްމީ ވެބްސައިޓް ވެސް މި ޖަލްސާގައި އިފްތިތާހް ކޮށްފައިވެ އެވެ. އަދި ހޯރަފުށީގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ހާއްސަ ލަވައެއް މި ޖަލްސާގައި ނެރެފައިވެ އެވެ.
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާގައި ކުރީގެ ރައީސް ޞާލިހް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު ސަލީމް ވަނީ ވާހަކަ ދައްކަވާފަ އެވެ. ޖަލްސާގެ އެންމެ ފުރިހަމަ އައިޓަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ އައިޓަމް އަކީ ހޯރަފުށި އަތޮޅު މަދަރުސާގެ 4 ދަރިވަރަކު ހުށަހަޅައިދިން ޝުކުރުގެ ލަހުޖާއެވެ. މމި ހާއްސަ އައިޓަމްގައި ވަނީ ރައީސް ސާލިހް ގެ ދައުރުގައި ހޯރަފުށީގެ ތަރައްގީއަށް ކުރެއްވި މަސައްކަތްތައް ފެށުނު ގޮތާއި ނިމުނު ގޮތުގެ ވާހަކަ ދިވެހި އަދަބިއްޔާތުގެ މުއްސަނދިކަން ދައްކުވައިދޭ ފަށުވި އިބާރާތްތަކަކުން ގެނެސްދީފައެވެ.
ހޯރަފުށީ ކަައުންސިލްގެ ފަރާތުން މިފަދަ ޖަލްސާއެއް ބޭއްވުމުން، މިކަން ޖަލްސާގައި އެވޯޑް ހާސިލް ކުރެއްވި ފަރާތްތަކުން ބަލައިގަނެފައިވަނީ ޝުކުރު ވެރިކަމާ އެކުގައެވެ. އަދި މި ޖަލްސާގެ ކަންކަން ކުރިޔަށް ދިޔަގޮތުގެ ފުރިހަމަކަން ހޯރަފުށީ ކަައުންސިލްގެ ރައީސް ފާހަގަ ކުރައްވާފައިވަނީ ފަހުރުވެރިކަމާ އެކުގަ އެވެ.