Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 13:29
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ސައީދު
ރައީސް އޮފީސް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!
ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ
އެމްއެމްއޭ އިން ދޫކުރި ލައިސެންސްގެ މުއްދަތު އޮކްޓޯބަރު 13، 2024 ގައި ހަމަވެފައިވާއިރު އަދިވެސް ބޭންކުގެ ޚިދުމަތް ފެށިފަ އެއް ނުވޭ
ވީ ވައުދުތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް މި ސަރުކާރު ވަނީ ނުކުޅެދިފަ

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރުމަށް ބޮޑެތި ވައުދުތަކާއި އެކު އެކުލަވާލާފައިވާ ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތް ދެވޭނެ ތާރީހެއް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މިނިސްޓަރު މުހައްމަދު ސައީދު އެ ސުވާލަށް ޖަވާބުދެއްވުމަށް ދެކޮޅު ހައްދަވައިފިއެވެ.

ތަކުރާރުކޮށް މަޖިލީހުގެ އިދިކޮޅު އެކި މެމްބަރުން ވަނީ އެ ބޭންކުގެ ޚިދުމަތް ނުފެށިވާތީ އެކަމާއި މެދު ސުވާލުކުރައްވާފައެވެ. ސައީދު ވަނީ އެ ބޭންކަކީ ކޮންމެ ރައްޔިތަކަށް އެކައުންޓެއް ހުޅުވައިގެން ބޭނުންކުރެވޭނެ ބޭންކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެ ބޭންކަކީ ރާއްޖޭގެ ތަރައްގީއަށް ފައިސާ ހޯދާ، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އުފެއްދި ބޭންކެއް ކަމަށް ސައީދު ވިދާޅުވި ނަމަވެސް އެ މަސައްކަތް މިހާރު އޮތީ ކޮން މަރުހަލާ އެއްގައިކަން ވަޒީރަށް ސާފުކޮށްދެވިފަ އެއް ނުވެއެވެ.

މިހާރު ވެސް މަސައްކަތް އަންދާޒާ ކުރި ގޮތާއި އެއްގޮތަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި ނަމަވެސް އެ ބޭންކާއި މެދު މިހާރު ސަރުކާރުގެ އަންދާޒާ އަކީ ކޮބައިކަން ސައީދު ސާފުކޮށެއް ނުދެއްވައެވެ. ނަމަވެސް މި ވެރިކަން އައި އިރު ދަރަނިތައް އޮތުމުން އެ މަސައްކަތް ނުވަނީ ކަމަށް ދޭހަވާ މޭރުމަކުން ވަޒީރު ވާހަކަދެއްކެވިއެވެ. ސައީދު މިފަދައިން ވިދާޅުވެފައި ވައިރު ޑީބީއެމް އިއުލާން ކުރީ ސަރުކާރުގެ އަމިއްލަ އިސްނެގުމަށް ކަން ފާހަގަކޮށްލެވެއެވެ.

ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފައި ވަނީ އެ ލައިސެންސް ދޫކުރާތާ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތުކޮށެވެ. އެ ލައިސެންސް ދިފައި ވަނީ އޮކްޓޯބަރު 13، 2024 އެވެ. އެހެންކަމުން ހޯމަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ވަނީ ހަމަވެފައެވެ.

ޑިވެލޮޕްމެންޓް ބެންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ޚިދުމަތް ނުފެށި އުޅެނިކޮށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް ޑރ.މުހައްމަދު މުއިއްޒު މިދިޔަ2024 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު އުފައްދަވާފައިވާ ބޭންކެކެވެ.

އެ ބޭންކް އުފެއްދި އިރު އެ ބޭންކާއި މެދު ވަރަށް ފޮނި އުއްމީދުތަކެއް ސަރުކާރުން ވަނީ ދީފައެވެ. ސަރުކާރުން އޭރު ބުނެފައި ވަނީ އެ ބެންކުގެ ސަބަބަބުން ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ދެމެހެއްޓެނެވި އިގްތިސާދީ ތަރައްޤީ އަށް ބޭނުންވާ ފައިސާ ލިބޭނެ ކަމަށެވެ. އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމަށާއި އުމްރާނީ ތަރައްޤީ އަށް ބޭނުންވާ ފައިސާ އިންވެސްޓްކުރުމަށް އެކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހަމައެހެންމެ މި ބޭންކް ޤާއިމް ކުރެވުމުން، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ކުޑަކުރެވޭނެ ކަމަށް ސަރުކާރުން އޭރު ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަށް މި ބޭންކުން މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެ ބޭންކް އެކުލަވާލިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު ވީ ވައުދުތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް މި ސަރުކާރު ވަނީ ނުކުޅެދިފައެވެ.

- ކޮމެންޓް