Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2025 | އަންގާރަ 15:18
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ)
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ)
މަޖުލިސް
އެސްއީޒެޑް
މުޅި ދައުލަތް މި ދަނީ "ކޮޅުދާއްޔަށް" ބައްޓަން ކުރަމުން، 20 ވަނަ މަޖިލީސް ވެސް ދަނީ އެ ދިމާލަށް - ޒިޔާދު
އެސްއީޒެޑް އަށް ހުށަހެޅި އިސްލާހުގެ މަގްސަދާއި މެދު އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ސުވާލު އުފައްދާފަ

މި ސަރުކާރާއި އެކު، މުޅި ދައުލަތް މި ދަނީ "ކޮޅުދާއްޔަށް" ބައްޓަން ކުރަމުން ކަމަށާއި 20 ވަނަ މަޖިލީސް ވެސް ދަނީ އެ ދިމާލަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ޒިޔާދު އެފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 24/2014 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

ދައުލަތް ކޮޅުދާލިކޮޅެއް ގޮތަށް ބައްޓަން ކުރަމުންދާ ކަމަށް ޒިޔާދު ވިދާޅުވީ ވެރިކަން ކުރުމުގެ ބާރުތައް އެއްކޮށްލާ އެކަމުގެ ނާޖާއިޒް ފައިދާ ނެގުމަށް ރައީސް މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ.

އަންގާރަ ދުވަހު މަޖިލީހުގައި ސްޕެޝަލް އިކޮނޮމިކް ޒޯނު ކަނޑައެޅުމާއި މެދު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދެއްކި ވާހަކަތަކުން އެކަމުގެ ފަހަތުގައިވާ ސަބަބުތަކާއި މެދު ވަރަށް ބޮޑަށް ސުވާލު އުފެދުނު ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ. ރާއްޖެގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތަށް ހަމަޖެއްސީ ވެސް ޕީއެންސީ ފިކުރު އޮތް ސަރުކާރަކުން ކަން ޒިޔާދު ވަނީ ފާހަގަ ކުރައްވާފައެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭރު މަޖިލީހުގައި ތިއްބެވި ގިނަ ބޭފުޅުން މިއަދު ވެސް މަޖިލީހުގައި އެބަ ތިއްބެވި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭރު ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ކުއްޔަށް ދެވޭ ގޮތް ހެދީ 18 ވަނަ މަޖިލީހުގެ ފުރިހަމަ ބާރުވެރިކަން ސަރުކާރަށް ނެގުމަށް ފަހުގައިކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

"މަޖިލީހުގައި ވެސް އެތައް ކަމެއް ކޮށްގެން އެކަން ކުރީ. އެކަމާއި އަޅުގަނޑުމެން ދެކޮޅު ހެދީ. އިންވެސްޓްމެންޓާއި ދެކޮޅަކަށް ނޫން އޭރުވެސް ވާހަކަ ދެއްކީ. އެ ވާހަކަ އޭރު މެމްބަރަކު ދެއްކީމަ 100 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރި. ދެން ފަހުން 25 އަހަރަ އެއީ ކަން ހިނގި ގޮތް." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކަށް ފ. އަތޮޅު ވިއްކާލުމަށް ކުރި މަސައްކަތަށް އިޝާރާތް ކުރައްވައެވެ. އަދި އޭރު އެކަމާއި ދެކޮޅަށް ވާހަކަ ދެއްކި މެމްބަރުން ޖަލަށް ލުމާއި މެމްބަރުންގެ ގޮނޑި ގެއްލުން ފަދަ ކަންކަން ހިނގިކަން ޒިޔާދު ވަނީ ފާހަގަކުރައްވާފައެވެ.

ޒިޔާދު ވަނީ އޭރު މަޖިލިސް ވެސް ހިންގީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކަމަށާއި މިހާރު 20 ވަނަ މަޖިލިސް ވެސް ހިނގަމުން ދަނީ އެ ދިމާލަށް ކަމަށް ފާހަގަ ކުރައްވާފަ އެވެ. މީގެ އިތުރުން އިންވެސްޓަރުން ރާއްޖެ އަށް ނާންނަނީ ރާއްޖޭގެ ޝަރުޢީ ނިޒާމަށް އޮންނަ އިތުބާރު ކުޑަވުމުން ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު މަސައްކަތް ކުރަނީ އަނެއްކާ ވެސް ވެރިކަމުގެ ހުރިހާ ބަރެއް ޖަމާކޮށްގެން ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެެވެ.

ސަރުކާރުން ކަނޑައަޅާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ސަރަހައްދުތަކުގައި ސަސްޓެއިނެބަލް ޓައުންޝިޕް ނުވަތަ އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ތަންތަން ތަރައްޤީ ކުރުމަށް އިސްލާހެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އަދި އެސްއީޒެޑް ސަރަހައްދުތައް ތަރައްޤީ ކުރާ އިރު ތިމާވެށްޓާ ރައްޓެހި ކޮށް އެތަންތަން ތަރައްގީ ކުރުމަށް ކަނޑައެޅުމަށް އެ އިސްލާހުގައި ވަނީ ހިމަނާފައެވެ. އެ އިސްލާހުގެ މަގްސަދާއި މެދު އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ.

- ކޮމެންޓް