Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 22:27
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ހިންނަވަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ -  27-10-2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ހިންނަވަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ - 27-10-2025
ރައީސް އޮފީސް
ޅ. ހިންނަވަރު
ހިންނަވަރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢު ހުއްޓިފައި އޮއްވާ، އިތުރު 100 ހައުސިންގ ޔުނިޓު ތަރައްޤީ ކުރާނެ ކަމަށް ރައީސް ވައުދުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގައި ސްވިމިންގ ޓްރެކަކާއި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްޤީކުރާނަން

2024 ވަނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހި ކަމުގެ ބަޖެޓެއް ކަމަށް ވިދާޅުވެ، އެއްވެސް މަޝްރޫއުއެއް ނުހިންގަވާ، ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން

ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތަފުސީލު ހިއްސާކުރައްވާފަ އެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، ހިންނަވަރުގައި ހިއްކާފައިވާ ސަރަޙައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ފުރިހަމަ ކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ. މީގެ އިތުރުން މިހާރު ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ކުރިއަށް ނުގެންދާތީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް އަލުން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް ހިންނަވަރު ބްރާންޗު

އޮކްޓޯބަރ 27، 2025 ވަނަ ދުވަހު ބިންގާ އެޅި، ބޭންކް އޮފް މޯލްޑިވްސް ހިންނަވަރު ބްރާންޗުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުން ޚިދުމަތް ދޭން ފަށާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިގޮތަށް ބޭންކް އޮފް މޯލްޑިވްސް ބްރާންޗުތައް ޤާއިމުކުރާ ހުރިހާ ރަށެއްގައިވެސް، ކުރިއަށް އޮތް ފަސްވަރަކަށް މަސްދުވަހުގެ ތެރޭ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަގުހެދުމުގެ މަޝްރޫޢު

ރަށުގައި މިހާރު ހިނގަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަގުހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)ގެ ޤާބިލިއްޔަތު އިތުރުކުރެއްވުމަށް ބޭނުންވާ އިތުރު އާލާތްތަކާއި މެޝިނަރީ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭ ރާއްޖެ ގެނެސް، އެއް ރަށަށް ވުރެ ގިނަ ރަށުގައި އެއްފަހަރާ މަސައްކަތްކުރެވޭނޭ މަގުފަހިކޮށްދެއްވާނޭކަމަށް ވިދާޅުވެފަ އެވެ.

ބަނދަރުގެ މަސައްކަތް

ރަށު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ބޭރު ތޮށި އުސްކޮށް، ބޭރު ތޮށީގައި އުޅަނދުފަހަރު އެޅޭނޭގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރު މުހިއްމު މަސައްކަތްތައް

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިކުފާނުގެ ވަޢުދުފުޅުތަކާ ގުޅުންހުރި، މި ނޫންވެސް، މުހިންމު މަސައްކަތްތަކެއްގެ އެކި މަރުޙަލާތައް ހިންނަވަރުގައި ފައްޓަވައިދެއްވާފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ހިންނަވަރު ފުލުހުންގެ މަރުކަޒާއި، ހިންނަވަރު ކައުންސިލް އިދާރާގެ އައު އިމާރާތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ފެނަކަ ކޯޕރޭޝަންގެ އިމާރާތް ހުޅުއްވައިދެއްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި ދަނާލެއް ހިންނަވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢާއި، ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢާއި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފަ އެވެ.

އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި، ރަށުގެ ކުންޏާއި ވަސީލަތް މެނޭޖުކުރުމުގެ މަސައްކަތާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަވާލުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގައި ސްވިމިންގ ޓްރެކަކާއި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްޤީކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމާޒަކީ، މަޑު ދުވެލީގައި ހިންނަވަރު ތަރައްޤީވަމުން އައި އައުން ނިމުމަކަށް ގެނެސް، ހަރު ދުވެލީގައި ރަށަށް ތަރައްޤީ ގެނައުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

- ކޮމެންޓް