އެމްޑީޕީ ސަރުކާރުން ތުލުސްދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު ގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އިތުރު މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފި އެވެ.
އަންގާރަ ދުވަހު ކ. ތުލުސްދޫ އަށް ވަޑައިގެން ވަނީ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީ ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ. މީގެ އިތުރުން ކ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތާއި، ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ތުލުސްދޫ ފުލުހުންގެ މަރުކަޒާއި، ތުލުސްދޫ އިންޖީނުގޭގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ކ. ތުލުސްދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފަ އެވެ.
ތުލުސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ތުލުސްދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރައްވާނޭ ކަމަށެވެ.
ތުލުސްދޫ އަކީ އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ކާމިޔާބީ ދައްކުވައިދީފައިވާ އަދި އެކަމަށް މަރުޙަބާ ކިޔާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ހިއްކި ބިމުން ގޯތި ދިނުމާއި، ގެދޮރު އިމާރާތްކުރުން ހިމެނޭހެން އެ ރަށުގައި ބޯހިޔާވަހިކަމާ ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދަވާނޭ ކަމަށެވެ. އެގޮތުން، ތުލުސްދޫ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރެއްވުމަށްފަހު، ޖާގަ އޮތް މިންވަރަކުން، އެ ރަށުގައި އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަގު ހެދުމުގެ މަސައްކަތް
ތުލުސްދޫގެ މަގު ހެދުމުގެ މަސައްކަތް ލަސްވެގެން ޖަނަވަރީ މަހު ފައްޓަވާނޭ ކަމަށާއި، ހުޅަނގު ބަނދަރުގެ މަސައްކަތާއި، ބޭންކް އޮފް މޯލްޑިވްސްގެ އައު ބްރާންޗާއި ޑޮލަރު އޭޓީއެމްގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދަވާނޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ކުޅިވަރާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާ
އަދި ކުޅިވަރާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ ބިނާރާއި، ވަސީލަތް ތަރައްޤީ ކުރުމުގެ އިތުރު މަސައްކަތްތައް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާއި މުއައްސަސާތަކުގެ ވެރީންގެ ވާހަކަތައް އަޑުއެއްސެވުމުގެ ސަބަބުން، ވަޢުދުފުޅުތައް ފުއްދެވޭ ދުވެލި އަވަސްވެ، ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްތައް ބައްޓަން ކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ކަމުގެ އެދެވޭ ނަތީޖާ ރައްޔިތުންނަށް ފެންނަމުންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.