އެމްޑީޕީގެ ޕާާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ޤަވަރުނަރު އަޙުމަދު މުނައްވަރުއާ ބައްދަލު ކުރަން ދެ ވަނަ ދުވަހު ދިޔުމުން ވެސް، ބައްދަލު ކުރުމަށް ގަވަރުނަރު ދެކޮޅު ހަދައިފި އެވެ.
އެންމެ ފުރަތަމަ އެމްޑީޕީގެ ޕީޖީ ގުރޫޕުން ގަވަރުނަރާ ބައްދަލު ކުރަން ދިޔައީ ހޯމަ ދުވަހު އެވެ. އެހެން ނަމަވެސް ދެ ގަޑިއިރަށް ވުރެ ގިނައިރު ވީއިރު ވެސް، އެމްޑީޕީގެ މެމްބަރުންނާ ގަވަރުނަރު ބައްދަލު ކުރައްވާފައި ނުވެ އެވެ.
ދެ ވަނަ ފަހަރަށް އެމްޑީޕީގެ މެމްބަރުން ވަނީ އަންގާރަ ދުވަހު ވެސް ގަވަރުނަރާ ބައްދަލު ކުރުމަށް އެމްއެމްއޭ އަށް ގޮސްފަ އެވެ. ނަމަވެސް ގަޑިއިރު ވީއިރު ވެސް ގަވަރުނަރު އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ނުކުރެއްވި އެވެ.
އެމްޑީޕީގެ މެމްބަރުން ގަވަރުނަރާ ބައްދަލު ކުރުމަށް ބޭނުން ވަނީ، ރާއްޖޭގެ ޑޮލަރުގެ ރޭޓު ހިފެހެއްޓުމެއްް ނެތި މަތިވަމުން އަންނަ މައްސަލައިގައި، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން އިތުރުވެފައިވާތީ އެވެ. މިވަގުތު ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާ އިން މަތީގަ އެވެ.
އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރުމަށް ގަނަވަރު ދެކޮޅު ހަދަމުން އަންނާތީ، އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފަ އެވެ. އަދި ގަވަރުނަރާ ބައްދަލުވަންދެން ކޮންމެ ދުވަހަކު އެމްއެމްއޭ އަށް ދިޔުމަށް ވެސް ވަނީ ނިންމައިފަ އެވެ.