އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފުލުހުންގެ ޚިދުމަތުން ބުނީ އަބްދުއްރަހުމާނުގެ މަރާއި ގުޅިގެން އަދި މިހާތަނަށް ޝައްކުކުރެވޭ މީހަކަުވެސް ދެނެގަނެވިފައި ނުވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ގެންދަނީ ކުރަމުން ކަމަށެވެ.
އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި މަރުގެ ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމުގައެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ފުލުހުން ވަނީ މި ތަހުގީގަށް މަރުހޫމް އަބްދުއްރަހުމާނުގެ އަންހެނުންގެ ފޯނު ކޯޓުއަމުރެއްގެ ދަށުން ހިފަހައްޓާފައެވެ. އެހެން ނަމަވެސް ފުލުހުން މިކަން ދޮގުކުރެއެވެ.
12 ޖުލައި 2025 ވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ އަބްދުއްރަހުމާނަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެރޭގެ ފަތިހު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ އޮތީ ޗަސްކޮށްލާފައެވެ.