އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ނަމަ، އެފަދަ ފަރާތްތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅަން ފުލުހުން އެދިއްޖެެއެވެ.
ފުލުހުން ބުނެފައި ވަނީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސް ޕްރައިވެޓް ލިމިޓެޑުން އުމްރާ އަށް މީހުން ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގާ، އުމްރާ އަށް ދިއުމުގެ އިންތިޒާމް ހަމަޖައުމްއްސާދީފައި ނުވާ ކަމަށް ބުނާ މައްސަލަ އެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ކަމާއި ގުޅުން ހުރި އިދާރާތަކާއި މަޝްވަރާކޮށް، ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ގްރޫޕްގެ ފަރާތުން މިފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާ ނަމަ އެކަން އިނޮކޮމިކް ކްރައިމްގެ ނަމްބަރު 9790048 އަށް ގުޅައިގެން ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.
އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށް ފަހު ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ބުދަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށެއެވެ.
މިމައްސަލަ ފެންމަތިވީ އަސްކޮއި ގުރޫޕުން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ މިއަހަރު ލާރި އަތުލުމަށްފަހު، ގަލްފު ހަނގުރާމައިގެ ސަބަބުން މިމަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައި އޮތް ދަތުރު ނުދެވޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ފޮނުވި މެސެޖް ސޯޝަލް މީޑިޔާގައި އާންމުވުމުންނެއެވެ. އަދި މެސެޖް ފޮނުވުމަށްފަހު ދެން އޮތީ އެނަންބަރު ނިއްވާލާފައި ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެއެވެ. އަދި މިމީސް މީހުންގެ ޕާސްޕޯޓް ވެސް ވީ އޭނާ އަތުގައި ކަމަށް މައުލޫމާތް ލިބެއެވެ.
މިދިޔަ މާރޗު މަހުގެ ކުރީކޮޅު ވެސް ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އަސްކޮއި ގުރޫޕުގެ އެހީގައި ރަމަޟާން މަހު އުމްރާއަށްދާން ފައިސާ ދެއްކި ބަޔަކަށް ނުފުރިފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި މައްސަލައިގައި އަސްކޮއި 130,000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި އެ ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އަންގާފައިވާނެ ކަމަށް, އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވެ ބައެއް ޖަމާއަތްތަކުގެ ހުއްދަވެސް މީގެ ކުރިން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް މި އަސްކޮއި ގުރޫޕް ގެ ހުއްދަ މިހާތަނަށް ކެންސަލް ކޮއްފައި ނުވަނީ ކީއްވެގެން ކަމެއް އެގިފައެއް ނުވެއެވެ.