Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2025 | ބުދަ 05:53
ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ: ވިދާޅުވީ ޕެންޝަން އޮފީސް މެދުވެރިކޮށް ޗާޕުކުރާ ފައިސާ އަކީ ކައުންސިލް އިމްތިޙާބުގެ ތެރޭގައި ބަހާނެ ރިޝްވަތުގެ ފައިސާ ކަމަށް
ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ: ވިދާޅުވީ ޕެންޝަން އޮފީސް މެދުވެރިކޮށް ޗާޕުކުރާ ފައިސާ އަކީ ކައުންސިލް އިމްތިޙާބުގެ ތެރޭގައި ބަހާނެ ރިޝްވަތުގެ ފައިސާ ކަމަށް
ރާއްޖެއެމްވީ
ފައިސާ ޗާޕުކުރުން
ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން
އެމްއެމްއޭ އާއި ޕެންޝަން އޮފީހު ގުޅިގެން ހިންގާ އެ ބޮޑު މުއާމަލާތަކީ ކައުންސިލް އިންތިޚާބަށް ބަހާނެ ހަރާމް ރިޝްވަތުގެ ފައިސާ ކަން އިމްރާން ފާހަގަ ކުރެއްވި
މި މުއާމަލާތުގެ ސަބަބުން ޕެންޝަން ސްކީމުގެ މަޤްސަދު ގެއްލި އެއީ ޓެކުހެއްގެ ސިފަ ނަގާ އެއްޗަކަށް ވެގެންދާނެ ކަމަށް ވެސް އިމްރާން ވިދާޅުވި
އެ މުއާމަލާތުގެ ސަބަބުން އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓު އޯވަރޑްރޯ ވެ، އިޤްތިޞާދުގައި ދައުރުވާ ރުފިޔާގެ އަދަދު އިތުރުވެގެންދާނެ

ޕެންޝަން އޮފީހާއި އެމްއެމްއޭ ބައިވެރިވެގެން ހިންގާ 2.5 ބިލިއަން ރުފިޔާގެ ބޮންޑުގެ މުއާމަލާތުން ލިބޭ ފައިސާ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަރާމް ރިޝްވަތުގެ ގޮތުގައި ބޭނުން ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ހޯމަ ދުވަހުގެ ރޭ ހިންގާނެ ކަމަށް ކަށަވަރުކޮށްދެއްވި މި މުއާމަލާތަކީ، އެމްއެމްއޭއިން ފައިސާ ހޯދައިގެން ޕެންޝަން އޮފީހުން ގަންނަ ބޮންޑެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޕެންޝަން އޮފީހުގެ ބޯޑަށް ބިރުދައްކައިގެން، އެ ތަނުގެ އިންވެސްޓްމަންޓެއް ކަމަށް ދޭހަވާ ގޮތަށް މި މުއާމަލާތް ހިންގަން އުޅުނަސް، މިއީ ސަރުކާރުގެ ހިންގުމުގެ ބޭނުމަށް ފައިސާ ޗާޕުކުރުުމެވެ.

ޕެންޝަން އޮފީސް މެދުވެރިކުރައްވައިގެން ރައީސް މުޢިއްޒު ތިޔަ ޗާޕުކުރައްވާ ފައިސާ ސަރުކާރަށް ނަންގަވައިގެން ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބައްސަވަން މަނިކުފާނު އުޅުއްވާނެކަމާމެދަކު އަޅުގަނޑުމެން ޝައްކެއް ނުކުރަން!

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އިމްރާން ފާހަގަކުރެއްވި ގޮތުގައި މި މުއާމަލާތުގެ ސަބަބުން ޕެންޝަން ސްކީމުގެ އަސްލު މަޤްޞަދު ގެއްލި، ޓެކުހެއްގެ ކުލަތައް ޖެހިގެންދާ ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން މި ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ 'ދިއުޅިއެއްނުވާ' ސިޔާސަތު ފެއިލުވެފައިވާ ކަން ދޭހަކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި ފައިސާ ބޭނުންކުރާނީ ކޮންޓްރެކްޓަރުންނަށް ނުދެއްކި ހުރި ދެ ބިލިއަން ރުފިޔާ ދެއްކުމަށް ކަމަށެވެ. އެހެންނަމަވެސް އިމްރާން ވިދާޅުވި ގޮތުގައި މި މުއާމަލާތުގެ ސަބަބުން ޑޮލަރުގެ އަގު އިތުރަށް މައްޗަށް ދާނެއެވެ.

މިކަމުން ދޭހަކޮށްދޭ އަނެއްކަމަކީ އިގުތިސޯދު ހަމަޔަކަށް އެޅުވުމަށްކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަންނަ ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް ގަދަބާރުން ސަރުކާރަށް ނަގައިގެން ހިންގަންއުޅުނު ދިއުޅިއެއްނުވާ ސިޔާސަތު ނުހިނގާ ފޭލިވެއްޖެކަން.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އިމްރާން ވަނީ މުއިއްޒު ވިދާޅުވެފައިވާ ގޮތާ ހިލާފަށް، ފައިސާ ޗާޕުކުރުމުން ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޕެންޝަން އޮފީހާއި އެމްއެމްއޭ ބައިވެރިވެގެން ހިންގާ މުއާމަލާތަކީ ފައިސާ ޗާޕުކުރުން ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދާއިރު، ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށެއެވެ. އަދި މި ފައިސާ ބޭނުންކުރަނީ ކޮންޓްރެކްޓަރުންނަށް ނުދެއްކި ހުރި ދެ ބިލިއަން ރުފިޔާ ދައްކަން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވީ ނަމަ ވެސް އިޤްތިޞާދީ މާހިރުން ވެސް ފާހަގަކުރާ ގޮތުގައި މި މުއާމަލަތަކީ ފައިސާ ޗާޕުކުރުމެވެ.

އަދި އެ މުއާމަލާތުގެ ސަބަބުން އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓު އޯވަރޑްރޯ ކުރެވި، އިޤްތިޞާދުގައި ދައުރުވާ ރުފިޔާގެ އަދަދު އިތުރުވެގެންދާނެއެވެ. މިއީ ސީދާ ފައިސާ ޗާޕުކުރުން މި ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް