މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުން ނަމަ، މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރަން ނަން ފޮނުވާ އިރު މިހާރަށް ވުރެ ގިނަ ނަން ފޮނުވަން ޖެހޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، ހިއުމަން ރައިޓްސް ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާފައިވާ މައްސަލަ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.
ޒިޔާދު ވިދާޅުވީ މިހާރު މިނިވަން ކޮމިޝަންތަކަށް ނުވަތަ މުއައްސާތައް މީހުން އައްޔަންކުރުމަށް ނަންތައް ފޮނުވާ އިރު ގިނަ ފަހަރު ނަން ފޮނުވަނީ، އައްޔަން ކުރަން ބޭނުންވާ އަދަދަށް ކަމަށެވެ. އެހެންނަމަވެސް މިނިވަން ކޮމިޝަންތަކަށް ނަން ހުށަހަޅާ އިރު މިހާރަށް ވުރެ ގިނަ ނަންތައް ހުށަހަޅައިފި ނަމަ އެ މަޤާމުތަކަށް އެކަށީގެންވާ މީހުން ނެގުމަށް މަގުފަހިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
"އެޕްލައިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު ފަރާތްތަކުގެ ނަންތައް ހުށަހެޅެން އެބަ ޖެހޭ. މަޖިލީހުން އިންޓަރވިއުކޮށްގެން މި ބޭފުޅުން ހޮވާ ގޮތަށް އޮންނަ އިރު. މިފަދަ ކޮމިޝަންތަކަށް ރައްޔިތުންގެ އިތުބާރު އޮންނަން ޖެހޭ އިރު އެ އިތުބާރު ކަށަވަރުކުރުމަށް ވެސް އެކަން ކުރަން އެބަ ޖެހޭ." ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު އެފަދައިން ވިދާޅުވެފައިވާ އިރު ފަހަކަށް އައިސް މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި މެމްބަރުންނަށް ނުފޫޒު ފޯރުވާކަމުގެ އަޑު ވަނީ ގަދަވެފައެވެ. އެގޮތުން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ކޮމިޓީ މަރުހަލާގައި ވެސް ވަކި ގޮތަކަށް ކަންކަން ނިންމުމަށް މެމްމަބަރުންނަށް ޕްރެޝަރކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.