ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބޭނުމަކީ އެމްއެމްއޭ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ ވެނިޓީ ޕްރޮޖެކްޓެއް ހިންގުމަށް މަގުފަހިކުރަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް އެފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމްއެމްއޭ އަށް ވެސް ޤާނޫނީ އޮނިގަނޑު ތަންފީޒްކުރުމަށް އެންމެ މުހިންމުކަމަކީ އެމްއެމްއޭ މިނިވަންވުން ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިއަދު އެމްއެމްއޭގެ މިނިވަންކަމެއް ނެތް ކަމަށާއި މިއީ ޕީޕީއެމް، ޕީއެންސީގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ފެންނަ މަންޒަރެއް ކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޕީއެންސީގެ މި ވެރިކަމާއި މީގެ ކުރިން ޕީޕީއެމްގެ ވެރިކަމުގައި ވެސް އެމްއެމްއޭގެ ރިޕޯޓް އާއްމުންނަށް ތިލަވާ ހިސާބުން އެފްއައިޔޫގެ ވެރިޔާ މަޤާމުން ދުރުކުރާ މަންޒަރު ފެނިފައިވާކަން މީކާއިލް ފާހަގަކުރެއްވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވީ، އެމްއެމްއޭގެ ދައުރު އެމްއެމްއޭ އަށް އޮތީ ވަރަށް ބޮޑަށް އޮޅިފައި ކަމަށެވެ.
"ދައުލަތެއްގެ ސެންޓްރަލް ބެންކްގެ ވާހަކަ މި ދައްކަނީ. މި ދައްކަނީ ސަރުކާރުގެ ގޮނޑި ކޮއްކޮ އެއްގެ ވާހަކަ އެއް ނޫން. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާހު ގެންނަނީ އެމްއެމްއޭ މެދުވެރިކޮށް ރަށެއް ހިއްކަން. ރައީސުލްޖުމްހޫރިއްޔާގެ ވެނިޓީ ޕްރޮޖެކްޓެއް ހިންގުމަށް މަގުފަހިކުރަން." މީކާއިލް ވިދާޅުވިއެވެ.
ރިޒަރވްގައި ހުރި މަދު ޑޮލަރުކޮޅު މިފަދައިން ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ. ކާޑާއި، ތެލާއި، ފެން ގަތުމަށް ހުރި ރިޒަރވް ފައިސާގައި އަތްލުމަކީ ކުރަން ހެޔޮވާނެ ވަރުގެ ކަމެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ.
"ކުރީގައި ޕީޕީއެމް ވެރިކަމުގައި އަންނަނީ މެސެޖެއް އެމްއެމްއޭ ގަވަރުނަރަށް ކޭންވީ މީޓް އޮން ދަ ޓެރަސް ވިތައުޓް ފޯން. މިފަހަރު އަންނަނީ ކޭންވީ މީޓް ވިތައުޓް ދަ ކޮންސްޓިޓިއުޝަން. ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ނުލާ މިކަން ކުރަން ހިނގާށޭ މި ބުނަނީ." މީކާއިލް ވިދާޅުވިއެވެ.
އެމްއެމްއޭ މަސައްކަތް ކުރަން ޖެހޭ ގޮތަށް މަސައްކަތް ކުރަމުން ނުދާ ނަމަ އެމްއެމްއޭ ހިންގުމަށް ބޭނުންވާ ޤާނޫނުތައް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ. އެމްއެމްއޭ މެދުވެރިކޮށް ފައިސާ ހޯދައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެނިޓީ މަޝްރޫޢު އެއް ހިންގަން އުޅޭ ކަމަށް މީކާއިލް ވިދާޅުވެފައި ވަނީ އެމްއެމްއޭގައި ހުރި ރިޒަރވް ފައިސާ ދީގެން ރަސްމާލެ ހިއްކަން އުޅޭކަމަށް ބުނާ ވާހަކަ އަށް އިޝާރާތްކުރައްވައެވެ.