Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2025 | ހޮނިހިރު 00:45
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަހްމަދު ނާޒިމް ކުރިން އެކުގައި މަޖިލީހުގެ މެމްބަރުކަން އަދާކުރެއްވި އިރު ނަގާފައިވާ ފޮޓޯ އެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަހްމަދު ނާޒިމް ކުރިން އެކުގައި މަޖިލީހުގެ މެމްބަރުކަން އަދާކުރެއްވި އިރު ނަގާފައިވާ ފޮޓޯ އެއް
މަޖިލިސް
ކޮރަޕްޝަން
މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވާހަކަ ނާޒިމް ދައްކަވާ އިރު، ނާޒިމްގެ ތާރީހާއި ފަތްފުށް އޮތީ ފެންނަން: ކުރީގެ ރައީސް ޔާމީން
މ. ތުވަރު ކިޔާ ދަނޑުވެރިކަން ކުރާ ރަށެއް ނާޒިމުގެ ބެލުމުގެ ދަށަށް ގެންދިޔައީ އުސޫލާ ޚިލާފަށް ކަމަށް ރައީސް ޔާމީން ވިދާޅުވި
އެ ރަށް ގަވައިދާ ޚިލާފަށް ދަނޑުވެރިކަމުން ޓޫރިޒަމަށް ބަދަލުކޮށް ބޮޑު އަގުގައި ވިއްކާލި ކަމަށް ކުރީގެ ރައީސް ޔާމީން ތުހުމަތު ކުރައްވާ
ނާޒިމް މާ މާތް މީހަކަށް ވެގެން އެހެން މީހުންގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވާ ނަމަ އެ ކޮރަޕްޝަން ހިނގާ ސަބަބާއި އެކަން ހުއްޓުވޭނެ ގޮތް ވެސް ނާޒިމް އާއްމުންނަށް ކިޔާދެއްވަން ވާނެ ކަމަށް ޔާމީން ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވާހަކަ ދައްކަވާ އިރު، ނާޒިމްގެ ތާރީހާއި ފަތްފުށް އޮތީ ފެންނަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ނާޒިމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މި މޭރުމުން ރައީސް ޔާމީން ވާހަކަ ދެއްކެވީ ޕީއެންްއެފްގެ ޖަގަހަ ޖަލްސާ އެއް ގައެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދުގެ ބޮލުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަޅުވާ ނާޒިމް ވަނީ ދާދި ފަހުން މަޖިލީހުގައި ވާހަކަދައްކަވާފައެވެ. އަދި މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވެފައިވާ ކަމަށާއި އެކަންކަމާއި މެދު ފިޔަވަޅު ނޭޅޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމްގެ އެވާހަކަތަކަށް އިޝާރާތް ކުރައްވާ ކުރީގެ ރައީސް ޔާމީން ވިދާޅުވީ ނާޒިމް އެހެން މީހުން ކޮރަޕްޓް ވާހަކަ ދައްކަވާ އިރު ނާޒިމްގެ ފަތިފުށް ބަލާލުން ރަނގަޅު ކަމަށެވެ. ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާއި ހިސާބަށް ބެލިއަސް ނާޒިމްގެ ކޮރަޕްޝަންގެ މާޒީ އެއް އޮތް ކަމަށް އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

އެފަދަ އެއްކަމެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރައްވާފައި ވަނީ ނާޒިމްގެ ބެލުމުގެ ދަށަށް މ.ތުވަރު ގެ ކަންކަން ހިނގައިދިޔަ ގޮތެވެ.

