ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ބުދަ ދުވަހު އެކްސްގައި ސަރުވަޝް ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓެއްގައި ސަރުވަޝް ވިދާޅުވީ އެމްއެމްއޭން ފައިނޭންސް ކުރާ ބޮންޑް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން ޕެންޝަން ބޯޑުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ސަރުވަޝް ވިދާޅުވީ އެ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން މަގާމުން އިސްތިއުފާ ދިނުމަށް ނިންމީ ތެދުވެރިކަމާއި ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
I have resigned from the Pension Board after the decision to proceed with the MMA-financed bond.
— Saruvash Adam (@saruvash) October 22, 2025
I believe it raises serious legal, fiduciary, and economic concerns, and I chose to step down to uphold the principles of prudence, integrity, and institutional independence.
ސަރުވަޝްއަކީ މާލީ ދާއިރާގެ މަސައްކަތް ކުރައްވާ އިސް ބޭފުޅެކެވެ.
ސަރުވަޝް މީގެ ކުރިން ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޗެއާޕާސަންގެ މަގާމުގެ އިތުރުން، މާލީ ވުޒާރާގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އެމްއެމްއޭގެ ބޯޑު މެންބަރުކަން ވެސް އަދާކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތައް ކަނޑައެޅުމުގައި ވެސް ދައުލަތުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ސަރުވަޝް މަސައްކަތްކުރައްވާފައެވެ.
ސަރުވަޝް އެންމެ ފުރަތަމަ ދައުލަތުގެ މަސައްކަތަކާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރު، މީރާގެ ޕްރިންސިޕަލް އޮފިސަރުގެ މަގާމުންނެވެ.
މީގެ އިތުރުން ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުވާލައި، މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ފައިސާ ޗާޕު ކުރުމަށް މަސައްކަތް ކުރަނީ އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.