ށ. ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއަރޕޯޓް ހުޅުވައި ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާފައި މި ވަނީ، ބިލެތްފައްސަށްވަޑައިގެން އެރަށުގެ ރައްޔިތުންނާ ހޯމަ ދުވަހުގެ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވި އިރު ށ. ބިލެތްފަހީ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއެކު ސޮއިކުރައްވައި، ޢަމަލީ ގޮތުން މަސައްކަތް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮކްޓޯބަރު 13، 2025 ވަނަ ދުވަހު އެވެ. އެހެންކަމުން މިއއަރޕޯޓްގެ މަސައްކަތް ނިންމާ ހުޅުވޭނެ ކަމަށް ލަފާ ކުރެވެނީ 2028 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. 2028 ވަނަ އަހަރު ވެގެެންދާނީ ދެން އަންނަ ރިޔާސީ ދައުރަކަށް ކެންޑިޑޭޓުން ކެމްޕެއިން ކުރަމުންދާނެ ދުވަސްވަރަށެވެ.
މި މަޝްރޫޢުގެ ސަބަބުން ރަށާއި ސަރަޙައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށާ، މަޑުޖެހުމެއް ނެތި، މަސައްކަތް ކުރިއަށްގެންގޮސް ނިންމަވައި ދެއްވާނެ ކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ށ. ބިލެތްފަހީގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެއަރޕޯޓް މަޝްރޫޢުގެ އިތުރުންވެސް ށ. ބިލެތްފަހީގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އުންމީދީ ޚަބަރުތައް، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ފެނާއި ނަރުދަމާ ނިޒާމު
ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ކުނި މެނޭޖު ކުރުމުގެ މަޝްރޫޢު
ކުރިއަށް ނުގޮސް، ހުއްޓިފައި އޮތް ކުނި މެނޭޖު ކުރުމުގެ މަޝްރޫޢަށްވެސް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ބަނދަރުގެ މަޝްރޫޢު
ބަނދަރުގެ މަޝްރޫޢަކީ އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަމުގެ ހައްސާސް ކަމަށް ބައްލަވައި، ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޝްވަރާއެކުގައި ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ތަޢުލީމީ ދާއިރާ
ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން ތަރައްޤީކުރަން ކަނޑައެޅި 4 ކުލާސްރޫމަށް ޢަދަދު އިތުރުކުރައްވައި، 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާ
ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ޞިއްޙީ މަރުކަޒުގައި، 16 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވެފައެވެ. މުވައްޒަފުންނާއި ވަސީލަތުގެ ގޮތުން ޞިއްޙީ މަރުކަޒަށް މިހާރުން މިހާރަށް ބޭނުންވާ އެހީ ފޯރުކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ބިލެތްފަހީގައި ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒަމާނީ ފެންވަރަށް ފުޓުބޯޅަދަނޑު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.