Advertisement
ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 15:47
މާލޭގެ ރޯމަސްމާރުކޭޓު
މާލޭގެ ރޯމަސްމާރުކޭޓު
މާލެ ސިޓީ ކައުންސިލް
ރޯމަސްމާރުކޭޓު
ރޯމަސްމާރުކޭޓުގައި އެއްބަސްވުމެއް ނެތި ބައެއް ފިހާރަތަކާއި ގުދަންތައް ދަނީ ހިންގަމުން، އެތަންތަން ހުއްޓުވާނަން: ކައުންސިލް
ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ވަނީ ފާހަގަކުރެވިފައި
އިއުލާން ހިއްޕާފައިވާ ތަންތަނުން އެއްބަސްވުން ލިޔުމާއެކު 7 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވަނީ އަންގާފައި
ލިޔުން ހުށަނާޅާ ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނަން

މާލޭ ރޯމަސްމާރުކޭޓުގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވާއިދާ ޚިލާފަށް ބައެއް ފިހާރަތަކާއި، ގުދަންތައް ހިންގަމުންދާ ކަމަށާއި، އެފަދަ ތަންތަން ހުސްކުރާނެ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު މާލެސިޓީ ކައުންސިލުން ބުނީ، މާލޭ ރޯމަސްމާރުކޭޓުގެ ފުރަތަމަ ފަންގި ފިލާއާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވާއިދާ ޚިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ފަދަ ތަންތަނުގެ ތެރެއިން އިއުލާން ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން މިފަދަ ތަންތަން ހިންގަމުންދަނީ ނުވަތަ ބޭނުން ކުރަމުން ދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ އެފަދަ އެއްބަސްވުން އާދިއްތަ ދުވަހުން ފެށިގެން 7 ދުވަހުގެ ( 21 އޮގަސްޓް 2025 ން 28 އޮގަސްޓް 2025 ) ތެރޭގައި ކައުންސިލަށް ލިޔުމަކާއި އެކު ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކައުންސިލުން ބުނީ، މި 7 ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް ހުށަހަޅާފައި ނުވާނަމަ މި ފަދަ ތަންތަނަކީ ( ފިހާރަ ގުދަން ފަދަ) އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި މި ފަދަ ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށެވެ. އަދި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް އެފަދަ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާ އިރު އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައިގެން އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެހެންކަމުން މިފަދަ ތަންތަނުގައި އެއްވެސް ފަރާތަކުން އެއްޗެއް ބަހައްޓާފައި ވާނަމަ އެ ފަދަ ތަކެތި ބުރާސްފަތި ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ނެގުމަށް ވަނީ އަންގާފައެވެ.

މާލޭ ރޯމަސްމާރުކޭޓުގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވާއިދާ ޚިލާފަށް ބައެއް ފިހާރަތަކާއި، ގުދަންތައް ހިންގަމުންދާ ކަމަށް ކައުންސިލުން ބުނެފައިވާއިރު، މާލޭގެ މަސް މާރުކޭޓް ތަރައްގީ ކުރުމަށް، އެކައުންސިލްގައި މޭޔަރަކަށް މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު، ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާކަން ވަނީ ހާމަވެފައެވެ.

- ކޮމެންޓް