"މ.އަތޮޅުގައި އޮންނަ ކުޑަ ކުޑަ ރަށެއް ޓުއަރިޒަމް އަށް ބޭނުން ކުރެވޭ ތަނަކަށް ހަދަން އެގްރިކަލްޗަރ މިނިސްޓްރީ އާއި ވާހަކަދައްކައިގެން ބޮޑު އަގުގައި އެތަން ވިއްކާލީ. ވަރަށް ބޮޑެތި އަދަދުތަކުން ނާޒިމް އަށް ފައިސާ ނެގި ވާހަކަ އާއި މި ވާހަކަތައް ދެކެވޭ. ނާޒިމްގެ ހުންނާނެ އެކަހަލަ ހުނަރުތައް. އެ ރަށަށް ކަންކަންވީ ކިހިނެތްކަން ނާޒިމް އަށް ވަރަށް ރަނގަޅަށް އެނގޭނެ. ނާޒިމްގެ ބެލެނިވެރިކަމާއި ހިސާބަށް އެ ރަށް ދިޔަ ގޮތް ނާޒިމް ވިދާޅުވެދެއްވަން ވާނެ." ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކައިގައި އިޝާރާތްކުރެއްވި ފަޅުރަށަކީ މ.ތުވަރު ކިޔާ ރަށެކެވެ. އެ ތަނަކީ ކުރިން ދަނޑުވެރިކަމަށް ބޭނުން ކުރަމުން އައި ތަނެކެވެ. ޔާމިންގެ ވާހަކައިގައި ވިދާޅުވީ އެ ތަން ނާޒިމްގެ ބެލެނިވެރިކަމުގެ ދަށަށް އައީ ކިހިނެތްކަން ނާޒިމް އާއްމުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.

މި ތަނަކީ ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ މީހަކަށް ދީފައި އޮތް ތަނެއް ކަމަށް ވާއިރު އެ ތަން ނާޒިމްގެ ބެލެނިވެރިކަމުގެ ދަށަށް އައީ އުސޫލާއި ޚިލާފަށް ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފައެވެ.

މީގެ އިތުރުން އެތައް ޒަމާނެއް ވަންދެން އެ ތަނުގައި ދަނޑުވެރިކަން ކުރުމަށް ފަހު އެ ރަށް ޓުއަރިޒަމް އަށް ބޭނުން ކުރެވޭ ގޮތަށް ބަދަލު ކުރީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރުގެ މަޤާމުގައި ޑރ. އައިޝަތު ރަމީލާ ހުންނެވި ދުވަސް ވަރު ކަމަށް ވެސް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އޭރު ގަވާއިދަށް ބަދަލު ގެނެސްގެން އެ ރަށް ޓުއަރިޒަމް އަށް ބޭނުން ކުރުމަށް ދެވޭ ގޮތަށް ހަމަޖެއްސީ ވެސް ކޮރަޕްޝަންގެ ތެރެއިން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ނާޒިމް ވަނީ މ.ތުވަރު ބޮޑު އަގުައި ވިއްކާލާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ހަމަ އެހެންމެ އެ ރަށް ނާޒިމް އަށް ބިޑަކާއި ނުލާ ލިބޭ ގޮތަށް ހަމަޖެހުނީ އުސޫލާއި ޚިލާފަށް ކަމަށް ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.

މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ކަަމަށް ނާޒިމް ވިދާޅުވާ އިރު އެކަން ހައްލުކުރުަމަށް ނާޒިމް މަސައްކަތް ނުކުރައްވަނީ ކީއްވެތޯ ވެސް ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ނާޒިމް މާ މާތް މީހަކަށް ވެގެން އެހެން މީހުންގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވާ ނަމަ އެ ކޮރަޕްޝަން ހިނގާ ސަބަބާއި އެކަން ހުއްޓުވޭނެ ގޮތް ވެސް ނާޒިމް އާއްމުންނަށް ކިޔާދެއްވަން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެކުގައި ރައްޔިތުންގެ މަޖިލީހުގައި ވެސް ގިނަ ދުވަހު މަސައްކަތް ކުރައްވާ، ސިޔާސީ މައިދާނުގައި އަރިސް ދެ ބޭފުޅުންގެ ގޮތުގައި ކުރިން ފާހަގަ ކުރެވުނު ރައީސް ޔާމީނާއި ނާޒިމް ފަހުން ފާހަގަ ކުރެވެނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފާޑު ވިދާޅުވާ ބޭފުޅުންގެ ގޮތުގައެވެ.

- ކޮމެންޓް