ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް 362 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށް، މަރުކަޒީ ބޭންކުން ބުނެފި އެވެ.
ބޭންކު ތަކަށް ޑޮލަރު މާރު ކުރުން، ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމު ކުރާ ބޭރު ފައިސާއާ ބެހޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ އެ ބިލު ތަސްދީޤު ކުރައްވައި، ޑޮލަރު މާރު ކުރުން މަޖުބޫރު ކުރުވި އެވެ.
އެ ދުވަހުން ފެށިގެން މިހާތަނަށް ބޭންކަށް މަރުކޮށްފައިވާ ޑޮލަރުގެ އަދަދަކީ ކޮބައިތޯ ސުވާލުކޮށް ރާއްޖެ ޓީވީ އިން ހުށަހެޅި އާރުޓީއައި އަށް ޖަވާބު ދެމުން އެމްއެމްއޭ އިން ބުނެފައި ވަނީ، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރު ފައިސާގެ ޤާނޫނުގެ ދަށުން 362 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ބުނެފައި ވަނީ، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މާރު ކުރާ ޑޮލަރުގެ 60 އިންސައްތަ އެމްއެމްއޭ އަށް ވިއްކާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބޭންކުތަކަށް ދޫކޮށްފައިވާ އަދަދާ ގުޅޭ ގޮތުން އެމްއެމްއޭ އިން ބުނެފައި ވަނީ، 2025 ޖޫން އެއް ވަނަ ދުވަހުން ފެށިގެން އެމްއެމްއޭ އަށް 90 އިންސައްތަ ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 30 އިންސައްތަ އަކީ ބޭންކުތަކަށް އަނބުރާ ދޫކުރާ އަދަދު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އިތުރަށް އެމްއެމްއޭ އިން ބުނެފައި ވަނީ ބޭންކުތަކަށް ދޫކުރެވޭ ފައިސާ ބޭނުން ކުރާނީ އާންމުންގެ އެކި އެކި ޒަރޫރީ ބޭނުންތަކަށާއި، ކާބޯ ތަކެތި އެތެރެ ކުރުން ފަދަ ހޭދަތަކަށް ކަަމަށެވެ. އަދި އެ އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.
މި ސަރުކާރުން ބޭރު ފައިސާ މާރު ކުރުމުގެ ޤާނޫނަށް ގެނައި އިސްލާހަކީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އިސްލާހެކެވެ. ޚާއްސަކޮށް ޓުވަރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައި ވަނީ، އެއީ ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ގެއްލުން ވާނެ ފަދަ އިސްލާހެއް ކަމަށެވެ.