ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ "އެއަރޕޯޓް އިމަޖެންސީ ޕްލޭން" ޓެސްޓު ކުރުމަށް މިއަދު ކުރިއަށްގެންދާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ އެއް ލޭނު ބަންދުކުރުމަށް އެމްއޭސީއެލުން ނިންމައިފި އެވެ.
އެއަރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި އަމަލުކުރާނެ ގޮތުގެ ރިހާސަލްގެ ގޮތުގައި ކުރިއަށްގެންދާ މި އެކްސަސައިޒް އަމާޒުކުރެވިފައިވަނީ ކަމާގުޅޭ އިދާރާތަކުގެ ތައްޔާރީތައް ވަޒަންކުރުމަށެވެ. މި އެކްސަސައިޒް ކުރިއަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 21:00 އަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއަރޕޯޓުގެ ރަންވޭ ވެސް އެއް ގަޑިއިރަށް ބަންދުކުރާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
އެމްއޭސީއެލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެކްސަސައިޒްގެ ބައެއް ހަރަކާތްތައް މާލެ އާއި ހުޅުމާލެއިން ފެންނާނެއެވެ. އޭގެ ތެރޭގައި ޒަހަމުވެފައިވާ ކަމަށް ދައްކުވައިދޭ ފަސިންޖަރުން އައިޖީއެމް އަދި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުން ހިމެނެއެވެ. މިފަދަ މަންޒަރުތައް ފެނުމުން ކަންބޮޑުނުވުމަށް އެމްއޭސީއެލުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މި އެކްސަސައިޒްގައި ގިނަ އަދަދެއްގެ މުއައްސަސާތަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް، މާލެ ސިޓީ ކައުންސިލް އަދި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިމެނެއެވެ. މިއީ ސިވިލް އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ދުނިޔޭގެ ހުރިހާ އެއަރޕޯޓެއްގައިވެސް ކުރިއަށްގެންދަންޖެހޭ އެކްސަސައިޒެކެވެ.
އެމްއޭސީއެލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އެކްސަސައިޒް ކުރިއަށްދާ ވަގުތުގައިވެސް އެއާޕޯޓުގެ އާންމު ޚިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރާނެއެވެ.