ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ގެކޮޅު މ.ދިމްޔާތަކީ ކޮންމެވެސް ތަނަކުން ލިބުނު ކޮޅުދާލިކޮޅަކުން ހަދާފައިވާ ތަނެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ވިޔަފާރިވެރިޔާ ޤާސިމް ވިދާޅުވެފައިވާ ކަމަށާއި، މިއަދު ގާސިމް އެ ވާހަކަ ނުދައްކަނީ 30 މިލިއަން ޑޮލަރުގެ ޓެކްސް މައާފުކޮށްދިނުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވެފައި ވަނީ ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސިޔާސީ ލީޑަރުންނަށް މިއަދު ރައްޔިތުންގެ ހައްގުގައި ބަހެއް ނުބުނެވޭނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ކާޑެއްދޫ އެއާޕޯޓަކީ ތަރިކަ މުދަލެއް ގޮތަށް ބޭނުން ކުރަމުންދާ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ކޮންމެ ސަރުކާރެއް އަޔަސް އެތަން އޮންނަނީ ޤާސިމް އަށް ލިޔުއްވާފައިވާ ތަނެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެތަން ހިންގަން އުޅެ އުޅެ ނުހިންގިގެން އެތަން އެންމެ ފަހުން އެތަން އަޅަން ޖެހުނީ ސަރުކާރުގެ ބޮލުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކުޑަ އަދަދެއް ނޫން. 30 މިލިއަން ޑޮލަރު، ދައްކަން ހުރި ޓެކްސް ފައިސާ މާފުކޮށްދީފަ އެއާޕޯޓް މި ނެގީ. ކޮން ކަހަލަ ލަދު ހުތުރު ކަންތައް ތޯ މިއީ. ސަރުކާރުން އެއާޕޯޓްގަނޑާއި ހަވާލުވާން ޖެހުނީ. ދެން މީގެ ތެރޭގައި ކޮރަޕްޝަން އެކުލެވި ނުދާނެތޯ؟ ކޮންމެވެސް މީހަކު މަނީ ލައުންޑަރ ކުރާނެ ދެއްތޯ؟" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ ކުރިން ޤާސިމް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ނިސްބަތްކޮށް ދައްކާފައި ހުރި ވާހަކަތައް އެ މަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.
"ޤާސިމް ދެއްތޯ އަޅުގަނޑުމެން ކައިރީ ވިދާޅުވީ، ދިމްޔާތަކީ ވެސް އެ ލިބުނު ކޮންމެވެސް ތަނަކުން ކޮޅުދާލިކޮޅަކުން ހަދާލިތަނެއް ކަށް ނޭނގެއޭ، އެކަމަކު މިއަދު އެ ޤާސިމް ވިދާޅުވާނެތޯ 30 މިލިއަން ޑޮލަރު މާފުކޮށްދިނީމަ، ކޮޅުދާލި ވާހަކަ ހަނދާން ހުންނާނެބާ؟ ހަނދާނެއް ނުހުންނާނެއޭ." ރައީސް ޔާމިން ވިދާޅުވިއެވެ.
ޤާސިމް ދެއްތޯ އަޅުގަނޑުމެން ކައިރީ ވިދާޅުވީ، ދިމްޔާތަކީ ވެސް އެ ލިބުނު ކޮންމެވެސް ތަނަކުން ކޮޅުދާލިކޮޅަކުން ހަދާލިތަނެއް ކަށް ނޭނގެއޭ، އެކަމަކު މިއަދު އެ ޤާސިމް ވިދާޅުވާނެތޯ 30 މިލިއަން ޑޮލަރު މާފުކޮށްދިނީމަ، ކޮޅުދާލި ވާހަކަ ހަނދާން ހުންނާނެބާ؟ ހަނދާނެއް ނުހުންނާނެއޭ: ޔާމިން pic.twitter.com/YMfWf4sGXA
— RaajjeTV (@Raajje_tv) August 21, 2025
ހައުސިން މިނިސްޓަރުކަން މިހާރުގެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު އޭނާގެ ގެ އިމާރާތްކުރެއްވީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ޤާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ނ. މަގޫދުގައި ތިބި ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މުއިއްޒުގެ ގެ '15 ބުރިއަށް' ނަގާފައިވާ ކަމަށެވެ.
"ދެން އަޅުގަނޑުމެންނަށް މިހާރު ފެންނަނީ 15 ބުރިއަށް ގެ އަޅުއްވައިގެން މާލެ އުޅުއްވާ މަންޒަރު. ހިންގެވި ޕްރޮޖެކްޓެއްގެ ސައިޑުން ނަގާލި ކޮޅުދާއްޔަށް ނެގި އެތިކޮޅަކުންނޭ އެކަންކަން ނިމިފައި ވަނީ." ޤާސިމް އޭރުވިދާޅުވި އެވެ.