ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވެގެން އުޅެނީ ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެއެއް ނޫން ކަމަށާއި، ބޭނުންވަނީ ބޯހިޔާވަހިކަމާއި، އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އަމްރު ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ހަރުދަނާ ރަނގަޅު އެއްވެސް ސިޔާސަތެއް ނެތްކަން ހާމަކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މި ސަރުކާރުން ހިއްކައިގެން ތަރައްގީ ކުރަމުންދާ ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި އަމްރު ވިދާޅުވީ އެއްވެސް ރައްޔިތެއް ރަސްމާލެ ބޭނުންނުވާ ކަމަށާއި، މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ބޭނުންވަނީ މާލެ ސަރަހައްދުން ރަނގަޅު ބޯހިޔާވަހިކަމެއް ކަމަށެވެ. އަދި މާލެއާ މާދުރުން ވަކިން ރަށެއް ހިއްކައި، އެތަނެއް ތަރައްގީ ކުރުމަށް ރައްޔިތުން ޑިމާންޑް ނުކުރާ ކަމަށާއި، ރައްޔިތުން އެދެމުންދަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދާނެ އިތުރު ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކޮށްދިނުމަށް ނޫން ކަމަށާއި، ޑޮލަރު ލިބުން ދަތިވެ، ތަކެތީގެ އަގު އިންތިހާއަށް މައްޗަށް އުފުލެމުން ދާއިރު، ލިބޭ ޑޮލަރުކޮޅު ވެސް ރަސްމާލެ ތަރައްގީ ކުރުމުގެ ނަމުގައި ކަނޑަށް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ ރައްޔިތުންނަކީ މަސައްކަތް ކޮށްގެން ފައިސާ ހޯދާ ބައެއް ކަމަށާއި، އެކަން މީގެ ކުރިން ވެސް ފެނިގެންދިޔަ ކަމަށެވެ. ރައްޔިތުންނަށް ފައިސާ ހޯދާނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ މަސައްކަތެއް ނަމަވެސް މިސަރުކާރުގައި އެފަދަ ސިޔާސަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު މުޅި ރާއްޖެއަށް މުހިންމު ވެގެން މިއުޅެނީ މާލެ ކައިރީގައި އިތުރު ރަށެއް ބޭނުންވެގެން ނޫން. އެއްވެސް މީހަކު ނޫޅޭ އެކަމަކާ. އެއްވެސް މީހަކު ނުވެސް ދައްކާ. މާލެ ކައިރީގައި މާފުށީ، ގުޅީ ކައިރީގައި އިތުރު ރަސްމާލެއޭ ކިޔާފައި ރަށެއް ބޭނުންވެގެން އުޅޭ ވާހަކަ. އެންމެން ވެސް ބޭނުންވެގެން އުޅެނީ ބޯހިޔާވަހިކަން. މާލެ ސަރަހައްދުގައި ވެސް އަދި ރަށްރަށުގައި ވެސް އަދި ހަމައެއާއެކު އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން އެންމެން ވެސް ބޭނުންވެގެން މިއުޅެނީ. އެއާމްދަނީ ލިބެން ފެށީމަ އެއާއެކު އެ ޚިދުމަތްތަކާ އެއްޗެހި އަންނާނެ. ބައްލަވާ މާލެ ކައިރީގައި މާފުށި. މާފުށީގައި ގެސްޓްހައުސް ތައާރަފްވެގެން ގޮސް މިހާރު މާފުށީގައި ވަޒީފާގައި މާފުށީ މީހުން ވަޒީފާއަށް ގޮސް ވަޒީފާ އިތުރުވެގެން ބޭރު އެހެން ރަށްރަށުން އައިސް މާފުށީގައި އެއުޅެނީ ބައިވަރު މީހުން އައިސްއެއުޅެނީ އައިސް ވަޒީފާގައި. އަދިވެސް މާފުށީގައި ވަޒީފާ އެބަހުރި. ވަޒީފާ މިއަންނަނީ ސަރުކާރުން އާރްޑީސީން ވެމްކޯއިން ވަޒީފާއެއް ދިނީމައެއް ނޫން. އެމީހުންގެ އަމިއްލަ މަސައްކަތުން. ބޭކަރީތައް ހުޅުވަނީ. ލޯންޑަރީތައް ވެސް ހުޅުވަނީ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު![]()
މުޅި ރާއްޖޭގައި ފަތުރުވެރިކަން އޮތީ ފުޅާވެފައިކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ ހުރިހާ އަތޮޅެއްގައި ރިސޯޓުތައް ހިންގަމުންދާއިރު، އެ އަތޮޅުތަކުގެ ރަށްތަކުގައި ވެސް ގެސްޓުހައުސްތައް ހިންގޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން ކަމަށާއި، ރައްޔިތުންނަށް އެކަން ކުރެވޭނެ ރަނގަޅު ދަތުރުފަތުރު ނިޒާމެއް ކަމަށެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ ރަށުން ޚިދުމަތްތައް ލިބި، ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ފަހިވާނަމަ މާލެއަށް ބޮޑު ކުލީގައި ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅުމަށް ބަދަލުނުވާނެ ކަމަށެވެ. ނަމަވެސް ރަށުގައި ކުރާނެ މަސައްކަތެއް ނެތި އާމްދަނީ ލިބޭ ގޮތްތައް ބަންދުވެގެން ދިއުމަކީ ރައްޔިތުންނަށް ދޭ އަނިޔާއެއް އޭނާ ވިދާޅުވިއެވެ.