ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވައިިފިއެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ޝަހީމް ވިދާޅުވީ މިދިޔަ ސަރުކާރުގައި ދެ ޚުތުބާއެއް ނުކިޔަން ނިންމައި ފޮރުވާފައިވާ ކަމަށެވެ. އެއީ ރިބާގެ މައުޟޫއަށް އޮތް ޚުތުބާއެއްގެ އިތުރުން ވެރިމީހާގެ މަސްއޫލިއްޔާތު މި މައުޟޫއަށް އޮތް ޚުތުބާއެއް ކަމަށެވެ.
ނަމަވެސް މި ސަރުކާރުގައި މިދިޔަ އަހަރުގެ ތެރޭގައި މި ދެ ޚުތުބާ ކިޔާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 2 ޚުތުބާއެއް އޮތް ފޮރުވާފައި. އެއް ޚުތުބާއަކީ ރިބާގެ ޚުތުބާ. އަނެއް ޚުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ޚުތުބާ. މީގެ ތެރެއިން އެއް ޚުތުބާ ލިޔުއްވީ އުސްތާޒު އިބްރާހިމް ރަޝީދު މޫސާ، އަނެއް ޚުތުބާ ލިޔުއްވި ބޭފުޅަކު އަޅުގަނޑު ސީދާ މިވަގުތު ހަނދާނެއް ނެތް. މި ޚުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވާ ޚުތުބާތައް އޮތީ ނުކިޔާ ގޮތަށް ނިންމަވާ ފޮރުވާފައި. އޮއްވާ އަޅުގަނޑުމެން މިސަރުކާރުން މި ދެ ޚުތުބާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކިޔާފައި. އަޅުގަނޑުމެން ދެންނެވީ ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވާކަށް ނުވާނޭ. އެވާހަކަ ޖެހޭނޭ ކިޔަން.
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު![]()
މިނިސްޓަރު ޝާހީމް ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖެއެމްވީއަށް ރައީސް ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، ޚުތުބާއާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
ޑރ.ޒާހިރު ވިދާޅުވީ އެއްވެސް ޚުތުބާއެއް ފޮރުވާފައި ނޯންނާނެ ކަމަށާއި، އެއްވެސް ޚުތުބާއެއް ނުކިޔަން އަންގާފައި ވެސް ނުވާ ކަމަށެވެ. އަދި ޚުތުބާގެ އެންމެހައި ކަންކަން ކުރަމުންދަނީ ޚާއްސަ ކޮމެޓީއަކުން ކަމަށް ވިދާޅުވިއެވެ.
މިހާރު އޭގައި ކަންކުރާ ގޮތަކީ އޮންނާނެ ޚުތުބާ ކޮމެޓީއެއް. ފުރަތަމަ ސެކްޝަނުން އޮންނާނެ ކިޔަން ކަނޑައަޅާފައި ޚުތުބާ ލިސްޓް ކޮށްފައި. މިދިޔަ ސަރުކާރުގައި ހުންނާނެ ވަރަށް އައު ޚުތުބާތައް ކިޔާފައި. ޚުތުބާތައް ލިޔެފައި އައު ޚުތުބާތައް ކިޔާނީ. އާއްމުކޮށް ކަން ކުރާގޮތަކީ ސެކްޝަނުން ގެންނާނީ ޚުތުބާތައް މިނިސްޓަރާ ހަމައަށް. ދެން ޚުތުބާ ގެންދަނީ ކޮމެޓީއަށް. ކޮމެޓީން ބަލާނެ ހަދީސްތަކާއި މާނައާއި، އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ނުވަތަ ނެތްތޯ. އެކަހަލަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ ރަނގަޅުކުރާނެ. އެއީ ހަދީސްއާއި، މާނައަށް. ދެން އެ ޕަބްލިޝް ކުރާނީ. އެއްވެސް ޚުތުބާއެއް އެހެން ފޮރުވާފައި ނޯންނާނެ. ނުކިޔަން ވެސް ނުނިންމަން. އެކަހަލަ އެއްވެސް ވާހަކައެއް މިނިސްޓްރީން ނޯންނާނެ ކޮށްފައި. އަޅުގަނޑެއް ހަމަގައިމު ވެސް ނާންގަން. އަޅުގަނޑަށް ހިޔެއް ނުވޭ ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ޚުތުބާއެއް ފޮރުވާފައި ބާއްވާނެ ހެންނެއް. އެއީ ހަމަ ކަނޑައެޅިގެން ދޮގެއް.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ![]()
މީގެ އިތުރުން ޑރ.ޒާހިރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ގިނައިން ކިޔާފައިވާނީ މުޅިން ވެސް އައު ޚުތުބާތައް ކަމަށާއި، ވަރަށް މަދު ޚުތުބާއެއް ނޫނީ ތަކުރާރު ކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުގައި ވަރަށް ގިނައިން ޚުތުބާތައް ތަކުރާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ވެސް އިސްލާހުކޮށް، ތަފާތު މައުޟޫއުތަކަށް ޚުތުބާ ލިޔެވި ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެމުނާސަބު ގަޑީގައި އެ ހުރިހާ މައުލޫމާތެއް ޚުތުބާގެ ޒަރިއްޔާއިން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.